ޕީޕީއެމުން ބޭނުންވަނީ ސެޕްޓެމްބަރު 23 ގައި އިންތިހާބު ބާއްވަންކަމަށާއި، ހާއްސަ ހާލަތެއް މެދުވެރިވެ، އިލެކްޝަންސް ކޮމިޝަނުން އިންތިހާބު ފަސްކޮށްފިނަމަ، އެކަން ގަބޫލުކުރާނެކަމަށް ވެރިކަންކުރާ ޕީޕީއެމުން ބުނެފި އެވެ.
ސަރުކާރާއި، އިލެކްޝަންސް ކޮމިޝަނުން މަސައްކަތްކުރަނީ އިންތިހާބު ފަސްކޮށް، އިންތިހާބު ނުބޭއްވުމަށްކަމަށް އިދިކޮޅު ފަރާތްތަކުން ތުހުމަތުކުރަމުން ދަނިކޮށް، އެ ތުހުމަތުތަކަށް ރައްދުދިނުމުގެ ގޮތުން ހ. ސަކީނާމަންޒިލްގައި ނޫސްވެރިންނަށް މައުލޫމާތުދެއްވަމުން ޕީޕީއެމްގެ ނައިބު ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވީ އިންތިހާބު ފަސްކުރުމަށް ޕީޕީއެމުން ބޭނުން ނުވާކަމަށެވެ. އަދި ޕީޕީއެމުން ބޭނުންވަނީ އޮމާންކަމާއެކު އިންތިހާބު ކަންކަން ކުރިއަށްގެންގޮސް ނިންމާލުމަށްކަމަށް އަބްދުއްރަހީމް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އިންތިހާބު ދެކެ ބިރުން ސަރުކާރުން އުޅޭކަމަށް އިދިކޮޅު ފަރާތްތަކުން ތުހުމަތުކުރިނަމަވެސް، އެއީ ދޮގެއްކަމަށާއި، އިންތިހާބުދެކެ ބިރުން ސަރުކާރާއި، ޕީޕީއެމް ނޫޅޭކަމަށެވެ.
އިންތިހާބު ފަސްކުރުމަށް އިލެކްޝްންސް ކޮމިޝަނުން ނިންމައިފިނަމަ އެކަމަށް ޕީޕީއެމުން ތާއީދުކުރާނަންތޯ ރާއްޖެ.އެމްވީ ސުވާލުކުރުމުން އަބްދުއްރަހީމް ވިދާޅުވީ ހާއްސަ ހާލަތެއް މެދުވެރިވެ އެފަދަ ނިންމުމެއް ނިންމައިފިނަމަ ޕީޕީއެމުން އެފަދަ ނިންމުމަކާއި ދޭތެރޭ ކުރާނެ ކަމެއް ނޯންނާނެކަމަށެވެ. އަދި އެފަދަ ހާލަތެއް މެދުވެރިވެއްޖެނަމަ އެއީ އިންތިހާބު ނޫބެއްވޭނެފަދަ ހާލަތެއްކަން ރައްޔިތުންނަށްވެސް އެނގޭނެކަމަށް އަބްދުއްރަހީމް ވިދާޅުވި އެވެ.
"އެއީ އަޅުގަނޑުމެންނަށް ގަބޫލުކުރެވޭ ޒާތުގެ ހާލަތެއް ކަމަށްވަންޏާ، އެ ހާލަތު އެނގޭނެ، އެ ހާލަތު މެދުވެރިވެއްޖިއްޔާ އަޅުގަނޑުމެން އެކަންޏެއް ނޫން ރައްޔިތުންނަށް އެނގޭނެ އެއީ ކިހާވަރެއްގެ ހާލަތެއްކަން. އެ ހާލަތެއްގައި އެއާއި ދޭތެރޭގައި އަޅުގަނޑުމެން ނޯންނާނެ ކުރާނެ ކަމެއް. އަޅުގަނޑުމެން ޕީޕީއެމުން ބޭނުންވަނީ 23 ސެޕްޓެމްބަރުގައި މި އިންތިހާބު ބާއްވަން"
އިތުރަށް ވާހަކަދައްކަވަމުން އަބްދުއްރަހީމް ވަނީ ޤައުމުގައި ހަމަނުޖެހުން ހިންގަނީ ކޮން ބައެއްކަން ތާރީހުން ސާފުވާކަމަށް ވިދާޅުވެފަ އެވެ. އަދި ޤައުމު ހަލަބޮލިކޮށް، ޤައުމުގެ އަމާންކަން ނަގާލުމަށް ދެންވެސް މަސައްކަތްކުރާނީ ކޮން ބައެއްކަން ސަފުވާކަމަށް އަބްދުއްރަހީމް ވިދާޅުވި އެވެ.
