ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ވެރިކަމެއްގައި ލ. އަތޮޅު އިސްދޫ ކަލައިދޫ އާއި އެއްފަޅެއްގައި އޮންނަން އެ އަތޮޅު ދަނބިދޫ ގުޅާލެވޭނެ ކަމަށް ގުޅިފައިވާ ސިޔާސީ ޕާޓީތަކުން މި އިންތިހާބުގައި ވާދަކުރައްވާ އެމްޑީޕީގެ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) ވިދާޅުވެއްޖެއެވެ.
ލ. އަތޮޅަށް ގުޅިފައިވާ ޕާޓީތަކުން ކުރައްވާ ކެމްޕެއިން ދަތުރުފުޅުގެ ތެރެއިން އެ އަތޮޅު ކަލައިދޫގެ ރައްޔިތުންނާއި ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުން އިބޫ ވިދާޅުވީ ރާއްޖެއަށް ޖަޒީރާވަންތަ ތަރައްގީއެއް ގެންނަ އިރު، އެއްފަޅެއްގައި ކައިރީގައި އޮންނަ ރަށްތައް ގުޅާލެވޭނެ ކަމަށެވެ. އެކަން ގުޅިފައިވާ ޕާޓީތަކުގެ މެނިފެސްޓޯގައި އޮންނާނެކަން ފާހަގަކުރައްވަމުން އިބޫ ވިދާޅުވީ ގުޅިފައިވާ ޕާޓީތަކުގެ ވެރިކަމެއްގައި އިސްދު ކަލައިދޫ އާއި ދަނބިދޫ ގުޅާލެވޭނެ ކަމަށެވެ.
"މި ރަށާ ކައިރީގައި އޮތް ދަނބިދޫ އަކީ މި ރަށާއި ގުޅުވާލެވޭނެ ރަށެއް. އަޅުގަނޑުމެން މެނިފެސްޓޯގައި އޮންނާނެ ޖަޒީރާވަންތަ ތަރައްގީއެއް ގެންނަ އިރުގައި އެއްފަޅުގައި ހުރި ކައިރީގައި އޮންނަ އެއްރަށް އަނެއް ރަށް ގުޅުވާލަދޭ ވާހަކަ. އެގޮތުން އެ މަޝްރޫއުގެ ތެރެއިން އެ ސިޔާސަތުގެ ތެރެއިން މި ރަށާއި ކައިރީގައި މި އޮތް ދަނބިދޫ އަކީ މި ތަނާއި ގުޅުވާލެވޭނެ ރަށެއް ކަމުގައި އަޅުގަނޑު ތިބޭފުޅުންނަށް ދަންނަވަން" ކަލައިދޫ އެމްޑީޕީގެ ޖަގަހައިގައި އެރަށުގެ ރައްޔިތުންނާއި ބައްދަލުކުރައްވާ ވާހަކަ ދައްކަވަމުން އިބޫ ވިދާޅުވިއެވެ.

މީގެ އިތުރުން އިބޫ ވިދާޅުވީ ޓޫރިސްޓް ރިސޯޓްތަކާއި ލޯކަލް ޓޫރިޒަމް އިސްދޫ ދާއިރާގައި ފުޅާކުރެވޭނެ ކަމަށެވެ. އެހެންކަމުން އިސްދޫ ދާއިރާގައި ނަފާ ލިބޭގޮތަށް އިސްދޫ އަދި ކަލައިދޫ ކައިރީގައި ޓޫރިސްޓް ރިސޯޓެއް ހުޅުވިގެން ދިއުމަކީ ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ސިޔާސަތުގެ ތެރޭގައި ހިމެނިގެންދާނެ ކަމެއް ކަމަށް އެމަނިކުފާން ވިދާޅުވިއެވެ.
ކަލައިދޫ އަށް އިބޫ ވަޑައިގެންނެވުމުން އެރަށުގެ ރައްޔިތުން ވަނީ ޙޫނު މަރުޙަބާއެއް ދަންނަވާފައެވެ. މި ދަތުރުފުޅުގައި އިބޫ ދެން ވަޑައިގަންނަވާނީ އެ އަތޮޅު ދަނބިދޫއަށެވެ. އެއަށްފަހު މައިބަދޫ، މުންޑޫ އަށް ވަޑައިގެންނެވުމަށް ފަހު ހަވީރު އެމަނިކުފާން ގަމަށް ވަޑައިގެން މިރޭ ލ. އަތޮޅުގައި ބާއްވާ ބޮޑު ޖަލްސާގައި ބައިވެރިވެވަޑައިގަންނަވާނެއެވެ.