ކ. މާލެ
|
2 އޯގަސްޓް 2018 | ބުރާސްފަތި 18:31
ގައުމީ ޓީމާ އެކު ރައީސް ބޭއްވެވި ބައްދަލުވުމުގެ ތެރެއިން
ގައުމީ ޓީމާ އެކު ރައީސް ބޭއްވެވި ބައްދަލުވުމުގެ ތެރެއިން
ރައީސް އޮފީސް
ސާފް ޗެމްޕިއަންޝިޕް
ސާފް ޗެންޕިއަންޝިޕް އިން ފާހަގަކުރެވޭ ފަދަ ކާމިޔާބީއެއް ހޯދުމަށް ރައީސް އެދިވަޑައިގެންފި
މި ބައްދަލުވުމުގައި ސްޕޯޓްސް މިނިސްޓަރާއި ކޮމިޝަނަރު ބައިވެރިވެވަޑައިގެންނެވި

އަންނަ ސެޕްޓެމްބަރު މަހު ބަންގްލަދޭޝްގައި ފަށާ ސާފް ޗެމްޕިއަންޝިޕް އިން ފާހަގަކުރެވޭ ފަދަ ކާމީޔާބީއެއް ހޯދުމަށް އެދިވަޑައިގެން ގައުމީ ޓީމަށް ރައީސް އަބްދުﷲ ޔާމީން ހިތްވަރު ދެއްވައިފިއެވެ. 

ރައީސް ޔާމީން ގައުމީ ޓީމާ ބައްދަލުކުރައްވާފައި ވަނީ ބުދަ ދުވަހުގެ ރޭ ދަރުބާރުގޭގައި ބޭއްވި ސްޕޯޓްސް އެރީނާގެ ފުޓްސަލް ދަނޑުތައް ހުޅުއްވައިދެއްވުމުގެ ރަސްމިއްޔާތުގެ ތެރެއިންނެވެ. 

މި ބައްދަކުލުކުރެއްވުމުގައި ރައީސް ޔާމީން ވިދާޅުވީ ރާއްޖޭގެ ޤައުމީ ފުޓުބޯޅަ ޓީމަކީ މި މުބާރާތް ކާމިޔާބުކުރެވޭނެ ފަދަ ޤާބިލުކަން ހުރި އަދި ކުޅަދާނަ ކުޅުންތެރިންތަކެއް ތިބި ޓީމެއް ކަމަށެވެ. ހަމައެހެންމެ ރާއްޖޭގެ ފުޓުބޯޅަ ޓީމަކީ މި ސަރަޙައްދުގައި ވެސް ފާހަގަކުރެވޭ އެންމެ ހުނަރުވެރި އެއް ޓީމު ކަމަށާއި 2008 ވަނަ އަހަރު ރާއްޖެ އިން ސާފް ޗެމްޕިއަންޝިޕް ކާމިޔާބުކުރުމަކީ މިކަމުގެ ހެއްކެއް ކަމުގައި ރައީސް ފާހަގަކުރެއްވިއެވެ.

ހަމައެހެންމެ މިއަހަރުގެ މުބާރާތް ކާމިޔާބު ކުރުމަށް ހިތްވަރާ އެކު މަސައްކަތް ކުރުމަށާއި ރާއްޖެއަށް ރީތި ނަމެއް ހޯދައިދިނުމަށް ރައީސް ޔާމީން ވަނީ އެދިވަޑައިގެންފައެވެ. ހުރިހާ ކުޅުންތެރިންނަށް ހިތްވަރު ދެއްވައި، މި މުބާރާތުގައި ކުޅޭ ހުރިހާ މެޗެއްގައި ވެސް، އެންމެ ފަހު ވަގުތާ ޖެހެންދެން ވެސް ވަރުގަދަ ހިތްވަރަކާ އެކު ކުޅުމަށް އެދިވަޑައިގެން، ހުރިހާ ދިވެހިން ވެސް ތިބީ ޤައުމީ ޓީމާ އެކީގައި ކަމަށް ރައީސް ވިދާޅުވިއެވެ.

ގައުމީ ޓީމުން އަންނަނީ ސެޕްޓެމްބަރު 7 ވަނަ ދުވަހު ފަށާ މުބާރާތަށް ތައްޔާރުވުމަށް 30 ކުޅުންތެރިންގެ ސްކޮޑަކާ އެކު ފަރިތަކުރުންތައް ކުރިޔަށް ގެންދަމުންނެވެ. ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެ ލައްވާލާފައި ވަނީ އިންޑިއާ އަދި ސްރީ ލަންކާއާ އެކު ގްރޫޕް ބީގައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް