ލ. މާމެންދޫގައި ކަރަންޓު ކެނޑޭ މައްސަލަ ހައްލު ނުވަނީސް އެރަށަށް ކަރަންޓު ނުދޭން ނިންމައިފިއެވެ.
މާމެންދޫ އިން ކަރަންޓު ކެނޑޭ މައްސަލަ ބޮޑުވުމާއި ގުޅިގެން އެރަށުގެ ރައްޔިތުން އަންނަނީ އިންޖީނުގޭގެ ކުރިމަތީގައި މުޒާހަރާ ކުރަމުންނެވެ.
ރާއްޖެއެމްވީއަށް މައުލޫމާތު ދެއްވަމުން މާމެންދޫ ކައުންސިލްގެ ނާއިބް ރައީސް ހުސައިން ހަބީބު ވިދާޅުވީ އެރަށުން ދޭތެދޭތެރެއިން ކަރަންޓް ކެނޑޭތާ ހަތަރު މަހަށްވުރެ ގިނަ ދުވަސްވެފައިވާ ކަމަށެވެ. އަދި ހުކުރު ދުވަހު ހަވީރުން ފެށިގެން އިރުއިރުކޮޅާ ކަރަންޓް ދާން ފެށި ކަމަށެވެ. މިގޮތަށް ކަރަންޓް ދާން ފެށުމުގެ ރައްޔިތުންގެ މުދަލަށް ވެސް ގެއްލުންވަމުންދާ ކަމުގެ ޝަކުވާ ލިބުނެވެ.
"ރައްޔިތުންގެ އަގުބޮޑެތި މުދާ ހަލާކުވެފައި މިހުރީ. އައިސްއަލަމާރި، އޭސީ، ޓީވީ މިކަހަލަ އަގުބޮޑެތި ސާމާނު. ރައްޔިތުން އަންނަނީ ވަރަށް ބޮޑަށް ޝަކުވާ ކުރަމުން" ހަބީބު ވިދާޅުވިއެވެ.
ހަބީބު ވިދާޅުވީ މުޒާހަރާއަށް ރައްޔިތުން ނުކުތީ ކަރަންޓު ކެނޑޭތާ އެތަކެއް ދުވަހެއް ފާއިތު ވެގެން ދިޔައިރު ވެސް އެކަމަށް ހައްލެއް ލިބިފައި ނެތުމުން ކަމަށާއި، އިރުއިރުކޮޅާ ކެނޭޑޭ ކަހަލަ ކަރަންޓުގެ ޚިދުމަތެއް ބޭނުން ނުވާތީ ކަމަށެވެ. މިހާރު އިންޖީނުގޭގެ މުވައްޒަފުންނާ މަޝްވަރާ ކުރުމަށްފަހު ކަރަންޓުގެ މައްސަލަ ހައްލު ނުވަނީސް ކަރަންޓުގެ ޚިދުމަތް ނުދޭ ގޮތަށް ނިންމާފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.
ހަބީބު ވިދާޅުވީ އިންޖީނުގޭގެ ކުރިމަތީގައި ގިނަ ބަޔަކު އެއްވެ މުޒަހަރާ ކުރަމުންދާއިރު ކަރަންޓުގެ މައްސަލަ އަވަހަށް ހައްލު ކުރެވޭނެ ކަމުގެ އުންމީދެއް ނެތް ކަމަށެވެ.
"މިރާއްޖެއަކުން ސްޕެއާރ އެއް ނުލިބޭ. ސްޕެއާރ އަށް އޯޑަރު ކޮށް ލިބިނު ދުވަހަކުން މިކަމަށް ހައްލު ލިބެން އަންނަނީ. ރައްޔިތުން ނޭދޭ އެއްގަޑީރުގެ ކަރަންޓެއް. ރާއްޖޭން ބޭރުން މިޖަނަރޭޓަރަށް ބޭނުންވާ ސްޕްއާރ ޕާޓް ލިބިގެން ނޫނީ ހައްލު ކުރެވޭކަށް ނެތް. އަޅުގަނޑު ވާހަކަ ދައްކައިފިން އަތޮޅުން ހަވާލުވެ ހުންނަ އަބްދުﷲ ސުލައިމާނާ ވެސް. އެބޭފުޅާ ވެސް ތަކެއްޗަށް އޯޑަރު ކޮށްފައި ހުރި ވާހަކަ ބުނި. ފަނަރަ ވަރަކަށް ދުވަސްވެއްޖޭ އޯޑަރު ކުރިތާ. ތަކެތި ލިބޭނީ ހަތް ދުވަސް ފަހުންނޭ. ހަތް ދުވަސް ނޫނީ ދިހަ ދުވަސް ވަންދެން ތަކެތި ހަލާކުވެގެންދާއިރު އެއްގަޑިން އެއްގަނޑިން ކަރަންޓުދޭކަށް އަޅުގަނޑުމެން ގަބޫލެއް ނޫން." ހަބީބު ވިދާޅުވިއެވެ.
ހަބީބު ވިދާޅުވީ އެރަށުގެ އިންޖީނުގޭގައި 160 ކިލޯވޮޓުގެ ޖަނަރޭޓަރަކާއި، 400 ކިލޯވޮޓުގެ ޖަނަރޭޓަކާއި، 180 ކިލޯވޮޓުގެ ޖަނަރޭޓަރެއް ހުންނަ ކަމަށެވެ. ނަމަވެސް 160 ކިލޯވޮޓުގެ ޖަނަރޭޓަރާއި، 180 ކިލޯވޮޓުގެ ޖަނަރޭޓަރު ހަލާކުވެފައި ހުންނަތާ ގިނަ ދުވަސްތަކެއް ވެފައިވާ ކަމަށެވެ.