ސިޔާސީ ފަރާތްތަކުން ޖޭއެސްސީ ހިންގާތަން ބައްލަވަން ބޭނުންފުޅުނުވާ ކަމަށާއި އަދި މިކަން މިހާރު ހުއްޓާލަން ޖެހޭ ކަަމަށް ކުރީގެ ބަންޑާރަ ނައިބު އަދި ގާނޫނީ ވަކީލު ހުސްނުއް ސުއޫދު ވިދާޅުވެއްޖެއެވެ.
ސުއޫދު މިހެން ވިދާޅުވީ ޖޭއެސްސީގެ ނާއިބު ރައީސަކަށް، ރައްޔިތުންގެ މަޖިލީހުގެ ގުރައިދޫ ދާއިރާގެ ޕީޕީއެމްގެ މެމްބަރު އިބްރާހިމް ރިޒާ ހަމަޖެއްސެވުމާ ގުޅިގެން ކުރެއްވި ޓްވީޓެއްގައެވެ.
ފަނޑިޔާރުންނާ ބެހޭ ޝަކުވާތައް ބަލައި ފަނޑިޔާރުންނާ މެދު އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށް އުފައްދާފައިވާ، ޖޭއެސްސީގެ ނާއިބު ރައީސަކަށް ރިޒާ ހަމަޖެއްސެވީ އެ ކޮމިޝަންގެ މެމްބަރުންގެ މެދުގައި ނެގި ސިއްރު ވޯޓަކުންނެވެ. ރިޒާއާ އެކު އެ މަގާމަށް ކުރިމަތިލެއްވި ބޭފުޅުންނާއި އެ ކޮމިޝަންގައި ނެގި ވޯޓުގެ ތަފްސީލެއް ޖޭއެސްސީއަކުން ހާމައެއް ނުކުރެއެވެ.
ޖޭއެސްސީގެ ނާއިބު ރައީސަކަށް ރިޒާ ހަމަޖެއްސެވީ އެ ކޮމިޝަންގެ ނާއިބު ރައީސްގެ މަގާމު ފުރުއްވަމުން ގެންދެވި މުހައްމަދު ފައިސަލް ހައި ކޯޓުގެ ފަނޑިޔާރު ކަމަށް އައްޔަން ކުރުމުންނެވެ. ފައިސަލަކީ ރައީސުލްޖުމްހޫރިއްޔާގެ މެމްބަރެއްގެ ގޮތުގައި ޖޭއެސްސީގައި އިންނެވި މެމްބަރެކެވެ. ފައިސަލްގެ ބަދަލުގައި ރައީސުލްޖުމްހޫރިއްޔާގެ މެމްބަރެއްގެ ގޮތުގައި ޖޭއެސްސީއަށް މިހާރު އައްޔަންކޮށްފައި ވަނީ ގާނޫނީ ވަކީލު މުހައްމަދު ސަލީމް (ރޭނިސް ސަލީމް) އެވެ.
ރައީސް އަބްދުﷲ ޔާމީންގެ ކެމްޕެއިންގައި އަމަލީ ގޮތުން ހަރަކާތްތެރިވެ ވަޑައިގަންނަވާ މެމްބަރު ރިޒާ ޖޭއެސްސީގެ ނާއިބު ރައީސަކަށް އައްޔަން ކުރެއްވުމާ ގުޅިގެން އެ ކޮމިޝަން ސިޔާސީވެފައިވާ މިންވަރާ މެދު ފާޑުކިޔުން ވަނީ އަމާޒުވެފައެވެ.
ޖޭއެސްސީއަކީ 10 މެމްބަރުންގެ މައްޗަށް އެކުލެވޭ ކޮމިޝަނެކެވެ. ކޮމިޝަންގެ މެމްބަރުންނަކީ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހާއި ބަންޑާރަ ނައިބު މުހައްމަދު އަނިލް އާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަބްދުﷲ އަރީފާއި ސިވިލް ސާވިސް ކޮމިޝަންގެ ރައީސް ޑރ. އަލީ ޝަމީމާއި ޖުވެނައިލް ކޯޓުގެ ގާޒީ މުހައްމަދު އީސާފުޅާއި ހައި ކޯޓުގެ ފަނޑިޔާރު އަބްދުލް ރައޫފު އިބްރާހިމާއި ގާނޫނީ ވަކީލު އަބްދުލް ހަންނާން އަހުމަދާއި ގާނޫނީ ވަކީލު ލަތީފާ ގާސިމްގެ އިތުރުން ރައީސުލްޖުމްހޫރިއްޔާގެ މެމްބަރު ރޭނީސް ސަލީމެވެ.