ކ. މާލެ
|
8 އޯގަސްޓް 2018 | ބުދަ 08:39
ޗެލްސީއިން އަގު ބޮޑުކޮށް ގެންނަން މަސައްކަތްކުރަނީ އުމުރުން އެންމެ 23 އަހަރުގެ ކީޕަރު ކެޕާ
ޗެލްސީއިން އަގު ބޮޑުކޮށް ގެންނަން މަސައްކަތްކުރަނީ އުމުރުން އެންމެ 23 އަހަރުގެ ކީޕަރު ކެޕާ
ގެޓީ އިމޭޖަސް
އިނގިރޭސި ޕްރިމިއަރ ލީގު
ރެކޯޑް ފީއަކަށް ކީޕަރެއް ގެންނަން ޗެލްސީއިން މަސައްކަތްކުރަނީ
ޗެލްސީއިން ހުށަހަޅާފައިވާ އަގަކީ 71 މިލިއަން ޕައުންޑް

ދުނިޔޭގެ ރެކޯޑް ފީއަކަށް ސްޕެއިންގެ ކީޕަރު ކެޕާ އަރިޒަބަލާގާ ގެންނަން އިނގިރޭސި ޕްރިމިއަރ ލީގުގެ ޗެލްސީއިން ވާހަކަ ދައްކަމުން އެބަދެއެވެ. 

ސްޕެއިންގެ އެތުލެޓިކޯ ބިލްބާއޯގެ ގޯލު ބަލަހައްޓަމުންދާ ކެޕާ ގަންނަން ޗެލްސީއިން ހުށަހަޅާފައިވާ އަގަކީ 71 މިލިއަން ޕައުންޑެވެ. އުމުރުން އެންމެ 23 އަހަރުގެ ކެޕާއަކީ ސްޕެއިންގެ ޤައުމީ ޓީމުގެ އެއް ނަމްބަރު ކީޕަރ ޑޭވިޑް ޑެ ހެއާ ނެތް ޙާލަތެއްގައި ޤައުމީ ޓީމުގެ ގޯލު ބަލަހައްޓާ 2 ނަމްބަރު ކީޕަރެވެ. އޭނާ ވަނީ އެއް މެޗުގައި ޤައުމީ ޓީމުގެ ގޯލުވެސް ބަލަހައްޓާފައެވެ.

ޗެލްސީއިން ހުށަހަޅާފައިވާ އަގުގައި ކެޕާ އެޓީމަށް ގޮސްފިނަމަ މިޓްރާންސްފަރ ވެގެންދާނީ ލިވަރޕޫލްއިން މިދިޔަ ޖުލައި މަހު އެލިސަން ގެންދިޔުމަށް ކުރި ޚަރަދަށްވުރެ އަގުބޮޑު ޓްރާންސްފަރއަކަށެވެ. ލިވަރޕޫލްއިން އެލިސަން ގެންދިޔައީ 66.8 މިލިއަން ޕައުންޑަށެވެ. 

ބޮޑު އަގުގައި ކީޕަރެއް ގެނައުމުގެ ވާހަކަތައް ޗެލްސީއިން މިފެށީ އެޓީމަށް ކުޅޭ ބެލްޖިއަމްގެ ކީޕަރު ކޯރޓޮއިސް ރެއާލްމެޑްރިޑަށް ބަދަލުވާން އުޅޭކަމުގެ އަޑުތައް ގަދަވެފައިވަނިކޮށް، އޭނާގެ ބަދަލުގައިކަމަށް ބައެއް ފަރާތްތަކުން ބުނެއެވެ. 

ޒުވާން ކީޕަރު ކެޕާއާއި މެދު ޗެލްސީގެ ކޯޗު މޮރީޒިއޯ ވަރަށް ބޮޑަށް ހިތްހަމަޖެހޭކަމަށް ބީބީސީއިން ބުނެއެވެ. އޭނާ ވަނީ މިދިޔަ 2 ސީޒަނުގައި ބިލްބާއޯގެ ޓީމަށް ކުޅެ، ލަލީގާގެ 53 މެޗު ކުޅެފައެވެ.

މި ޓްރާންސްފަރ ވެގެންދާނީ ޗެލްސީގެ ތާރީޚުގައިވެސް ރެކޯޑަކަށެވެ. މިދިޔަ ހޫނު މޫސުމުގެ ޓްރާންސްފަރގައި ޗެލްސީއިން ސްޕެއިންގެ ސްޓްރައިކަރ އަލްވާރޯ މޮރާޓާވެސް ގެނައީ 58 މިލިއަން ޕައުންޑަށެވެ. 

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް