އިނޮވޭޓިވް ފައިނޭންސިންގ ގެ ނަމުގައި ސްކީމެއް ތައާރަފްކޮށް އެ ސްކީމުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.
އިކޮނޮމިކް މިނިސްޓްރީން ކޮށްފައިވާ އިއުލާނުގައި ބުނެފައިވަނީ މި ސްކީމަކީ އެ މިނިސްޓްރީން މީޑިއާ ޕްރޮޑަކްޝަންގެ ވިޔަފާރީތަކަށް އަމާޒުކޮށްގެން ފަސޭހަ މަދަދު ދެވަނަ ފިޔަވަހީގެ ދަށުން ހިންގާ ސްކީމެއް ކަމަށެވެ. އިސްލާމިކް ޑިވެލޮޕްމެންޓް ބޭންކުގެ އެހީގައި ހިންގާ މި ސްކީމުގައި އެ މިނިސްޓްރީން، ބޭންކް އޮފް މޯލްޑިވްސްގެ އިސްލާމިކް ބޭންކިންގ ޚިދުމަތް (ބީއެމްއެލް އިސްލާމިކް) މެދުވެރިކޮށް ދޫކުރުމަށް 7,710,000 (ހަތް މިލިއަން ހަތްސަތޭކަ ދިހަ ހާސް) ރުފިޔާ ދޫކުރުމަށް ހަމަޖެހިފައިވާ ކަމަށެވެ.
މި ސްކީމު ހިންގުމަށް ހަމަޖެހިފައިވަނީ މީޑިއާ ޕްރޮޑަކްޝަން ހައުސް ހިންގުމަށް ބޭނުންވާ ތަކެއްޗާއި އާލާތް ގަތުމަށެވެ.
ސްކީމުގައި ބައިވެރިވުމަށް ބޭނުންވާ ފަރާތްތަކުން މަދުވެގެން 4 ޝެއަރހޯލްޑަރުން ނުވަތަ ޕާޓްނަރުންގެ ވިޔަފާރި، ކުންފުންޏެއް، ޕަރޓްނަރޝިޕެއް ނުވަތަ ކޯޕަރޭޓިވް ސޮސައިޓީ އެއް ގޮތުގައި ރަޖިސްޓްރީ ކޮށްގެން ވިޔަފާރި ކުރާ ގޮތަށް ކަމަށް އެ މިނިސްޓްރީން ބުނެއެވެ.
މި ސްކީމުގައި ބައިވެރިވުމަށް ހުށަހަޅާ ފަރާތްތަކަކީ، ސްކީމަށް އެދި ހުށަހަޅާ އިރު، އުމުރުން 60 އަހަރުން ދަށުގެ ފަރާތްތަކަށް ވާން ޖެހެއެވެ. އަންހެން ބައިވެރިންނާއި ޒުވާނުންނަށް އިސްކަންދެވޭއިރު ޒުވާނުންގެ ގޮތުގައި ބަލާނީ އެޕްލިކޭޝަން ބަލައިގަންނަން ކަނޑައަޅާފައިވާ ތާރީހާ ހަމައަށް މީލާދީ ސަނަތުން 18 އަހަރާއި 35 އަހަރާ ދެމެދުގެ އުމުރުފުރާގެ ފަރާތްތަކެވެ. އެޕްލިކޭޝަން ފޯމު ބަލައިގަތުމަށް ހަމަޖެހިފައިވަނީ 26 އޮގަސްޓުން 30 އޮގަސްޓްގެ ނިޔަލަށެވެ.
މި ސްކީމުގެ ދަށުން ފައިނޭންސް ކުރެވޭ އެންމެ މަތީ އަދަދަކީ 500,000 ރުފިޔާ އެވެ. އަދި އެންމެ ދަށް އަދަދަކީ 150,000 ރުފިޔާއެވެ.
މި ސްކީމުގައި ބައިވެރިވުމަށް އެދޭ ފަރާތްތަކަކީ އިސްލާމީ ޝަރީއަތް ހުއްދަކުރާ ގޮތުގެ މަތިން ހިންގަން ރާވާފައިވާ ވިޔަފާރިއަކަށްވާންޖެހެއެވެ.