ކުރީގެ ރައީސް މައުމޫނު އަބްދުލް ގައްޔޫމްގެ ދިފާއީ ވަކީލުންގެ ޓީމުގައި އިސްކޮން މަސައްކަތް ކުރައްވަމުން ގެންދަވާ މުހައްމަދު ފައިސަލް ފުރަތަމަ ފަހަރަށް ސިޔާސީ ޖަލްސާއެއްގެ ޕޯޑިއަމަކަށް އަރުއްވައި ވާހަކަ ދައްކަވައިފި އެވެ.
ރައީސް މައުމޫނާއި އެމަނިކުފާނުގެ އާއިލާގެ އެހެން ބައެއް ބޭފުޅުންގެ ވެސް ގާނޫނީ ވަކީލެއްގެ ގޮތުގައި ކޯޓުތަކަށް ވަޑައިގަންނަވާ ފައިސަލް ފުރަތަމަ ފަހަރަށް ސިޔާސީ ޖަލްސާއެއްގައި ބައިވެރިވަޑައިގެންނެވީ ގުޅިފައިވާ ޕާޓީތަކުން އާދިއްތަ ދުވަހުގެ ރޭ މ. ދިއްގަރުގައި ބޭއްވި ޖަލްސާގަ އެވެ.
ގުޅިފައިވާ ޕާޓީތަކުގެ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހުގެ ރަނިންމޭޓް ފައިސަލް ވ. އަތޮޅާއި މ. އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުގައި ރައީސް މައުމޫނުގެ ފެކްޝަނުގެ ފަރާތުން ބައިވެރިވެވަޑައިގަންނަވަނީ ފައިސަލެވެ. މިއީ މިފަދަ ސިޔާސީ ދަތުރެއްގައި ވެސް ފައިސަލް ބައިވެރވެރިވެވަޑައިގެން ފުރަތަމަ ފަހަރެވެ.

ދިއްގަރުގައި ބޭއްވި ކެމްޕެއިން ޖަލްސާގައި ފައިސަލް ވަނީ ރައީސް އަބްދުﷲ ޔާމިނަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެ ބަހުގެ ހަމަލާތަކެއް ދެއްވައިފަ އެވެ. މި ގޮތުން ދިއްގަރު ދާއިރާގެ މެމްބަރު އަހްމަދު ފާރިސް މައުމޫނަށް ޖަލުގައި ނުހައްގުން އަނިޔާ ދެމުންދާއިރު މީގެ ކުރިން ވެސް ދިއްގަރު ދާއިރާގެ މެމްބަރުކަމުގެ ހުންނެވި އަހްމަދު ނާޒިމަށް ވެސް ޖަލު ހުކުމެއް އައިސް އެ ދާއިރާގެ ބައި އިލެކްޝަން ބާއްވަން ޖެހުނުކަން އޭނާ ފާހަގަ ކުރެއްވި އެވެ. ރައީސް އަބްދުﷲ ޔާމިން ދިއްގަރު ދާއިރާއާމެދު އެހާ ބޮޑު ނަފުރަތު ކަމެއް ގެންގުޅެނީ ކީއްވެތޯ އޭނާ ވަނީ ސުވާލު އުފައްދާފައި އެވެ.
ފައިސަލް ވިދާޅުވީ ފާރިސް ދިއްގަރު ދާއިރާގެ މެމްބަރު ކަމަށް ހޮވިވަޑައިގެންނެވީ ރައީސް ޔާމިނަށް އޮތް ތާއިދުކުން ނޫން ކަމަށެވެ. ރައްޔިތުންގެ މަޖިލީހުގެ މުލަކު ދާއިރާއަށް ރައީސް ޔާމިނު އިންތިހާބުވެވަޑައިގެންނެވީ ވެސް އެމަނިކުފާނަށް އޮތް ތާއިދަކުން ނޫން ކަމަށާއި އެއީ ރައީސް މައުމޫނަށް އޮތް ތާއިދުން ކަމަށް ފައިސަލް ވިދާޅުވި އެވެ.
ރައީސް މައުމޫނު އެދިވަޑައިގަންނަވަނީ އެމަނިކުފާނަށް ތާއިދު ކުރައްވާ ހުރިހާ އެންމެން އިބްރާހިމް މުހައްމަދު ސޯލިހަށް ވޯޓު ދެއްވުމަށް ކަމަށް ފައިސަލް ވިދާޅުވި އެވެ.
ސެޕްޓެމްބަރު 23 ގައި ބާއްވާ އިންތިޚާބަށް ރީ ރަޖިސްޓްރީ ކުރުމަށްފަހު ކޮންމެ މީހަކުވެސް އަލުން ޗެކް ކުރަން ޖެހޭނެ ކަމަށާއި މި ސަރުކާރުގައި ތިއްބެވި ބޭފުޅުން ހަދާނީ ކޮން މަކަރެއް ކަމެއް ނޭނގޭ ކަމަށް ފައިސަލް ވިދާޅުވި އެވެ.
ފައިސަލް ސިޔާސީ ޕޯޑިއަމްގައި ވާހަކަ ދައްކަވާފައި މި ވަނީ ރައީސް މައުމޫނު ޖަލު ބަންދުގައި ހުންނަވާތާ 6 މަސްވި ދުވަހު އެވެ.