މިވަގުތު ޖަލުގައި އޮންނެވި ރައީސް މައުމޫނާ ޑީލް ހަދަން ސަރުކާރުން މަސައްކަތް ކުރާ ކަމަށާއި 10 އަހަރު ޖަލުގައި އޮންނަވަން ޖެހިވަޑައިގެންނެވިނަމަވެސް އެމަނިކުފާނު އެކަމެއް ނުކުރައްވާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެންބަރު މުހައްމަދު އަމީތު ވިދާޅުވެއްޖެއެވެ.
ރައީސް މައުމޫން ޖަލުގައި އޮންނަވާތާ 180 ދުވަސް ވުމާއިގުޅިގެން ރައީސް މައުމޫން ފަށްޓަވާފައިވާ އިސްލާހީ މަސައްކަތުގައި (އެމްއާރުއެމް ގައި) އުޅުއްވާ ރައްޔިތުންގެ މަޖިލީހުގެ ގޮނޑި ގެއްލިފައިވާކަމަށް ކަނޑައަޅާފައިވާ 12 މެންބަރުންގެ ތެރެއިން 4 މެމްބަރަކު އާދީއްތަ ދުވަހު ދެއްވި ޕްރެސް ކޮންފަރެންސެއްގައި އަމީތު ވިދާޅުވީ މާދަމާވެސް ރައީސް މައުމޫނަށާއި އެމަނިކުފާނުގެ ދަރިކަލުން ފާރިސް މައުމޫނަށް އަދި އެމަނިކުފާނުގެ ދަނބިދަރިކަލުން މުހައްމަދު ނަދީމަށްވެސް ޑީލެއް ހައްދަވައިގެން ޖަލުން ސަލާމަތްވެވެން އެބައޮތް ކަމަށެވެ. ނަމަވެސް އެމަނިކުފާނު ފައްޓަވާފައިވާ އިސްލާހީ މަސައްކަތް ހުއްޓަވާލައްވަވާ ރައްޔިތުން ދޫކުރައްވާ ޖަލުން ގެއަށް ވަޑައި ނުގަންނަވާނެ ކަމަށް އަމީތު ވިދާޅުވިއެވެ.
ރާއްޖެ.އެމްވީން ދެންނެވި ސުވާލަކަށް ޖަވާބު ދެއްވަމުން އަމީތު ވިދާޅުވީ ރައީސް މައުމޫނާ ޑީލް ހެއްދެވުމަށް ސަރުކާރުގެ ވެރިން ފޮނުވައިގެން މަސައްކަތް ކުރާ ކަމަށާއި ނަމަވެސް 10 އަހަރު ޖަލުގައި އޮންނަވަން ޖެހިވަޑައިގެންނެވިއަސް ދިވެހި ޤައުމު ޤުރުބާން ކުރައްވާ އެމަނިކުފާނު އެކަން ނުކުރައްވާނެ ކަމަށެވެ.
"މާދަމާވެސް ރައީސް މައުމޫނަށް ޖަލުން ގެއަށް ވަޑައިގަތުން، މިނިވަންވުން އެއީ ވަރަށް ފަސޭހަ ކަމެއް. އެހެންނަމަވެސް މިސަރުކާރުގެ އަތުގައި ހިފައިގެން ދިވެހި ޤައުމު ޤުރުބާންކޮށްފައި ދިވެހިރައްޔިތުންނަށް އޮޅުވާލައިގެން ޖަލުން ނިކުމެވަޑައިގެން ގެއަށް ވަޑައިގަތުން އެއީކީ ޗޮއިސްއެއް ނޫން. އެކަމެއް ރައީސް މައުމޫނެއް ނުކުރައްވާނެ. މިސަރުކާރުގެ މަތީ މަޤާމްތަކުގައި ތިއްބެވި ބޭފުޅުން ދޭތެރެ ދޭތެރެއިން ރައީސް މައުމޫންގެ އަރިހަށް ވަޑައިގެންފައި އެބަހުރި. އެހެންނަމަވެސް ރައީސް މައުމޫނާ ޑީލް ހައްދަވަން ކިތަންމެ މަސައްކަތެއް ކުރެއްވިނަމަވެސް ޑީލެއް ނުހެއްދެވޭނެ،" އަމީތު ވިދާޅުވިއެވެ.
