މާލޭގައި ވެހިކަލް ޕާކް ކުރާނެ ތަނެއް ނުދައްކާ ޕާކިން ޒޯނުން ބޭރުގައި ޕާކް ކުރުމުން ކަމަށް ބުނެ ޖޫރިމަނާ ކުރުމަކީ ގަބޫލު ކުރެއްވޭނެ ކަމެއް ނޫން ކަމަށް އިދިކޮޅު ކޯލިޝަނުގެ ރިޔާސީ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) ވިދާޅުވެއްޖެ އެވެ.
ހޮނިހިރު ދުވަހުގެ ރޭ ގަލޮޅުގައި ކެމްޕެއިން ޖަގަހައެއް ހުޅުވުމަށްފަހު ވާހަކަ ދައްކަވަމުން އިބޫ ވިދާޅުވީ ރިޔާސީ އިންތިހާބަށް މަސައްކަތް ކުރަމުންދާއިރު މާލެއާމެދު ވިސްނަން ޖެހޭ ކަމަށާއި ރާއްޖޭގެ ތާރީހުގައި ވެސް މިހާ ދަތިހާލުގައި މާލޭގައި މީހުން އުޅެން ޖެހުނު ދުވަސްތަކެއް ފެނިފައިނުވާ ކަމަށެވެ. މާލެއަށް ދިމާވެފައިވާ އެންމެ ބޮޑު މައްސަލަތަކަކީ ޓްރެފިކިންގެ މައްސަލަ އާއި ޕާކިންގެ މައްސަލައިގެ އިތުރުން ބޯހިޔާ ވަހިކަމުގެ މައްސަލަ ކަމަށެވެ.
"މާލޭގައި ރަޖިސްޓްރީ ކޮށްފައި އެބަ ގެންގުޅޭ އަށް ހާހަށް ވުރެ ގިނަ ކާރު. އަށްޓިހަ ހާހަށް ވުރެ ގިނަ ސައިކަލް. މި އެއްޗިހި މަގުމަތީގައި ޕާކް ކުރާނީ ކިހިނެތް ތޯ. މާލޭގައި މި ދުއްވާ ވެހިކަލްތައް ޕާކްކުރުމަށް ޕާކިން ސަރަހައްދެއް ނެތި ޖޫރިމަނާގެ މައްޗަށް ޖޫރިމަނާ ކުރަމުން ގޮސް ބައެއްގެ ދިރިއުޅުން ހަލާކުވާ ހިސާބަށް މިހާރު ވަނީ ގޮސްފައި. ސަރުކާރުން ސައިކަލާއި ކާރުތައް ޕާކްކުރާނެ ތަނެއް ނުދައްކައި، އެ ޖޫރިމަނާ ކުރުމަކީ އިންސާފެއް ކަމަކަށް އަޅުގަނޑެއް ގަބޫލެއް ނުކުރަން،" އިބޫ ވިދާޅުވި އެވެ.
މާލޭގައި ޕާކިންގެ މައްސަލައަށް ދާއިމީ ހައްލެއް ބޭނުންވާ ކަމަށާއި ޖަޒީރާ ރާއްޖެއެއްގެ ގޮތުގައި ރާއްޖެ ތަރައްގީ ވެގެންދާއިރު އެ މައްސަލަތަކަށް ހައްލެއް ލިބިގެންދާނެ ކަމަށެވެ. އަދި އޭގެ ކުރިން ވެސް ވަގުތީ ހައްލެއްގެ ގޮތުން މާލޭގައި މުދާ އަރުވައި ބާލާނެ ވަކި ސަރައްދުތަކެއް މަގުތަކުގައި ކަނޑައެޅުމަކީ ކުރެވިދާނެ ކަމެއް ކަމަށް އިބޫ ވިދާޅުވި އެވެ
."މާލޭގައި މި ދުއްވާ އުޅަނދުތަކަށް ބަލާއިރުގައި ޕާކް ކުރުމަށް އެބަ ބޭނުންވޭ ގާތްގަނޑަކަށް އެއްލައްކަ ބާވީސް ހާސް އަކަފޫޓުގެ ޕާކިން ސްލޮޓް. މިކަމަށް އަޅުގަނޑުމެން ވިސްނާއިރު މާލޭ ސިޓީ ކައުންސިލުން މި ކަމާ ގުޅޭ ޕްލޭންތަކެއް ކުރި. އެހެން ނަމަވެސް މި ސަރުކާރުން ސިޓީ ކައުންސިލްގެ ބާރުތައް މައި ސަރުކާރަށް ޖަމާކުރުމުގެ ސަބަބުން އެކަން އެވަނީ ހުއްޓިފައި،" އިބޫ ވިދާޅުވި އެވެ.
އިބޫ ވިދާޅުވީ ސިޓީ ކައުންސިލަށް މާލީ އެހީތެރިކަންދީ އެކި އަވަށްތައް ތަރައްގީ ކުރުމަށް ފުރުސަތު ދޭނެ ކަމަށެވެ. ހަމަ އެހެންމެ އިބޫ ވިދާޅުވި ގޮތުގައި މާލެއަށް އެ ހުރިހާ މައްސަލަތައް ދިމާވުމުގެ އަސްލަކީ ސަރުކާރުން ގެންގުޅޭ މަރުކަޒީ ސިޔާސަތެވެ.
އިބޫ ވަނީ ގަލޮޅު ދެކުނު ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ މެމްބަރު އަހްމަދު މަހްލޫފަށް ވަރަށް ބޮޑަށް ތައުރީފު ކުރައްވާ ވާހަކަދައްކަވާފަ އެވެ. އެގޮތުން މަހްލޫފަކީ އެ ދާއިރާގެ މެމްބަރެއްގެ ގޮތުގައި ވަރަށް އިހްލާސްތެރިކަމާއެކު މަސައްކަތް ކުރައްވަމުން ގެންދެވި ބޭފުޅެއް ކަމަށް އިބޫ ވިދާޅުވި އެވެ.