ނޫސްވެރިޔާ އަހްމަދު ރިލްވާން މަރުވި ކަމަށް ރައީސުލް ޖުމްހޫރިއްޔާ އަބްދުﷲ ޔާމީން ވިދާޅުވުމަކީ ވަރަށް އިހާނެތިކޮށް އެމަނިކުފާނު ކުރެއްވި ކަމެއް ކަމަށް އިދިކޮޅު ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) ވިދާޅުވެއްޖެއެވެ.
ގުޅިފައިވާ އިއްތިޙާދުން ލ. އަތޮޅާއި ތ. އަތޮޅަށް ކުރަމުންދާ ކެމްޕޭން ދަތުރުގެ ތެރެއިން ލ. މާބައިދޫ ރައްޔިތުންނާ މުހާތަބު ކުރައްވާ ވާހަކަ ދައްކަވަމުން އިބޫ ވިދާޅުވީ އެއީ ޤައުމެއްގެ ވެރިއަކަށް ހުންނަވާ ބޭފުޅަކު ކޮށްގެންވާނެ ކަމެއް ނޫން ކަމަށާއި ރިލްވާނުގެ އައިލާއިން އެކަމުގެ ހަޤީޤަތް ހޯދުމަށްޓަކައި ސަރުކާރުގެ މުއައްސަސާތަކަށް ހިނގި އަދަދު ގުނާ އަދަދު ނުކުރެވޭ ކަމަށެވެ. އަދި އެއްވެސް ތާކުން ރިލްވާންގެ އާއިލާއަށް ޖަވާބު ލިބިފައިނުވާ ކަމަށް އިބޫ ވިދާޅުވިއެވެ.
ތަހުޤީޤެއް ކުރެވި ޝަރީއަތް ނިމުނުއިރު ވެސް ރިލްވާން މަރުވިކަން ޝަރީއަތަށް ހާމަވެފައިނުވާ ކަމަށް ވިދާޅުވެ އިބޫ ވަނީ އެ މައުލޫމާތު ރައީސް ޔާމީންއަށް އެނގިވަޑައިގެންނެވިއިރު އެކަން ޝަރީއަތަށް ހާމަނުކުރެއްވީ ކީއްވެގެންތޯ ސުވާލު އުފައްދަވާފައެވެ.
"ޤައުމެއްގެ ވެރިއަކަށް ހުންނަވާ ބޭފުޅަކު ކުރައްވާ ވަރުގެ ކަންތައްތަކެއް ނޫން އެ ކުރައްވަނީ މިފަދަ އެތައް ކަމެއް އެބަ ކުރައްވާ. ރިލްވާން ގެއްލުމާއި ގުޅިގެން ނޫސްވެރިން ސުވާލު ކުރެއްވުމުން ވިދާޅުވި ބަލަންވާ ފަރާތަކުން ބަލާނޭ، މިއަދު އަޅުގަނޑު ރައީސް ޔާމީންގެ އަރިހުން އޮޅުން ފިލުވާލުމަށް ބޭނުންވަނީ ރިލްވާން މަރުވިކަން އެނގުނީ ކޮންއިރަކުތޯ އޭ؟ ކޮން ދުވަހަކު ތޯ އެމަނިކުފާނަށް އެނގުނީ؟ ކިހިނެއްތޯ އެކަން ހިނގާފައި އޮތީ؟ އެ މައުލޫމާތުތައް އެނގިވަޑައިގެން ހުންނަވާ އެ މައުލޫމާތުތައް ސިއްރު ކުރެއްވުމަކީ ވެރިޔަކަށް ހުންނަވާ ބޭފުޅަކު ކޮށްގެންވާނެ ކަމެއް ނޫން" އިބޫ ވިދާޅުވިއެވެ.
އިބޫ އިތުރަށް ވިދާޅުވީ އެމަނިކުފާނުގެ ސަރުކާރެއްގައި މިކަހަލަ ހުރިހާ ކަމެއް ރަނގަޅަށް ތަހުޤީޤުކޮށް އިންސާފު ލިބެންވާ އާއިލާތަކަށް އިންސާފު ހޯއްދަވައި ދެއްވާނެ ކަމަށެވެ.
ރިލްވާން ހޯދަން ވަޒީރުންގެ މަޖިލީހުގެ ފެންވަރުގައި ކުރަމުން ދިޔަ މަސައްކަތްތައް ހުއްޓުވާލީ ރައީސް އަބްދުﷲ ޔާމީން ކަމަށް ކުރީގެ ނާއިބު ރައީސް އަހުމަދު އަދީބު ވިދާޅުވުމާއި ގުޅިގެން އެއަށް ރައްދު ދެއްވައި ގދ. މަޑަވެލީގައި ވާހަކަ ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ ރިލްވާން މަރުވެފައިވާ ކަމަށް ޝައްކު ނުކުރައްވާ ކަމަށެވެ. ނަމަވެސް އެ އަތޮޅު ފަރެސްމާތޮޑާ އަށް ވަޑައިގެން ރައީސް ވަނި އެ ވާހަކަތަކަށް މައާފަށް އެދިވަޑައިގެންފައެވެ. އަދި އިރާދަކުރެއްވިއްޔާ ރިލްވާން ފެންނާނެ ކަމަށް ރައީސް ވިދާޅުވިއެވެ.