މި ޕްރެސް ކޮންފަރެންސްގައި ރައްޔިތުންގެ މަޖިލީހުގެ ނޮޅިވަރަމް ދާއިރާގެ މެމްބަރު ހުސައިން އަރީފް ވިދާޅުވީ މިސަރުކާރުގެ ދައުރު ނިމެމުންދާވަރަކަށް ކަންކަން ދަނީ ފަޅާއަރަމުން ކަމަށާއި ހިންގާފައިވާ ޖަރީމާތައް ހާމަވަމުންދާ ކަމަށެވެ.
އަރީފް ވިދާޅުވީ މިސަރުކާރު މިހާރު ވަނީ ހީރަސް ކެނޑިފައި ކަމަށާއި މިސަރުކާރުގެ އަނިޔާވެރިކަމުން ސަލާމަތް ކުރުމަށް ޖިހާދު ކުރައްވަމުން ގެންދަވާ ގުޅިފައިވާ ޕާޓީތަކުގެ ލީޑަރުން ސަލާމަތްވެ، އާއިލާގެ ގާތަށް ވަޑައިގަތުން ގުޅިފައިވަނީ ދިވެހި ރައްޔިތުންނާ ކަމަށެވެ.
"އެބޭފުޅުންގެ އާއިލާއާއި ދިވެހި ރައްޔިތުންނާ ބައްދަލު ކުރުމުގެ ފުރުސަތު ހޯދައިދިނުމުގެ މަގު މިއޮތީ ދިވެހި ރައްޔިތުންގެ އަތުގައި. ހައްލު އޮތީ ދިވެހި ރައްޔިތުންގެ އަތުގައި. ދިވެހި ރައްޔިތުން އެދުވަހު (ސެޕްޓެމްބަރ 23 ވަނަ ދުވަހު) މާއިރާ ބޮޑުފަތިހާ ގޮސް ވޯޓު އަޅައި ފޮށިތައް ގަންބާލަންވީ،" އަރީފް ވިދާޅުވިއެވެ.
ރައްޔިތުންގެ މަޖިލީހުގެ ދިއްދޫ ދާއިރާގެ މެމްބަރު ޢަބްދުއް ލަތީފް ވިދާޅުވީ ޖަލުގައި އޮންނެވި ރައީސް މައުމޫންގެ ދަރިކަލުން ދިއްގަރު ދާއިރާގެ މެމްބަރު ފާރިސް މައުމޫނަކީ ޕީޕީއެމްގައި ހުންނަވައިގެން އިސްލާހީ މަސައްކަތް ފެއްޓެވި ވަރަށް ހިތްވަރުގަދަ ބޭފުޅެއް ކަމަށާއި އެމަނިކުފާނަކީ ފަހަށް ޖެހިވަޑައިގަންނަވާނެ ބޭފުޅެއް ނޫން ކަމަށެވެ.
ލަތީފް ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ގޮވައިގެން އިސްލާހު ގެންނެވުމުގައި ފާރިސްވަނީ އާދަޔާ ޚިލާފް ހިތްވަރެއް ދައްކަވާފައި ކަމަށާއި ރައީސް ޔާމީން ހަމަމަގަށް އެޅުވުމަށް ގިނަ މަސައްކަތްތަކެއް ފާރިސް ކުރެއްވި ކަމަށެވެ.
ރައްޔިތުންގެ މަޖިލީހުގެ ތިނަދޫ އުތުރު ދާއިރާގެ މެމްބަރު ސައުދުﷲ ހިލްމީ ވިދާޅުވީ ރައީސް މައުމޫނަކީ ކުށްވެރިއެއް ނޫން ކަމަށާއި އެމަނިކުފާނު ކުރައްވަން ފެއްޓެވީ 2013 ވަނަ އަހަރުވެސް ރައްޔިތުންގެ ގާތު ވިދާޅުވި މަސައްކަތް ކަމަށެވެ. އެއީ ގޯސްކޮށްދާނަމަ އިސްލާހު ކުރެއްވުން ކަމަށް ސައުދުﷲ ވިދާޅުވިއެވެ.
ރައީސް މައުމޫން ޖަލަށް ލުމަކީ ގިނަބަޔަކު ކަންބޮޑުވާ ކަމެއްކަމަށާއި ޚުދު ރައީސް ޔާމީންގެ ފަރާތުން ގޭގެއަށް ދިއުމުން އެންމެބޮޑަށް ކުރިމަތިކުރުވަނީ ރައީސް މައުމޫނާ ގުޅޭ ސުވާލު ކަމަށް ސައުދުﷲ ވިދާޅުވިއެވެ.