މި އަހަރުގެ ރިޔާސީ އިންތިޚާބުގައި ޒަމީރު ގަބޫލުނުކުރާ ގޮތަކަށް ވޯޓުދީފި ނަމަ އެކަމުގެ ހިތާމަ ކުރަންޖެހޭނެ އަދާލަތު ޕާޓީގެ ނާއިބު ރައީސް އަލީ ޒާހިރު ވިދާޅުވެއްޖެއެވެ.
އިދިކޮޅު ކޯލިޝަނުން ލ. ގަމުގައި ބާއްވާ ޖަލްސާގައި ވާހަކަ ދައްކަވަމުން އަލީ ޒާހިރު ވިދާޅުވީ ވޯޓު ހޯދުމުގެ ނަމުގައި ތަފާތު އެކި މާލީ ހުށަހެޅުންތަކާއި މާއްދީ ހުށަހެޅުންތައް މިސަރުކާރުގެ ބޭފުޅުން ރައްޔިތުންނަށް ހުށަހަޅަމުންދާކަން ކަމަށާއި އަލީ ޒާހިރު ވިދާޅުވީ ދިއްކޮށްލާ ސިޓީ އުރައަކަށް ނުވަތަ ދޭ ޓިކެޓަކަށް ނުވަތަ ހުށަހަޅާ ވަޒީފާއަކަށް ވޯޓު ދިނުމަކީ މޮޔަ ކަމެއް ކަމަށެވެ.
އަލީ ޒާހިރު ވިދާޅުވީ ރަށް ރަށުގެ ރައްޔިތުން އިދިކޮޅު މެންބަރުންގެ ކަރުގައި އަޅުވަމުންދާ މާފަތިތަކުން ވެސް ރައީސް ޔާމިނަށް ތާއީދު ނެތް ކަން ކަށަވަރުވާ ކަމަށާއި، ރައީސް ޔާމިނަށް ލިބޭ ވޯޓަށް ވުރެ ގިނަ މާފަތި އިބޫ ކަރުގައި ރައްޔިތުން އަޅުވަމުން އަންނަ ކަމަށެވެ.
އަލީ ޒާހިރު ވިދާޅުވީ އިދިކޮޅު ކޯލިޝަނުން މަސައްކަތް ކުރަނީ ރައްޔިތުން ދިމާވެފައި ހުރި އެކި ދަތިތަކާއި އުނދަގޫތަކުން ރައްޔިތުން ސަލާމަތް ކުރުމަށް ކަމަށާއި، ކޮންމެ މީހަކަށް ވެސް އެމީހެއްގެ ހައްގު ހޯދައިދޭނެ ކަމަށެވެ.
"މިހުރިހާ ކަމެއްގެ ކުރިން އަޅުގަނޑުމެން ރަށްތަކަށް އަތޮޅުތަކަށް ރައްޔިތުންނާއި ބައްދަލުކުރުމުން އަޅުގަނޑުމެންނަށް ލިބިގެންދާ މެސަޖަކީ ތަރައްގީގެ މަޝްރޫއުތަކާއި މިހުރިހާ ކަމަކަށް ވުރެ ކުރިން ހުރިހާ އެންމެން ވެސް ބޭނުން ވަނީ އަދުލް އިންސާފުކަން. މިނިވަންކަން ހަމަކަން. އަޅުގަނޑުމެންގެ ތެރޭގައި ވަނީ ފާޑެއްގެ ބިރުވެރިކަމެއް އުފައްދާފައި. އެކަން ތައްތައް ނިމުމަކަށް ގެނެސް އޭގެ ފަހުން އަޅުގަނޑުމެން ރައްޔިތުން އެދެމުން މިދަނީ ތަރައްގީގެ މަޝްރޫއުތަކަށް،" އަލީ ޒާހިރު ވިދާޅުވިއެވެ.
އަލީ ޒާހިރު ވިދާޅުވީ މި އަހަރުގެ ރިޔާސީ އިންތިޚާބުން މި އަނިޔާވެރިކަން ނިމުމަކަށް ގެނެސް ރައްޔިތުން އެދޭ ތަރައްގީ ގެނެސްދޭނެ ކަމަށެވެ.