ފަތުރުވެރިކަމަށް ރައީސް ޔާމީންގެ ސަރުކާރުން ދޫކޮށްފައިވާ ރަށްތަށް މާކެޓަށް ނެރުމަށް ގުޅިފައިވާ ސިޔާސީ ޕާޓީތަކެއްގެ ވެރިކަމެއްގައި ފައިސާގެ ލޯނު ލިބޭނެ ގޮތް ހައްދަވާދެއްވާނެ ކަމަށް ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ފަރާތުން މި އިންތިހާބުގައި ވާދަކުރައްވާ އެމްޑީޕީގެ ކެނޑޭޓް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.
ތ އަތޮޅުގެ ރަށްތަކަށް ގުޅިފައިވާ ޕާޓީތަކުން ކުރައްވާ ދެ ދުވަހުގެ ކެމްޕެއިން ދަތުރުފުޅުގެ ތެރެއިން އެ އަތޮޅު ވޭމަންޑޫގެ ރައްޔިތުންނާއި ބައްދަލުކުރައްވާ ވާހަކަފުޅު ދައްކަވަމުން އިބޫ ވިދާޅުވީ ރައީސް ޔާމީންގެ ސަރުކާރުން ފަތުރުވެރިކަން ކުރުމަށް ގާތްގަނޑަކަށް 160 ރަށް މާކެޓަށް ނެރެފައި އެބަ އޮތް ކަމަށެވެ. އެހެންނަމެވެސް އެރަށްތަށް މާކެޓަށް ނެރުމަށް ކުއްޔަށް ދޫކޮށްފައިވާ ފަރާތަށް ނުކުޅެދިފައިވާ ކަމަށް އިބޫ ވިދާޅުވިއެވެ.
ފަތުރުވެރިކަމަކީ ގަބޫލުކުރައްވާ ގޮތުގައި މުޅި ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ފެތުރެންޖެހޭ ކަމެއްކަން އިބޫ ވަނީ ފާހަގަކުރަށްވާފައެވެ. އަދި އެ ރަށްތަށް މާކެޓަށް ނެރުމަށް ފައިސާގެ ލޯނުތަށް ލިބޭނެ ގޮތަށް ފަހިކޮށްދެއްވާނެ ކަމަށް އިބޫ ވިދާޅުވިއެވެ. އަދި އެރަށްތަށް ގުޅިފައިވާ ޕާޓީތަކުން މާކެޓް ކޮށްދެއްވާނެ ކަމަށްވެސް އިބޫ ވިދާޅުވިއެވެ.
"ޓޫރިޒަމަކީ އަޅުގަނޑުމެން ގަބޫލުކުރާ ގޮތުގައި މުޅި ރާއްޖޭގެ އެކި ކަންކޮޅުތަކަށް ފެތުރިގެންދާންޖެހޭނެ ކަމެއް، ހަމަ އެކި އެއް ހިސާބެއްގައި ނޫން އެކަން އޮންނަންޖެހޭނީ، މިހާތަނަން އައިރު މި ސަރުކާރުން ގާތްގަނޑަކަށް 160 ރަށް މާކެޓަށް ނެރެފައި އެބަ އޮތް، އެއީ މިއަދު މާކެޓަށް ބޭނުންވާވަރަށް ވުރެ ގިނަ އަދަދެއް ކަން ފާހަގަކޮށްލެވޭ، އެހެންނަމަވެސް އެ ރަށްތަށް ތަރައްގީކޮށް މާކެޓަށް ނެރުމަށް އެ ރަށްތަށް ކުއްޔަށް ނެގި ފަރާތްތަކަށް ނުކުޅެދުން ތެރިކަން ކުރިމަތިވެފައި، ފައިސާގެ ދަތިކަން ކުރިމަތިވެފައި، އެގޮތުން މި އަތޮޅުގެ ވަރަށް ގިނަ ރަށްތަކެއް އެބަ އޮތް ކުށްޔަން ދޫކޮށްފަ، އިރާދަކުރެއްވިއްޔާ އަޅުގަނޑުމެންގެ ސަރުކާރުގައި މި ފާރަތްތަކަށް ފައިސާގެ ލޯނު ލިބޭނެ އެކި ގޮތްގޮތް ހޯދަދީ، އެރަށްތަށް މާކެޓަށް ނެރެވޭނެ ގޮތްތަށް އަޅުގަނޑުމެން ހަދާދޭނެން" ވޭމަންޑޫ ރައްޔިތުންނާއި ބައްދަލުކުރައްވާ ވާހަކަ ދައްކަވަމުން އިބޫ ވިދާޅުވިއެވެ.

އިބޫ ވިދާޅުވި ގޮތުގައި ރައީސް ޔާމީންގެ ސަރުކާރުން ތ އަތޮޅުގެ ގިނަ ރަށްތަކެއް ފަތުރުވެރިކަމަށް ކުއްޔަށް ދޫކޮށްފައިވާ ކަމަށެވެ. ތ އަތޮޅު ކަނޑިމޫދޫ އަކީ ރަސޯޓަކަށް ހެދޭނެ ފުރުޝަތުތަކެއް އޮތް ރަށެއް ކަން އިބޫ ފާހަގަކުރެއްވިއެވެ.
އާބާދީގައި 1300 އެއްހާ މީހުން ދިރިއުޅޭ ވޭމަންޑޫއަށް އިބޫ ވަޑައިގެންނެވުމުން އެރަށުގެ ރައްޔިތުން ވަނީ ޙޫނު މަރުޙަބާއެއް ދަންނަވާފައެވެ. ދެ ދުވަހުގެ މި ދަތުރުފުޅުގައި އާދީއްތަ ދުވަހު އިބޫ ގާދިއްފުށި، ގުރައިދޫ، މަޑިފުށި، ވިލުފުށި، ހިރިލަންދޫއަށް ވަޑައިގެންފައިވާއިރު، ހޯމަ ދުވަހު އިބޫ ވަޑައިގަންނަވަން ހަމަޖެހިފައިވަނީ އޮމަދޫ، ވޭމަންޑޫ، ކިނބިދޫ އަދި ތިމަރަފުއްޓަށެވެ.