ހުޅުމާލޭގައި ޒުވާނެއްގެ ހަށިގަނޑުގެ އަށް ތަނަކަށް ތޫނު އެއްޗަކުން ހަމަލާދީ ޒަޚަމްކޮށްލައިފިއެވެ.
ހުޅުމާލޭގައި އެސްޓީއޯއިން ހަދަމުންދާ ހޮޓަލެއްގެ ކައިރީގައި އަންގާރަ ދުވަހުގެ ހެނދުުނު 7.00 ހާއިރު ހިނގި މި ހާދިސާގައި ޒަޚަމްވެފައިވަނީ އުމުރުން 25 އަހަރުގެ ފިރިހެނަކަށެވެ.
ހުޅުމާލޭ ހޮސްޕިޓަލް ހިންގާ އާސަންދަ އޮފީހުގެ މީޑިއާ އޮފިޝަލް އާޝިޔާ ސޯލިހް ވިދާޅުވީ، ތޫނު އެއްޗަކުން ހަމަލާދީގެން ޒުވާނަކު މިއަދު ހެނދުނު 7.10 ހާއިރު އެ ހޮސްޕިޓަލަށް ގެނެވުނުކަމަށެވެ. އޭނާ ހޮސްޕިޓަލަށް ގެނައީ ފުލުހުންނެވެ. އޭނާއަށް ހުޅުމާލޭ ހޮސްޕިޓަލްގައި ފަރުވާ ދިނުމަށްފަހު، އާއިލާގެ އެދުމުގެ މަތިން މިއަދު 11.30 އޭނާ ވަނީ ޓްރީޓޮޕް ހޮސްޕިޓަލަށް ބަދަލުކޮށްފައިކަމަށް އާޝިޔާ ވިދާޅުވިއެވެ.
އާޝީޔާ ވިދާޅުވިގޮތުގައި އޭނާގެ ހާލު ސީރިއަސްއެއްނޫނެވެ. ފުލުހުން ބުނީ މި މައްސަލައިގައި އެއްވެސް މީހަކު އަދި ހައްޔަރު ނުކުރާކަމަށެވެ. އެހެންނަމަވެސް މައްސަލަ ތަހުގީގުކުރަމުންދާކަމަށް ބުންޏެވެ.