މިވަގުތު ރާއްޖޭގެ ވެރިއަކަށް ހުންނެވި ރައީސް ޢަބްދުﷲ ޔާމީންގެ އަނިޔާވެރިކަން ހިތަށް އެރުމުން ލޮލުން ކަރުނަ އަންނަ ވަރުވާނެ ކަމަށާއި ވޯޓު ލުމުގެ ކުރިން އެކަމަށް ވިސްނެވުމަށް ދީނީ އިލްމުވެރިޔާ އަދި ކެޔޮދޫ ދާއިރާގެ މެމްބަރު އައްޝައިޚް މޫސާ ނިޒާރު ވިދާޅުވެއްޖެވެ.
ގުޅިފައިވާ ޕާޓީތަކުން މ ދިއްގަރުގައި އާދީއްތަ ދުވަހުގެރޭ ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ރައްޔިތުންގެ މަޖިލީހުގެ ކެޔޮދޫ ދާއިރާގެ މެމްބަރުކަންވެސް ކުރައްވާ މޫސާ ނިޒާރު ވިދާޅުވީ މުޖުތަމައު ތެރޭގައި ޖަމާތެއް އުފެދިގެން އަންނަނީ އެމުޖުތަމައުގެ ތެރޭގައި ކަންކަން ކުރާނެ ވަކިވަކި ރަނގަޅު އުސޫލުތަކެއްގެ މައްޗަށް ކަންކަން ކުރުމުގެ ގޮތުން ކަމަށެވެ.
އިސްލާމީ ތާރީޚަށް އަލިއަޅުވާލައްވައި، ޖާހިލިއްޔަ ޒަމާން މިސާލެއްގެ ގޮތުގައި ދައްކަވަމުން މޫސާ ނިޒާރު ވިދާޅުވީ ޖާހިލިއްޔަ ޒަމާނަށް އެނަން ދެވުނީ އެމީހުންގެ ތެރޭގައި ހަމަޔާ އިންސާފް އަދި އިންސާނީ ކަރާމާތް ގެއްލިގެން ދިއުމުން ކަމަށެވެ. އެކަން ރަނގަޅުކޮށް އިންސާނީ ހަމަހިފެހެއްޓުމުގެ ގޮތުން އިސްލާމީ ޝަރީޢާ މާތް ﷲ ފޮނުއްވެވިކަމަށް މޫސާ ނިޒާރު ވިދާޅުވިއެވެ.
ވަލިއްޔުލް އަމުރަކު ހޮވުމުގައި އަދްލުވެރިއަކު ހޮވުމުގެ މުހިއްމުކަމަށް އިޝާރާތްކުރައްވާ މޫސާ ނިޒާރު ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާކަމަށް މީހަކު ހޮވަން ވޯޓުލާން ދާއިރު ކޮންމެ މީހަކުވެސް ލޯމަރާލާ ޤައުމާމެދު ވިސްނާލަން ޖެހޭ ކަމަށެވެ. އެގޮތުން މިއަދުގެ ހާލަތު އޮތްގޮތުން އަދި ވެރިއަކަށް ހުންނެވި މީހާގެ އަނިޔާވެރިކަމުން ލޮލުން ކަރުނަ އަންނަވަރުވާނެ ކަމަށެވެ. މީހުންނަށް އަނިޔާވެރިވުމާއި މީހުންގެ މުދަލަށް ބެލުމެއްނެތި ކުރައްވަމުންދާ ކަންކަން ފާހަގަކުރެއްވޭނޭ ކަމަށް ނިޒާރު ވިދާޅުވިއެވެ.
މޫސާ ނިޒާރު ވިދާޅުވީ ގުޅިފައިވާ ޕާޓީތަކުން ނަގާފައިވާ ރިޔާސީ ކެންޑިޑޭޓް އިބްރާހީމް މުހައްމަދު ސޯލިހާއި ރަނިންގ މޭޓް ފައިސަލް ނަސީމަކީ ޢަދްލުވެރި އިޚްލާސްތެރި އަދި ތެދުވެރިވާނެ ދެބޭފުޅުންކަމަށް ވަރަށް ބޮޑަށް ޤަބޫލް ކުރެއްވޭ ކަމަށާއި ކޮންމެ ބޭފުޅަކުވެސް ޤައުމަށްޓަކައި އެދެބޭފުޅުންނަށް ވޯޓު ދެއްވަން ގޮވާލައްވާ ކަމަށެވެ.
އިސްލާމް ދީނުގައި އޮންނަ ގޮތްތައް ހަނދާންކޮށްދެއްވަމުން މޫސާ ނިޒާރު ވިދާޅުވީ ހަމައެކަނި ރައީސުލްޖުމްހޫރިއްޔާކަމުގެ ގޮނޑީގައި މީހަކު ބޭންދުމަށްޓަކައި މީހަކަށް ވޯޓް ދިނުމުގެ ބަދަލުގައި އިޚްލާސްތެރި އަދި އިހްސާންތެރި މީހަކަށް ވޯޓު ދެއްވުމަށް އިސްލާމްދީން ބާރު އަޅުއްވާ ކަމަށެވެ.
މޫސާ ނިޒާރު ވިދާޅުވީ ބަރަކާތް ލެއްވުމުގައިވެސް ޖަމާއަތްތައް އިސްކުރައްވާކަން ﷲ ތަޢާލާ އަންގަވާފައިވާ ކަމަށާއި އެގޮތުގެމަތިން އިސްލާހަށް މަސައްކަތް ކުރާ ގިނަ ބޭފުޅުން ގުޅިގެން ހައްދަވާފައިވާ ކޯލިޝަނަކީ އެފަދަ ޖަމާއަތެއް ކަމަށް ޤަބޫލް ކުރެއްވޭ ކަމަށެވެ. އަދި ގުޅިފައިވާ ޕާޓީތަކާ އިދިކޮޅު، ސަރުކާރަށް ނިސްބަތްވާ ފަރާތްތަކަކީ ތަފާތު ނުރަނގަޅު ކަންކަމުގެ ސިފަތައް ހުރި ފަރާތްތަކެއް ކަމަށްވެސް މޫސާ ނިޒާރު ވިދާޅުވިއެވެ.