އަންނަ ސެޕްޓެމްބަރު މަހު ބާއްވާ ރިޔާސީ އިންތިހާބުގެ ކެމްޕެއިން ހަރަކާތްތައް ކުރިއަށްދާއިރު، ގުޅިފައިވާ ސިޔާސީ ޕާޓީތަކަށް ކެމްޕެއިން ކުރުމަށް ހުރި ދަތިތަކާއި ހަމަހަމަ ފުރުސަތުތައް ނުލިބޭކަމަށް ބުނެ، އިންތިހާބާ ގުޅޭ ޝަކުވާތަކާއި ހުރި ކަންބޮޑުވުންތައް ރިޔާސީ އިންތިހާބުގައި ފުލުހުންގެ ކޮމާންޑަރަކަށް ހުންނަވާ ހަމްދޫން ރަޝީދާއި ގުޅިފައިވާ ޕާޓީތަކުން ހިއްސާކޮށްފި އެވެ.
ގުޅިފައިވާ ސިޔާސީ ޕާޓީތަކުން ފުލުހުންގެ އިސްވެރިންނާއެކު، ފުލުހުންގެ މަރުކަޒެއް ކަމަށްވާ އިސްކަންދަރު ކޮށީގައި ބޭއްވި ބައްދަލުވުމަށްފަހު ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން އެމްޑީޕީގެ ސެކްރެޓަރީ ޖެނަރަލް އަނަސް އަބްދުއްސައްތާރު ވިދާޅުވީ ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ކެންޑިޑޭޓް އިބްރާހީމް މުހައްމަދު ސޯލިހު (އިބޫ) އާއި ރަނިންގމޭޓް ފައިސަލް ނަސީމު ކެމްޕެއިންގެ ހަރަކާތްތަށް ހިންގަމުންދާއިރު، ކެމްޕެއިނަށް ހުރަސް އެޅޭގޮތަށް ސަރުކާރާއި ސަރުކާރަށް ނިސްބަތްވާ ބައެއް ފަރާތްތަކުންނާއި އަދި ފުލުހުންގެ ފަރާތުން ވެސް ހުރަސްތައް ކުރިމަތި ވަމުންދާ ކަމަށެވެ. ނަމަވެސް ސަރުކާރު ހިންގާ ޕާޓީ ޕީޕީއެމަށް ކެމްޕެއިން ކުރުމަށް ދައުލަތުގެ ވަސީލަތްތައް ބޭނުންކުރުމާއި ކެމްޕެއިން ކުރުމަށް ވަރަށް ފަހި ފުރުސަތުތަކެއް ލިބިދީފައިވާއިރު، އެއީ ހަމަހަމަކަން ގެއްލުން ކަމަށާއި ރިޔާސީ އިންތިހާބުގައި ވާދަކުރާ ހުރިހާ ފަރާތްތަކަށްވެސް ހަމަހަމަ ފުރުސަތު ލިބިދޭގޮތަށް ފުލުހުންގެ މަސައްކަތްތައް ބައްޓަން ކުރުމަކީ ގާނޫނުން ލާޒިމް ކަމެއް ކަމަށެވެ.
އަނަސް ވިދާޅުވީ ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ދިދަ އާއި ބެނާ އަދި ޕޯސްޓަރު ފަދަތަކެތި ނެގުންފަދަ ކަންކަން ކުރަމުންދާ ކަމަށާއި އެފަދަ ކަންކަން ކުރަނީ ސަރުކާރަށް ނިސްބަތްވާ ފަރާތްތަކުންނާއި ފުލުހުން ކަމަށެވެ. އަދި ބައެއް ފަހަރު، ރައީސް އަބްދުﷲ ޔާމީން ރަށްރަށަށް ކުރައްވާ ދަތުރުފުޅާ ގުޅިގެން ކޯޓު އަމުރުގެ ދަށުން ވެސް ފުލުހުން އެފަދަ ތަކެތި ނަގަމުންދާ ކަމަށެވެ.
