ޕީޕީއެމްގެ ނިޝާނާއި، ލޯގޯ ހިމެނޭގޮތަށް މާލޭގެ މަގުތަކުގައި ކެމްޕޭން ދިދަ ފަތިތައް ދެމީ ޕީޕީއެމުން ނޫންކަމަށް އެ ޕާޓީން ބުނެފި އެވެ.
ހ. ސަކީނާމަންޒިލްގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރާއްޖެ.އެމްވީން ކުރި ސުވާލަކަށް ޖަވާބުދެއްވަމުން ޕީޕީއެމްގެ ނައިބް ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވީ ޕީޕީއެމުން މާލޭގެ އެއްވެސް މަގެއްގައި ދިދަ ފަތިިތައް ދަމާފައި ނުހުންނާނެކަމަށެވެ. އަދި އެކަންކުރިކަމަށް ބެލެވެނީ ޕީޕީއެމަށް ސަޕޯޓްކުރާ ކުދިންތަކެއްކަމަށް ގަބޫލުކުރެވޭކަމަށް އަބްދުއްރަހީމް ވިދާޅުވި އެވެ.
ދިދަ ފަތިތައް މަގުތަކުގައި ހަރުކުރީ ހުއްދަ ހޯދައިގެންތޯ ރާއްޖެ.އެމްވީ ސުވާލުކުރުމުންވެސް އަބްދުއްރަހީމް ވިދާޅުވީ އެ ދިދަ ފަތިތައް ހަރުކޮށްފައިވަނީ ޕީޕީއެމުން ނޫންކަމުން އެކަން އެނގިވަޑައިނުގަންނަވާކަމަށެވެ.
"ޕީޕީއެމުން މަގުމަތީގައި ދިދައެއް ނުދަމާ. ޕީޕީއެމަށް ސަޕޯޓްކުރާ ފަރާތްތަކުން ކުރިކަމެއްކަމަށް ގަބޫލުކުރެވެނީ"
މާލޭގެ ގިނަ މަގުތަކުގައި ޕީޕީއެމްގެ ދިދަ ފަތިތައް ދަމާފައިވާއިރު، މާލޭގެ މަގުތަކުގައި ބަހައްޓާފައި ހުރި ފުލުހުންގެ ސީސީޓީވީ ކެމެރާތައް ބްލޮކްވާ ގޮތަށް ބެނާއާއި ދިދަފަތި ފަދަ ތަކެތި ދަމަމުން ގެންދާތީ ސަލާމަތީ ކަންކަމަށް ދަތިވާކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.
ފުލުހުން ބުނެފައިވަނީ މާލޭގެ ސަލާމަތީ ކަންކަން ބެލެހެއްޓުމުގެ ގޮތުން މާލޭގެ އެކި ސަރަހައްދު ތަކުގައި ފުލުހުން ހަރުކޮށްފައިވާ ސީސީޓީވީ ކެމެރާ ދަނޑިތަކުގައާއި ކެމެރާގެ މަންޒަރު ގެއްލޭ ގޮތަށް ބައެއް ފަރާތްތަކުން ކެމްޕެއިން ބެނާއާއި ދިދަފަތި ދަމާފައި ހުންނަކަން ވަނީ ފާހަގަކުރެވިފައި ކަމަށެވެ. އަދި އެކަމުގެ ސަބަބުން މާލޭގެ ސަލާމަތީ ކަންކަން ބެލެހެއްޓުމަށް ފުލުހުން ކުރަމުންދާ މަސައްކަތްތަކަށް ހުރަސްއެޅި ދަތިތަކާ ކުރިމަތިވަމުންދާކަމަށްވެސް ފުލުހުން ވަނީ ބުނެފައެވެ.