އަބްދުުއްރަހީމް އެގޮތަށް ވިދާޅުވުމާއެކު، ޤައުމު ހަލަބޮލިކުރަން ބަޔަކު އުޅޭކަމަށް ވިދާޅުވެ ޑިފެންސް މިނިސްޓަރު ޤައުމީ ސަލާމަތާއި ގުޅުންހުރި މައުލޫމާތު އަމިއްލަފުޅު ފޭސްބުކްގައި އާންމުކުރެއްވުން އެއީ އެންމެ ރަނގަޅުކަމެއްތޯއާއި، ރައްޔިިތުންގެ ހިތްތަކުގައި ބިރުވެރިކަން އުފައްދަން މަސައްކަތްކުރައްވަނީ ޑިފެންސް މިނިސްޓަރު ނޫންތޯ ސުވާލުކުރުމުން އެ ސުވާލަށް އަބްދުއްރަހީމް ޖަވާބެއް ނުދެއްވި އެވެ. ބަދަލުގައި އަބްދުއްރަހީމް ވިދާޅުވީ އެކަމާއި ގުޅޭގޮތުން ޑިފެންސް މިނިސްޓަރާއި ސުވާލުކުރެއްވުމަށެވެ.
"އަޅުގަނޑަކަށް ނޭނގެ އެއީ ކީއްވެގެން ލިޔުއްވި އެއްޗެއްކަން. އެއީ ދައުލަތުގެ ދިފާއީ ވަޒީރަށް ލިބޭ މައުލޫމާތުތަކެއް ހުންނާނެ އަޅުގަނޑުމެންނަށް ނުލިބޭ. އެހެންވީމަ ޑިފެންސް މިނިސްޓަރު އެޔަށް އެއްޗެއް ދަންނަވަން ފަސޭހަފުޅުވާނީ"
ރައީސް ޔާމީންގެ ކެންޑިޑަސީ ފޯމް ހުށަނާޅުއްވާތީ ގިނަ ބައެއްގެ ފާޑުކިޔުންތައް އަމާޒުވަމުންދާއިރު، ކެންޑިޑަސީ ހުށަހަޅުއްވާނީ ކޮން ތާރީހެއްގައިތޯ ސުވާލުކުރުމުން އަބްދުއްރަހީމް ވިދާޅުވީ ވަގުތު ޖެހުމުގެ ކުރިން ކެންޑިޑަސީ ހުށަހަޅުއްވާނެކަމަށެވެ. ނަމަވެސް ތަކުރާރުކޮށް ސުވާލުކުރުމުންވެސް ކެންޑިޑަސީ ހުށަހަޅުއްވާނެ ވަކި ތާރީހެއް ވިދާޅެއް ނުވެ އެވެ.
އިލެކްޝަންސް ކޮމިޝަނުން ކެންޑިޑަސީ ފޯމް ހުށަހެޅުމަށްދީފައިވާ އެންމެ ފަހު މުއްދަތަކީ މި މަހުގެ 10 ވަނަ ދުވަހެވެ. އެހެންކަމުން ކެންޑިޑަސީ ފޯމް ހުށައެޅުމަށް ޕީޕީއެމްއަށް ދެން ލިބޭނީ 4 ދުވަހެވެ.
ޕީޕީއެމުން ފުރާ ރީ-ރަޖިސްޓްރޭޝަން ފޯމްތައް އިލެކްޝަންސް ކޮމިޝަނަށް ހުށަނާޅާކަމުގެ ޝަކުވާތައް އިތުރުވެފައިވާއިރު، މިހާތަނަށް ޕީޕީއެމަށް ކިތައް ފޯމް އިލެކްޝަންސް ކޮމިޝަނަށް ހުށަހެޅިއްޖެތޯ ސުވާލުކުރުމުން އަބްދުއްރަހީމް އެ ސުވާލަށްވެސް ޖަވާބު ދެއްވާފައެއް ނުވެ އެވެ. އޭނާ ވިދާޅުވީ ރަޖިސްޓްރޭޝަންގެ ކަންތައްތައް ކުރިއަށްގެންދަނީ ކެމްޕޭން އޮފީހުންކަމުން ފޯމުގެ އަދަދު އެނގިވަޑައިނުގަންނަވާކަމަށެވެ.