އަނަސް ވިދާޅުވީ އެފަދަ ކަންކަމާގުޅޭ ޝަކުވާތަކާއި ހުރި ކަންބޮޑުވުންތައް ފުލުހުންނަށް ހިއްސާކޮށްފައިވާނެ ކަމަށެވެ.
ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ޝަކުވާތަކާއި ހުރި ކަންބޮޑުވުންތައް ފުލުހުންނަށް ހިއްސާ ކުރުމުން، ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ވަކިފަރާތަކަށް ބުރަނުވެ، ހުރިހާ ފަރާތްތަކަށް ވެސް ކެމްޕޭން ކުރުމުގެ ހަމަހަމަ ފުރުސަތު ލިބިދޭނެ މަގު ފަހިކޮށްނުދޭނެ ކަމުގެ ޔަގީންކަން އެ ބައްދަލުވުމުގައި ފުލުހުން ދީފައިވާ ކަމަށްވެސް އަނަސް ވިދާޅުވި އެވެ.
މީގެއިތުރުން އަނަސް ވިދާޅުވީ ސަރުކާރުގެ އޮފީސްތަކުންނާއި ސަރުކާރު ހިއްސާވާ ކުންފުނިތަކުން ފުރާ ރީރަޖިސްޓޭޝަންގެ ފޯމްތައް ރައީސް ޔާމިންގެ ކެމްޕޭން އޮފީހަށް ފޮނުވާކަން ފާހަގަކޮށް އެމައްސަލަތައް ވެސް ފުލުހުންނާ ހިއްސާކޮށްފައިވާނެ ކަމަށެވެ.
ރައީސް މައުމޫން ރިފޯމް މޫވްމަންޓާއެކު މަސައްކަތް ކުރައްވާ ރައްޔިތުންގެ މަޖިލީހުގެ ދިއްދޫ ދާއިރާގެ މެމްބަރު އަބްދުއްލަތީފް މުހައްމަދު ވިދާޅުވީ، ސަރުކާރަށް ނިސްބަތްވާ ޕާޓީން ދައުލަތުގެ ވަސީލަތްތައް ބޭނުންކުރަމުންދާ ކަމަށެވެ. ނަމަވެސް ފުލުހުންގެ ފަރާތުން މިއަދު ދިން ޔަގީންކަމާއެކު އިދިކޮޅު ފަރާތްތަކުގެ މަސައްކަތް ބާރަށް ކުރިއަށް ގެންދެވޭނެކަމަށް ވެސް ލަތީފް ވިދާޅުވި އެވެ.
މިބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި އަދާލަތު ޕާޓީގެ ހާރިޖީ ގުޅުންތަކާބެހޭ ކޮމިޓީގެ ރައީސާ ޝިދާތާ ޝަރީފު ވިދާޅުވީ ވޯޓްލާ ދުވަހު ހިނގާފާނެ ކަންތައްތަކާ ގުޅޭގޮތުގެ ކަންބޮޑުވުންތައް ވެސް ފުލުހުންނާ ހިއްސާ ކުރެވުނު ކަމަށާއި، އެދުވަހަކީވެސް ރައްޔިތުންނަށް އަމާން ދުވަހަކަށް ހެދުމަށް މަސައްކަތްކުރުމާއި ގުޅޭގޮތުން މަޝްވަރާ ކުރެވުނުކަމަށެވެ.
ގުޅިފައިވާ ސިޔާސީ ޕާޓީތަކުން ދަނީ ރިޔާސީ އިންތިހާބާއި އަދި ކެމްޕެއިން ކުރުމުގައި ދިމާވާ ދަތިތަކާ ގުޅޭގޮތުން ދައުލަތުގެ އެކި މުއައްސަސާތަކާ ބައްދަލު ކުރަމުން ނެވެ.