ޕާކިސްތާނުގެ ހަނގުރާމަވެރި ޖަމާއަތަކާ ގުޅިގެން ހަނގުރާމަ ކުރި ކަމަށް ބުނާ ދިވެއްސަކު އެނބުރި ރާއްޖެ އައުމުން، އޭނާ ހައްޔަރުކޮށް، އުފުލި ދައުވާއާ ގުޅިގެން އެކަށީގެންވާ ހެކި ދައުލަތަށް ނުދެއްކުމުގެ ސަބަބުން އޭނާ މިނިވަން ވެއްޖެއެވެ.
މިނިވަންވެފައި ވަނީ ރާއްޖެއިން ބޭރުގެ ހަނގުރާމައެއްގައި ބައިވެރިވި ކަމުގެ ދައުވާ ލިބޭ ރ. ކަނދޮޅުދޫ، ފީރޯޒުގޭ، މުހައްމަދު އަބްދުއްރަހްމާނެވެ. އޭނާގެ މައްޗަށް ތުހުމަތުކޮށްފައި ވަނީ 2007 ވަނަ އަހަރު ޕާކިސްތާނަށް ކިޔަވަން ގޮސް، އެ ގައުމުގެ ހަނގުރާމަވެރި ޖަމާއަތަކާ ގުޅިގެން ހަނގުރާމަ ކުރި ކަމުގެ ތުހުމަތެވެ.
އޭނާގެ މައްޗަށް އުފުލި ދައުވާގެ ޝަރީއަތް ކުރިއަށް ގެންދިއުމުގެ ކުރިން، އަބްދުއްރަހްމާން މިނިވަންވީ އޭނާގެ މައްޗަށް އުފުލާފައިވާ ދައުވާ އާދީއްތަ ދުވަހު ކްރިމިނަލް ކޯޓުން ބާތިލު ކުރުމުންނެވެ.
ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަހްމަދު ހައިލަމް ބެއްލެވި އެ މައްސަލާގައި ބޭއްވި އިބްތިދާއީ އަޑުއެހުމުގައި ގާޒީ ވަނީ ދައުލަތާ ސުވާލުތަކެއް ކުރިމަތި ކުރައްވާފައެވެ. އެގޮތުން ޓެރަރިޒަމް މަނާ ކުރުމުގެ ގާނޫނަށް އަމަލު ކުރަން ފެށި ތާރީހު ކަމަށްވާ، 2015 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ 28 ވަނަ ދުވަހުގެ ފަހުން، އަބްދުއްރަހްމާން ޕާކިސްތާނުގެ ވާނާގައި އުޅުނުކަން އެނގޭ ހެެއްކެއް ދައުލަތުން ހުށަހަޅައިފައިވޭތޯ ސުވާލު ކުރެއްވިއެވެ. ނަމަވެސް ދައުލަތުގެ ވަކީލުންނަށް އެފަދަ ލިޔުމެއް ހެއްކެއް ދެއްކިފައި ނުވާތީ، ގާޒީ ނިންމެވީ އަބްދުލްރަހްމާންގެ މައްޗަށް އުފުލި ދައުވާ ބާތިލު ކުރުމަށެވެ.
އަބްދުއްރަހްމާންގެ ގާނޫނީ ވަކީލު ނޫރުއްސަލާމް އަބޫބަކުރު "ރާއްޖެއެމްވީ"އަށް ވިދާޅުވީ އޭނާގެ މުވައްކިލު ކުރި ކަމަށް ބުނާ ކުށަކީ ޓެރަރިޒަމް މަނާ ކުރުމުގެ ގާނޫނަށް އަމަލު ކުރަން ފެށުމުގެ ފަހުން ކުރި ކުށެއް ކަމުގެ ހެކި ދައުލަތަށް ދެއްކިފައި ނުވާ ކަމަށާއި އަބްދުއްރަހްމާނާ ދެކޮޅަށް ހުށަހަޅާފައިވާ އެއްވެސް ބަޔާނަކުން ވެސް އެކަން އެނގެން ނެތް ކަމަށެވެ.
ދައުލަތުން އަބްދުއްރަހްމާންގެ މައްޗަށް އުފުލާފައިވާ ދައުވާގައި ބުނެފައި ވަނީ 2007 ވަނަ އަހަރު ޕާކިސްތާނަށް އަބްދުއްރަހްމާން ކިޔަވަން ގޮސް އެ ގައުމުގެ "ވާނާ"ގެ ހަނގުރާމަވެރިންގެ ބަޔަކާ ގުޅިގެން ހަނގުރާމަ ކުރި ކަމަށެވެ. އަބްދުއްރަހްމާން ހައްޔަރު ކުރީ ރާއްޖެއިން ބޭރުގައި އުޅުމަށްފަހު، އެނބުރި ރާއްޖެ އައިތަނުން 2016 ވަނަ އަހަރުގެ ކުރީކޮޅުއެވެ.