ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް ރައީސް އަބްދުﷲ ޔާމީންގެ ކެމްޕެއިން ހަރަކާތްތަކުން، އެމްޑީއޭގެ ލީޑަރު އަދި މީދޫ ދާއިރާގެ މެމްބަރު އަހުމަދު ސިޔާމް މުހައްމަދު ފެޔަށް ޖެހި، ޕީޕީއެމާއި އެމްޑީއޭއާ ދެމެދު ދެބަސްވުންތަކެއް އުޅޭ ކަމުގެ އަޑުތަކެއް ފެތުރެން ފަށައިފިއެވެ.
ޕީޕީއެމްގެ ރިޔާސީ ޓިކެޓް ރައީސް ޔާމީނާ ހަވާލު ކުރުމާ ހަމައަށް، ރިޔާސީ އިންްތިހާބާ ގުޅިގެން ޕީޕީއެމުން ބޭއްވި ކެމްޕެއިން އެއްވެސް ރެލީއެއްގައި ސިޔާމް ބައިވެރިވެވަޑައި ނުގަންނަވައެވެ. ނަމަވެސް އެ ޕާޓީގެ ބައެއް އިސް ބޭފުޅުން ޕީޕީއެމްގެ ކެމްޕެއިން ރެލީތަކުގައި ބައިވެރިވެވަޑައިގެންނެވިއެވެ.
އެނގިފައިވާ ގޮތުގައި ޕީޕީއެމުން އިންތިހާބާ ގުޅިގެން ބޭއްވި ކެމްޕެއިން ރެލީތައް ކުރިއަށް ގެންދިޔަ ދުވަސްވަރު ސިޔާމް ހުންނެވީ ރާއްޖެއިން ބޭރުގައެވެ. އަދި އެނބުރި ރާއްޖެ ވަޑައިގެންނެވީ މިދިޔަ ހަފްތާ ބަންދާ ދިމާކޮށެވެ.
ރައީސް ޔާމީންގެ ކެމްޕެއިން ރެލީތަކުން ސިޔާމް "ގެއްލިފައި"ވާއިރު، ޕީޕީއެމް-އެމްޑީއޭ ކޯލިޝަން އެއްބަސްވުން އާ ކުރަން ހުށަހަޅާފައިވާކަން "ރާއްޖެއެމްވީ"އަށް ވަނީ އެނގިފައެވެ. ޝަރުތުތަކަކާއެކު އެއްބަސްވުން އާ ކުރަން އެމްޑީއޭއިން ހުށަހަޅާފައިވާތާ ދުވަސްތަކެއް ވަނީ ވެފައެވެ. ނަމަވެސް ޕީޕީއެމުން ވަނީ އެކަމާމެދު ގޮތެއް ނިންމުން ލަސްކޮށްފައެވެ.
އެކަމާ ގުޅިގެން ޕީޕީއެމާއި އެމްޑީއޭ އިސް ބޭފުޅުންގެ މެދުގައި ދެބަސްވުންތަކެއް އުޅޭ ކަމަށް ވަނީ އަޑުފެތުރިފައެވެ.
ޕީޕީއެމުން އާދީއްތަ ދުވަހު ބޭއްވި ޕްރެސް ކޮންފަރެންސެއްގައި އެ ޕާޓީގެ ނައިބު ރައީސް އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ވިދާޅުވީ ޕީޕީއެމް-އެމްޑީއޭ ކޯލިޝަން އެއްބަސްވުމަކީ މިއަހަރުގެ ނިޔަލަތް އޮތް އެއްބަސްވުމެއް ކަމަށާއި އެ އެއްބަސްވުން އާ ނުކޮށްގެން އަދި ކަންބޮޑުވެގެން އުޅޭކަން ނުޖެހޭ ކަމަށެވެ.
"އެމްޑީއޭ ކޯލިޝަން އެގްރިމެންޓަކީ 2018ގެ ނިޔަލަށް އޮތް އެގްރިމެންޓެއް. 2018ގެ ރިޔާސީ އިންތިހާބުގެ ނިޔަލަށް އަޅުގަނޑުމެންގެ އެގްރިމެންޓް އޮންނާނީ. އެހެންވީމަ އަދި އެ އެގްރިމެންޓް އާ ނުކުރެވިގެން އަދި ކަންބޮޑުވެގެން އުޅޭކަން ނުޖެހޭ،" އަބްދުއްރަހީމް ވިދާޅުވިއެވެ.
އަންދުއްރަހީމް ދެއްކެވި ވާހަކަފުޅާ ގުޅިގެން، އެމްޑީއޭގެ ނައިބު ލީޑަރު އަދި ކެނދިކުޅުދޫ ދާއިރާގެ މެމްބަރު އަލީ މައުރޫފާ "ރާއްޖެއެމްވީ"ން ސުވާލު ކުރުމުން ވިދާޅުވީ އެކަމާ ގުޅޭ ގޮތުން މިވަގުތު އެއްޗެއް ވިދާޅުވާން ދަތި ކަމަށެވެ. ތަފްސީލެއް އޭނާ ނުދެއްވިއެވެ.