ބ. ހިބަޅިދޫގެ މޫދުއަޑިން ހަތިޔާރުތަކެއް ފެނުނު މައްސަލާގައި ކުރީގެ ނައިބު ރައީސް އަހްމަދު އަދީބަށްކުރާ ޓެރަރިޒަމުގެ ދައުވާގެ އަޑުއެހުމެއް ބުރާސްފަތި ދުވަހު ތާވަލް ކުރުމަށްފަހު ކެންސަލް ކޮށްފިއެވެ.
ކްރިމިނަލް ކޯޓުގައި ބުރާސްފަތި ދުވަހު އެމައްސަލައިގެ ޝަރީއަތުގެ މަޖްލީހެއް ބާއްވަން ތާވަލްކޮށްފައިވަނީ ހެނދުނު 10:00 އެވެ. ނަމަވެސް އެއަޑުއެހުން ކެންސަލް ކުރީ އަދީބު ވެސް ކޯޓަށް ހާޒިރު ކުރުމަށްފަހުގައެވެ. އަޑުއެހުން ކެންސަލްކުރި ވަކި ސަބަބެއް ކޯޓުން ހާމައެއް ނުކުރެ އެވެ.
ހިބަޅިދޫ އިން ހަތިޔާރު ފެނުނު މައްސަލާގައި އަދީބުގެ އިތުރުން ޓެރަރިޒަމުގެ ދައުވާ އުފުލާފައިވަނީ ސިފައިންގެ ބަޑި ގުދަނުގެ ކުރީގެ ވެރިޔާ ކާނަލް އަހްމަދު ފަޔާޒު (ޕާޕާ) އާއި، ކުރީގެ މަޝްހޫރު ފުޓްބޯޅަ ކުޅުންތެރިޔާ ގ. އޮއިވާލި މުހައްމަދު ހުސައިން (އޮއިއްޓޭ)އާއި، މ. ލޭންޑް އޮފް ގާޑަން އަހްމަދު އިޝްފާހު އަލީއާއި، މ. ސެސްނާ މުހައްމަދު އައްލާމް ލަތީފް (މޮހޯ)ގެ މައްޗަށެވެ.
މުހައްމަދު ހުސައިންއާއި އައްލާމް އަދި އިޝްފާހުގެ މައްޗަށް ދައުވާކުރި ނަމަވެސް އެ ތިން މީހުން ތިބީ ރާއްޖެއިން ބޭރުގަ އެވެ. އެ މީހުން ހޯދުމަށް ފުލުހުން އިއުލާން ކޮށްފައިވާއިރު، އިންޓަރޕޯލް ރެޑް ނޯޓިސް ވެސް ނެރެފައި ވެއެވެ. އެ ތިން މީހުން ކޯޓަށް ހާޒިރު ކުރެވިފައި ނުވާތީ އެ ތިން މީހުންގެ ޝަރީއަތް ކޯޓުން އަދި ފަށާފައެއް ނުވެ އެވެ.
ހިބަޅިދޫ އިން ހަތިޔާރުތަކެއް ފެނުނު މައްސަލާގައި ދައުވާ ލިބޭ މީހުންގެ މައްޗަށް ކުށް ސާބިތުކުރުމަށް ދައުލަތުން 22 މީހެއްގެ ނަން ހެކީންގެ ގޮތުގައި ކޯޓަށް ހުށަހަޅާފައި ވެއެވެ.
ރައީސް އަބްދުﷲ ޔާމީން ދަތުރުފުޅު ކުރެއްވި، ރިޔާސީ ލޯންޗްކޮޅު "ފިނިފެންމާ" ގައި ބޮން ގޮއްވާލި މައްސަލައާއި ގުޅިގެން ހިންގި ތަހުގީގުގައި ސިފައިންގެެ ބަޑިގުދަނުން ބަޑި ގެއްލިފައިވާކަން ހާމަވެފައިވާތީ އެތަކެތި ހޯދުމަށް ކުރި މަސައްކަތުން ބަޑިތައް ފެނިފައިވަނީ، ހިނބަޅިދޫ ފަޅުތެރެއިންނެވެ.
ޓެރަރިޒަމްގެ ދައުވާގެ އިތުރުން ހިޔާނާތުގެ އެތައް މައްސަލައެއްގައި އަދީބުގެ މައްޗަށް ދައުލަތުން ދައުވާ އުފުލައި ޝަރީއަތްތައް ހިންގަމުންދެ އެވެ.
ރިޔާސީ ލޯންޗްކޮޅުގައި އެއްޗެއް ގޮވި ކަމަށް ބުނާ މައްސަލާގައި އާއި އެމްއެމްޕީއާރްސީގެ ހިޔާނާތާއި ގުޅިގެން އަދީބްގެ މައްޗަށް އުފުލި ބައެއް ދައުވާތައް ސާބިތުވެ އެމަނިކުފާނު މިހާރުވެސް ގެންދަވަނީ 33 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުންނެވެ.