ރާއްޖޭ ގައުމީ އަންހެން ޓީމު ބަހުރޭންއާ ދެކޮޅަށް ކުޅުނު ދެވަނަ މެޗުން ވެސް ބަލިވެއްޖެ އެވެ.
އަންގާރަ ދުވަހު ކުޅުނު މި މެޗުން ރާއްޖެ ބަލިވީ 1-3 ގެ ނަތީޖާއަކުންނެވެ. މި މެޗުގައި ރާއްޖޭގެ ޓީމަށް ލަނޑު ޖަހައިދީފައި ވަނީ ކެޕްޓަން ފަދުވާ ޒާހިރެވެ.
މި މެޗުގެ އިތުރުން ފާއިތުވި ހޮނިހިރު ދުވަހު ވެސް ރާއްޖެ ވަނީ މެޗެއް ކުޅެފަ އެވެ. މި މެޗުން ރާއްޖެ ބަލިވީ 1-5 ގެ ތަފާތު ބޮޑު ނަތީޖާއަކުންނެވެ.
ޓީމާއެކު މިވަގުތު ބަހުރޭނުގައި ހުންނަވާ އެފްއޭއެމްގެ ނައިބު ރައީސް އައިޝަތު ނާޒިމާ ރާއްޖެއެމްވީ އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ ރާއްޖެއިން ކުޅުނު ދެ މެޗުގައި ވެސް ކުޅުންތެރިންގެ ފަރާތުން މޮޅު ކުޅުމެއް ފެމިގެންދިޔަ ކަމަށެވެ. އަދި މިއީ އެކުވެރިކަމުގެ މެޗުތަކެއް ކަމުން މި މެޗުން ކުޅުންތެރިންނަށް ވަރަށް ރަނގަޅު އެކްސްޕީރިއަންސެއް ލިބިގެންދިޔަ ކަމަށް ގަބޫލުކުރާ ކަމަށް ވެސް ނާޒިމާ ވިދާޅުވި އެވެ.
ބަހުރޭން އަށް ކުރަމުންދާ ދަތުރު ނިންމާލުމަށްފަހު އަންހެން ޓީމު އެނބުރި އައުމަށް ހަމަޖެހިފައިވަނީ އަންނަ ހޮނިހިރު ދުވަހު އެވެ.
ގައުމީ އަންހެން ޓީމު ވަނީ ނިމިގެންޔަ އަންހެން ސާފް ޗެމްޕިއަންޝިޕްގައި ވާދަކޮށް މުބާރާތުގެ ސެމީ ފައިނަލުންވެސް ފުރަތަމަ ފަހަރަށް ޖާގަ ހޯދާފައެވެ. މީގެއިތުރުން އަންހެން ޓީމު ވަނީ މިދިޔަ އަހަރު ފަހު ކޮޅު ޔޫއޭއީގައި ކޭމްޕްކޮށް އެގައުމާ ދެކޮޅަށް ކުޅުނު މެޗުވެސް ކާމިޔާބުކޮށްފަ އެވެ.