ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ފަރާތުން މި އަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާ އެމްޑީޕީގެ ކެނޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) ތ އަތޮޅަށް ކުރައްވާ ދަތުރުފުޅުގެ ތެރެއިން އެ އަތޮޅުގައި ބާއްވާ ބޮޑު ޖަލްސާ ހޯމަ ދުވަހުގެރޭ (މިރޭ) ތިމަރަފުށީގައި ބާއްވަން ނިންމައިފިއެވެ.
ތ އަތޮޅުގައި ބާއްވާ ބޮޑު ޖަލްސާ ހޯމަ ދުވަހުގެ ރޭ ތިމަރަފުށީގައި ބާއްވާއިރު، އިބޫ އާއި އެކު ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ އިސްބޭފުޅުން އެ އަތޮޅުގެ ރަށްތަކަށް ދަނީ ވަޑައިގަންނަވަމުންނެވެ. އެގޮތުން އާދީއްތަ ދުވަހު ގާދިއްފުށި، ގުރައިދޫ، މަޑިފުށި، ވިލުފުށި، ހިރިލަންދޫއަށް ވަޑައިގެންފައިވާއިރު، ހޯމަ ދުވަހު އިބޫ ވަޑައިގަންނަވަން ހަމަޖެހިފައިވަނީ އޮމަދޫ، ވޭމަންޑޫ، ކިނބިދޫ އަދި ތިމަރަފުއްޓަށެވެ.
ތިމަރަފުށީގައި ޖަލްސާ ބާއްވާއިރު، އިބޫ އެރަށަށް ވަޑައިގަންނަވަން ހަމަޖެހިފައި ވަނީ ހޯމަ ދުވަހު ހަވީރު 4:00 ގައެވެ. އިބޫ ތިމަރަފުއްޓަށް ވަޑައިގެން އެރަށު ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ އޮފީހާއި އެމްޑީޕީ އަންހެނުންގެ ޖަގަހަ ހުޅުއްވައިދެއްވާނެވެ.
ތިމަރަފުށީގައި ބާއްވާ ބޮޑު ޖަލްސާގައި އިބޫގެ އިތުރުން އެމްޑީޕީގެ ނައިބް ރައީސް މުހައްމަދު ޝިފާޒާއި، އަދާލަތު ޕާޓީގެ ނައިބް ރައީސް އަލީ ޒާހިރާއި، ޖުމްހޫރީ ޕާޓީގެ ނައިބް ލީޑަރ ޑރ ހުސެއިން ރަޝީދާއި، ރައްޔިތުންގެ މަޖިލީހުގެ ތިމަރަފުށީ ދާއިރާގެ މެމްބަރު މުހައްމަދު މުސްތަފާގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ މެމްބަރު ފައްޔާޒު އިސްމާއިލާއި، ރައްޔިތުންގެ މަޖިލީހުގެ މެމްބަރު އިމްތިޔާޒު ފަހުމީ ބައިވެރިވަޑައިގަންނަވާނެކަން ފާހަގަކޮށްލެވެއެވެ.

ތިމަރަފުށީ ރައްޔިތުން ދެކޭ ގޮތުގައި ރައީސް ޔާމީންގެ ސަރުކާރަށް ނޫނެކޭ ބުނުމަށް އަތުކުރި އޮޅާލައިގެން އެންމެ ފުރަތަމަ ނުކުންނަން ޖެހޭ ރައްޔިތުންނަކީ އެރަށުގެ ރައްޔިތުންނެވެ. ރައީސް ނަޝީދު ވެރިކަމުގައި އެރަށުގައި 78 ހެކްޓަރުގެ ބިން ހިއްކައި އެއާޕޯޓު އެޅުމުން، އެމަނިކުފާނު މިނިވަންކުރުމަށް ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ރިޔާސީ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހު، އިބޫއަށް ވޯޓުދޭން ޖެހޭ ކަމަށް އެމްޑީޕީގެ ސަޕޯޓަރުން ބުނެއެވެ.
މީގެ އިތުރުން ރައްޔިތުންގެ މަޖިލީގައި އެ ދާއިރާ ތަމްސީލުކުރައްވާ މެމްބަރު މުހައްމަދު މުސްތަފާގެ ގޮނޑި ގެއްލިފައިވާ ކަމަށް ބުނެ ރައީސް ޔާމީންގެ ސަރުކާރުން މުސްތަފާއަށް އެދާއިރާގެ ރައްޔިތުންގެ އަޑު މަޖިލީހުގައި އިއްވުމަށް ވެސް ހުރަސް އަޅާފައި ވާތީ ވެސް އިބޫއަށް ވޯޓުދޭން ޖެހޭ ކަމަށް ގަބޫލުކުރާ ރައްޔިތުން ވެސް އެރަށުގައި އެބަ ތިއްބެއެވެ. އަދި ރައްޔިތުންގެ މަޖިލީހުގެ ކިނބިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒަކީ އެރަށު މާޖެހިގެއަށް ނިސްބަތްވާ ބޭފުޅަކަށް ވާއިރު، ރިޔާޒަށް ދެމުންދާ ނުޙައްގު އަނިޔާތަކުން މިންޖުކުރުވުމަށް ވެސް އިބޫއަށް ވޯޓުދޭންޖެހޭ ކަމަށް ދެކޭ ގިނަ ރައްޔިތުންތަކެއް އެބަ ތިއްބެވެ.