މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ހުކުރު ދުވަހުގެ ރޭ ކޭތަ ނަމާދު ކުރާ ގޮތަށް އިސްލާމިކް މިނިސްޓްރީން ހަމަޖައްސައިފިއެވެ.
ކޭތަ ނަމާދު ކުރުމަށް ހަމަޖެހިފައި ވަނީ ހުކުރު ދުވަހުގެ ރޭ 11:30 ގައި މީހުން ދިރުއުޅޭ ކޮންމެ ރަށެއްގެ ބޮޑު މިސްކިތުގައެވެ. އަދި މާލޭގައި ކޭތަ ނަމާދު ކުރުމަށް ހަމަޖެހިފައި ވަނީ އިސްލާމީ މަރުކަޒުގައެވެ. ވިލިމާލޭގައި މަސްޖިދުލް އިޚްލާސް އަދި ހުޅުމާލާގައި މަސްޖިދުއް ޝައިޚް ގާސިމް ބިން މުހައްމަދު އާލް ސާނީ (ހުޅުމާލެ ބޮޑު މިސްކިތް) ގައި ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެއެވެ.
ފަލަކީ ހިސާބުތަކުން ދައްކާ ގޮތުގައި ހަނދުކޭތަ ހިފަން ފަށާނީ މިރޭ ރާއްޖެ ގަޑިން 10:14 ގައެވެ. ފުރިހަމަ ހަނދުކޭތަ އެއް ފެންނާނީ މެންދަމު 1:21 ހާއިރުއެވެ. މުޅި ހަނދުކޭތަ ގާތްގަނޑަކަށް އެއް ގަޑިއިރާއި 43 މިނެޓް ވަންދެން ހިފާފައި ހުންނާނެއެވެ. ކޭތަ ވީއްލާނެ ކަމަށް ލަފާ ކުރެވެނީ ފަތިހު 4:28 ގައެވެ.
ނުޖޫމީ އިލްމުވެރިން ވިދާޅުވާ ގޮތުގައި ހުކުރު ދުވަހު މާސް ދުނިޔެއާ ވަރަށް ކައިރިވާނެ ކަމަށެވެ. އެހެންކަމުން ވަރަށް ކައިރިން މި ޕްލެނެޓް ފެންނާނެ ކަމަށް ނުޖޫމީ އިލްމުވެރިން ބުނެއެވެ.
ހުކުރު ދުވަހުގެ ރޭ ހިފާ ހަނދުކޭތަ ވާނީ މިގަރުނުގައި ފެންނާނެ އެންމެ ދިގު ހަނދުކޭތައަށެވެ. މި ކޭތަ ހިފާފައި ހުންނަ އިރު، ހަނދު ފެންނާނީ މަޑު ރަތް ކުލައެއްގައެވެ. މަޝްހޫރު ނަމުން ނަމަ މި ކޭތައަށް ކިޔަނީ "ބްލަޑް މޫން" އެވެ.