ކ. މާލެ
|
28 ޖުލައި 2018 | ހޮނިހިރު 17:48
ލިވަޕޫލްގެ ކުޅުންތެރިން މިދިޔަ ސީޒަނުގައި ކުޅުނު މެޗެއްގެ ތެރެއިން
ލިވަޕޫލްގެ ކުޅުންތެރިން މިދިޔަ ސީޒަނުގައި ކުޅުނު މެޗެއްގެ ތެރެއިން
ގެޓީ އިމޭޖަސް
ލިވަޕޫލް
ބޮޑު ހަރަދުތަކެއް ކުރި ނަމަވެސް ލިވަޕޫލްއަށް ޕްރެޝަރެއް ނެތް
އެޓީމުން ވަނީ އައު ހަތަރު ކުޅުންތެރިޔަކު ގެނެސްފައި

އައު ސީޒަނަށް ތައްޔާރުވުމުގެ ގޮތުން ބޮޑު ހަރަދުތަކެއް ކުރި ނަމަވެސް އަންނަ ސީޒަނުގެ އިނގިރޭސި ޕްރިމިއާ ލީގު ކާމިޔާބު ކުރުމުގެ ޕްރެޝަރެއް ލިވަޕޫލްއަށް ނެތް ކަމަށް އެކްލަބްގެ ކޯޗު ޔާގެން ކްލޮޕް ބުނެފިއެވެ. 

މިދިޔަ ސީޒަނުގައި ޕްރިމިއާ ލީގުގެ ހަތަރު ވަނައިގައި އޮވެގެން ލިވަޕޫލް ނިންމާލިއިރު ޔުއެފާ ޗެމްޕިއަންސް ލީގުގެ ފައިނަލްގައި ވެސް އެޓީމު ކުޅުނެވެ. ހަމައެހެންމެ އެޓީމުން ވަނީ އަންނަ ސީޒަނަށް ތައްޔާރުވުމުގެ ގޮތުން އިތުރުން ހަތަރު ކުޅުންތެރިޔަކު އެޓީމަށް ގެނެސްފައެވެ. އެއީ ބްރެޒިލްގެ ދެ ކުޅުންތެރިން ކަމަށްވާ އެލިސަން އަދި ފަބީނިއޯ އާއި ގިނީގެ މިޑްފީލްޑަރު ނަބީ ކެއިޓާގެ އިތުރުން ސްވިޓްޒަލޭންޑްގެ ވިންގަރ ޒެރްދާން ޝަކީރީއެވެ. 

ނޫސްވެރިންނާއި ވާހަކަ ދައްކަމުން ކްލޮޕް ބުނީ މިދިޔަ ސީޒަނާއި އަންނަ ސީޒަނާއި މާ ބޮޑު ތަފާތެއް ޕްރެޝަރުގެ ގޮތުން ނެތް ކަމަށާއި އެހެން ނަމަވެސް ނިމިގެންދިޔަ ސީޒަނުގެ ސަބަބުން ލިވަޕޫލްއަށް ތަށި ކާމިޔާބުކުރެވޭނެ ކަމުގެ ޔަގީންކަން މީހުންގެ މެދުގައި އިތުރުވެގެން ގޮސްފި ކަމަށެވެ. އޭނާގެ މަަސައްކަތަކީ އަހަރަކަށްވުރެ އަހަރެއް ކްލަބް މޮޅުކުރުން ކަމަށާއި ކުޅޭ ފުޓްބޯޅަ ރަނގަޅުވާނަމަ ކާމިޔާބު ލިބުމުގެ ފުރުސަތު ބޮޑުވެގެންދާ ކަމަށް ކްލޮޕް ބުނެފައިވެއެވެ. 

އޭނާ ބުނީ އެހެން ޓީމުތަކުން ވެސް މަސައްކަތްކުރާ ކަމަށާއި އެގޮތުން މެންޗެސްޓާ ސިޓީ އަދި މެންޗެސްޓާ ޔުނައިޓެޑްގައި އޮތީ ވަރަށް ފުރިހަމަ ޓީމުތަކެއް ކަމަށް ގަބޫލުކުރާ ކަމަށެވެ. ލިވަޕޫލްގައި ވެސް އޮތީ ރަނގަޅު ޓީމެއް ކަމަށާއި އަލަށް ގެނައި ކުޅުންތެރިންނާއި މެދު ވެސް ވަރަށް ހިތްހަމަޖެހޭ ކަމަށް ކްލޮޕް ހާމަކުރިއެވެ. 

ސީޒަން ނުފެށެނީސް އެއްވެސް ކަމެއްގެ ނަތީޖާ ނޭނގޭނެ ކަމަށައި ކޮންމެ މުބާރާތެއް ކާމިޔާބުކުރެވުނު ނަމަވެސް އެއީ ލިބޭ ބޮޑު ކުރިއެރުމެއްގެ ގޮތުގައި ބަލައިގަންނާނެ ކަމަށް ކްލޮޕް ހާމަކުރިއެވެ. 

ލިވަޕޫލް މިހާރު އަންނަނީ އައު ސީޒަނަށް ތައްޔާރުވުމުގެ ގޮތުން އެމެރިކާގައި ޕްރީ ސީޒަން ފަރިތަކުރުންތައް ކުރިޔަށް ގެންދަމުންނެވެ. 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 7 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް