ދީނީ އިލްމުވެރިންގެ ކިބައިން އެދެނީ މިވަގުތު ރައީސް ޔާމީނާއެކު ސާބިތުވެ ތިބުމަށްކަމަށް ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމްގެ ރަނިންގމޭޓް ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު މިރޭ ވިދާޅުވެއްޖެ އެވެ.
ޝަހީމްގެ އުފަން ރަށް، ގއ. މާމެންދޫއަށް ވަޑައިގެން އެ ރަށުގެ ރައްޔިތުންނާ ބައްދަލު ކުރައްވައި ހުކުރުދުވަހުގެ ރޭ ވާހަކަ ދައްކަވަމުން ވިދާޅުވީ އިސްލާމްދީނަށް ގެއްލުންވާނެކަމެއް ރައީސް ޔާމީން ނުކުރައްވާނެކަމަށެވެ. ރައީސް ޔާމީންގެ އާއިލާ އަކީ ވެސް މާޒީގައި ވެސް އިސްލާމް ދީނަށް ޚިދުމަތް ކުރައްވާފައިވާ އާއިލާއެއް ކަމަށާއި ރައީސް ޔާމީނަކީ އިސްލާމީ ދައުލަތްތަކާއެކު ގާތް ގުޅުމެއް ބާއްވަވާ ވެރިއެއް ކަމަށެވެ.
"އެމަނިކުފާނުގެ ބައްޕާފުޅު ވެސް. އެމަނިކުފާންގެ އަނބިކަނބަލުންނަކީ ވެސް ވަރަށް ދީނަށް އިހުތިރާމް ކުރައްވާ ބޭފުޅެއް. އެމަނިކުފާނުގެ ދަރިންނަކީ ވެސް ދީނަށް އިހުތިރާމް ކުރައްވާ ގަދަރު ކުރައްވާ ބައެއް. އެމީހުން ދުވަހަކުވެސް ރާއްޖޭގެ ދީން ނައްތާލަން ދުވަހަކުވެސް ނޫޅޭނެ. އިލްމުވެރިންގެ ކިބައިން އެދެނީވަރަށް ހިތްވަރާއި އަޒުމާއެކު މިވަގުތު ރައީސްއާއެކު ސާބިތުވެ ތިބުމަށް" ޝަހީމް ވިދާޅުވި އެވެ.
ޝަހީމް ވިދާޅުވި ގޮތުގައި ރައީސް ޔާމީން ދެވަނަ ދައުރަކަށް ހޮވަންޖެހޭ އެންމެ ބޮޑު ސަބަބަކީ އެމަނިކުފާނު ދީން ކުރިއަރުވަން ކުރައްވާ މަސައްކަތްޕުޅުގެ ސަބަބުންނެވެ. ޝަހީމް ވިދާޅުވީ އަރަބި ތައުލީމް ރާއްޖޭގައި ތިބެގެން އެންމެ މަތީ ފެންވަރާ ހަމައަށް ކިޔެވޭނެ ގޮތް ރައީސް ހައްދަވައިދެއްވި ކަމަށާއި ޕީއެޗްޑީއަށް ކިޔެވޭނެ އިންތިޒާމް ވެސް ރައީސް ޔާމީން ވަނީ ހަމަޖައްސަވާފައި ކަމަށެވެ.
މީގެ އިތުރުން ގައުމު ތަރައްގީ ކުރުމުގެ ހިތްވަރު ރައީސް ޔާމީންގެ ކިބައިގައި އެބަހުރި ކަމަށާއި މީގެކުރިން ނުލިބޭ އެތައް ކުރިއެރުމެއް އެތައް ދާއިރާތަކުން ރައްޔިތުންނަށް ވަނީ ލިބިފައިކަމަށް ޝަހީމް ވިދާޅުވިއެވެ. އެހެންކަމުން ރައީސް ޔާމީނަށް ވޯޓް ދޭންވީ ގައުމުގެ މުސްތަގުބަލަށްޓަކައި ގައުމުގެ ވަހުދަތު ދެމެހެއްޓުމަށްޓަކައި ކަމަށް ޝަހީމް ވިދާޅުވިއެވެ. އިސްލާމް ދީނާ ދެކޮޅު ދައުލަތްތަކާއެކު ގާތް ގުޅުންތައް ބާއްވައި އެ ގައުމުތަކާއެކު ގުޅުންތައް ބަދަހިކުރާނެ ވެރިއެއް ރާއްޖެއަށް ބޭނުން ނުވާ ކަމަށް ވެސް ވިދާޅުވި އެވެ.
ކޮންމެ ސަރުކާރެއްގައި ވެސް އިސްލާހުކުރަން ޖެހޭ ކަންތައްތަކެއް ހުންނާނެ ކަމަށް ގަބޫލު ކުރައްވާކަމަށާއި އެ ގޮތުން ރައީސް ޔާމީންގެ ސަރުކާރު ގައި އެ ފަދަ ކަންކަން އެބަހުރި ކަމަށް ޝަހީމް ވިދާޅުވި އެވެ.
އެހެނިހެން އަތޮޅުތަކަށް ވެސް ކެމްޕޭން ދަތުރުތައް ކުރައްވާނެ ކަމަށް އިއުލާން ކުރައްވައި ޝަހީމް ވިދާޅުވީ ހުރިހާ ރަށަކުން ވެސް ތާއީދު ލިބިވަޑައިގަންނަވާނެކަން އެއީ އެމަނިކުފާނު ޔަގީން ކުރައްވާ ކަމެއްކަމަށެވެ.