ކ. މާލެ
|
1 އޯގަސްޓް 2018 | ބުދަ 17:17
ބަޔާން މިއުނިކްގެ ފޯވާޑް ރޮބާޓް ލެވަންޑޯސްކީ
ބަޔާން މިއުނިކްގެ ފޯވާޑް ރޮބާޓް ލެވަންޑޯސްކީ
ޓްވިޓަރ
ޓްރާންސްފާ މާކެޓް
ލެވަންޑޯސްކީ ވިއްކާލަން ކޯޗު އަދި މެނޭޖްމަންޓު ވެސް ދެކޮޅު
ބަޔާންއާއެކު ލެވަންޑޯސްކީ ހަދާފައިވާ އެއްބަސްވުން ހަމަވާނީ 2021 ވަނަ އަހަރު

ބަޔާން މިއުނިކަށް ކުޅެމުން އަންނަ ޕޮލެންޑްގެ ކެޕްޓަން ރޮބާޓް ލެވަންޑޯސްކީ ވިއްކާލަން ބޭނުންނުވާ ކަމަށް އެކްލަބްގެ މެނޭޖްމަންޓުންނާއި އަދި ކޯޗު ބުނެފިއެވެ. 

އުމުރުން 29 އަހަރުގެ ލެވަންޑޯސްކީ ރެއާލް މެޑްރިޑަށް ބަދަލުވާން ބޭނުންވާ ކަމަށް މީޑިއާތަކުން ވަނީ ތަކުރާރުކޮށް ރިޕޯޓް ކޮށްފައެވެ. އެގޮތުން އޭނާގެ އޭޖެންޓް ވަނީ މިދިޔަ މޭ މަހުގެ ތެރޭގައި އޭނާ އެހެން ކްލަބަކަށް ބަދަލުވާން ބޭނުންވާ ކަމަށް ބުނެފައެވެ.

ޗެލްސީގެ ކޯޗުގެ މަގާމާއި އަލަށް ހަވާލުވި މައުރީޒިއޯ ސައްރީ ވެސް ލެވަންޑޯސްކީއަށް ފާރަލަމުންދާ ކަމުގެ ރިޕޯޓްތަކެއް ފެތުރިފައިވާއިރު އޭނާ އެހެން ޓީމަކުން މި ފެށޭ ސީޒަނުގައި ފެނުމަކީ އެކަށީގެންވާ ކަމެއް ކަމަށް މީޑިއާތަކުން ވަނީ ރިޕޯޓް ކޮށްފައެވެ. 

ނޫސްވެރިންނާއި ވާހަކަ ދައްކަމުން ބަޔާންގެ ސީއީއޯ ކާލް ހެއިންޒް ރުމެނިގާ ބުނީ ބަޔާންއަކީ ބޮޑު އަދަދުތަކެއް ހުށަހެޅުމުން ފަހަތަށް ޖެހޭނެ ކްލަބެއް ނޫން ކަމަށާއި ބަޔާންއަށް އެއްވެސް ހުށަހެޅުމެއް އަޔަސް ބަލައި ނުގަންނާނެ ކަމަށެވެ. ހަމައެހެންމެ ލެވަންޑޯސްކީއާ މެދު ވަރަށް ހިތްހަމަޖެހޭ ކަމަށާއި އޭނާ ކުޅޭ މަގާމަށް އެފެންވަރުގައި ކުޅެވޭނީ މަދު ކުޅުންތެރިޔަކަށް ކަމަށް ވެސް ރުމެނިގާ ބުނެފައިވެއެވެ. ލެވަންޑޯސްކީ ވިއްކާލުމުގެ އެއްވެސް ހިޔާލެއް ނުގެންގުޅޭ ކަމަށާއި 150 މިލިއަން ޔޫރޯ ހުށަހެޅި ނަމަވެސް އެކަމަށް އެއްބަސްނުވާނެ ކަމަށް ރުމެނިގާ ބުނެފައިވެއެވެ. ލެވަންޑޯސްކީ ފަދައިން ކްލަބްގައި ތިބި ހުރިހާ މޮޅު ކުޅުންތެރިން ވެސް ކްލަބްގައި މަޑުކުރުވާނެ ކަމަށް ވެސް ރުމެނިގާ ބުނެފައިވެއެވެ. 

ބަޔާންގެ ކޯޗު ނިކޯ ކޮވާޗް ބުނީ ލެވަންޑޯސްކީ ބަޔާން ދޫކޮށްނުލާނެކަން ވަރަށް ސާފު ކަމަށާއި އޭނާ ފެންވަރުގެ މޮޅު ފޯވާޑަކު އެހެން ކްލަބަކަށް ވިއްކާލުމުގެ އެއްވެސް ހިޔާލެއް ނުގެންގުޅޭ ކަމަށެވެ. އަދި އޭނާއާއެކު ވަރަށް ގިނަ މުބާރާތް ކާމިޔާބުކުރަން ބޭނުންވާ ކަމަށް ކޮވާޗް ބުނެފައިވެއެވެ. އަދި އޭނާ ކޮންޓްރެކްޓް ހަމަވަދެން ބަޔާންގެ ކުޅުންތެރިޔެއްގެ ގޮތުގައި ދެމިހުންނާނެ ކަމަށް ކޮވާޗް ބުނެފައިވެއެވެ. ބަޔާންއާއެކު ލެވަންޑޯސްކީ ހަދާފައިވާ އެއްބަސްވުން ހަމަވާނީ 2021 ވަނަ އަހަރުއެވެ.

ބަޔާންގެ ވާދަވެރި ބޮރޫޝިއާ ޑޯޓްމަންޑް ދޫކޮށް 2014 ވަނަ އަހަރު ބަޔާންއަށް ބަދަލުވުމަށް ފަހު ލެވަންޑޯސްކީ އަންނަނީ އެ ޓީމުގައި މޮޅު ކުޅުމެއް ދައްކަމުންނެވެ. އެގޮތުން ބަޔާންއަށް ކުޅުނު 195 މެޗުގައި 151 ލަނޑު އޭނާ ޖަހާފައިވާއިރު އޭނާއަކީ ދުނިޔޭގެ އެންމެ މޮޅު ފޯވާޑުންގެ ތެރޭގައި ގުނާލެވޭ ކުޅުންތެރިޔެކެވެ.

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 7 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް