ފެއާމޮންޓް ސިއްރު ފެންފުށި ރިސޯޓުގެ މޫދުގެ އަޑީގައި ބުދުތަކެއް ބެހެއްޓުމުން މި ސަރުކާރަށް ތާއީދުކުރައްވާ މަޝްހޫރު އިލްމުވެރިޔާ ޝެއިޚް އަލީ ޒާހިރު ވެސް ނުރުހުން ފާޅުކުރައްވައިފިއެވެ.
ރައީސް އަބްދުﷲ ޔާމީންގެ ރަނިން މޭޓަކަށް ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ކަނޑައެޅުއްވުމުން އެންޑޯޒްކުރެއްވި އިލްމުވެރިންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ޝެއިޚް އަލީ ޒާހިރު ވަނީ ބުދުތައް ބެހެއްޓުމާ ދެކޮޅަށް ދީނީ އެހެން އިލްމުވެރިންނެކޭ ވެސް އެއްފަދައިން ފާޅުގައި ބަސް ވިދާޅުވެފައެވެ. ޒާހިރު ވިދާޅުވީ ބުދުތަކުގެ ކިބައިން ދިވެހި އުއްމަތް މާތް ރަސްކަލާގެ ސަލާމަތްކޮށްދެއްވާފައި ވާއިރު އެކަންކަން އާލާވާނެ ފަދަ ކަންކަމުން ދުރުވުމަކީ ދިވެހިންގެ ޒިންމާއެއް ކަމަށެވެ. އަދި ތައުހީދު ރައްކާތެރިކުރުމަކީ އިސްލާމީ ގައުމެއްގެ އެންމެ މުހިއްމު އެއް އަސާސް ކަމަށް ޒާހިރު ވަނީ ވިދާޅުވެފައެވެ.
Budhah alhukan kurumuge shirukee amaluthakun Allah alhugadumen dhivehin salaamah kuravvaafa vaairu, efadha kankamah magufahi vedhaane enmehaa kankamun dhuruve rakkaatheri vaan jehey. Thawheedhah rakkaatheri vumakee islaamee gaumegge enme muhimmu eh sifa.
— Ali Zahir bin Saeed (@alizahirsaeed) July 26, 2018
އަލީ ޒާހިރުގެ އިތުރުން ވެސް ގިނަ އިލްމުވެރިންތަކެއް ގެންދަވަނީ އެ މައްސަލައިގައި ބަސް ވިދާޅުވަމުންނެވެ. ނަމަވެސް މި ސަރުކާރަށް ތާއިދުކުރާ ބައެއް އިލްމުވެރިން ހަމައެކަނި ޓްވީޓަކުން އެކަން ކުށްވެރިކޮށްލާތީ ގިނަ ބަޔަކު ދަނީ އެ ޝެއިޚުން ތަކަށް ފާޑުކިޔަމުންނެވެ.
ރާއްޖޭގެ ދީނީ އިލްމު އާންމުންނަށް ފޯރުކޮށްދިނުމުގެ ޚިދުމަތުގައި އުޅުއްވާ ޝެއިޚް އިލްޔާސް ހުސައިން ކުރައްވާފައިވާ ޓްވީޓެއްގައި ވިދާޅުވީ މިހާ ފާޅުކަން ބޮޑު ގޮތެއްގައި ތަރައްގީގެ ނަމުގައި މިފަދަ ބޮޑެތި މުންކަރާތްތައް ހިންގުމަކީ ރައްޔިތުންނަށް އޮޅުވާލުމުގެ އިތުރުން އިސްލާމް ދީނަށާއި ރައްޔިތުންނަށް ވެވޭ ވަރަށް ބޮޑު ޚިޔާނާތެއް ކަމަށެވެ. އެހެން ކަމުން ވަގުތުން މިކަންތައް ހުއްޓާލައި ﷲ އަށް ބިރުވެތިވުމަށް ޝެއިޚް ގޮވާލެއްވިއެވެ.
Miha falhukanbodu gotheggai tharaggeege namugai mifadha bodethi munkarathah hingumakee rayyithunna olhuvalumuge ithurun islamdheenashai rayyithunna vevey v bodu khiyanathakeve v ma vaguthun mikantha huttala الله ah birivethivumaha naseehatherivamev.الله minoondhuvahe dhakkavashi pic.twitter.com/CGmtNPQL3A
— Ilyas Hussain (@ilyaasipa) July 25, 2018

ފެއާމޮންޓް ސިއްރު ފެންފުށި ރިސޯޓުގައި ދަ ކޮރަލޭރިއަމްގެ ނަމުގައި އިންސާނުންނާ ވައްތަރު ގޮތަށް ހަދާފައިވާ ބުދުތައް މޫދުގައި ބަހައްޓާފައި ހުންނަނީ ދަގަނޑުން ހަދާފައިވާ ފްރޭމެއްގެ ތެރޭގައެވެ. އިނގިރޭސިވިލާތަށް ނިސްބަތްވާ މަޝްހޫރު ނެޗުރަލިސްޓް އަދި އާޓިސްޓެއް ކަމަށްވާ ޖޭސަން ޑިކެއާސް އުފެއްދި މިގެލަރީ ހުންނަނީ ސިއްރު ފެންފުށީގެ ފަޅުތެރޭގައި ކަމަށް ވާއިރު މޫދުގެ ދިރުންތަކާއި އިންސާނުންނާ އޮތް ގުޅުން މިތަނުގައި ދައްކުވައިދީފައި ވަނީ އިންސާނުންނާ ވައްތަރު ގޮތަށް ހަދާފައި ހުރި ބުދުތަކާއި ހަރުކޮށްފައިވާ މުރަކަތަކުންނެވެ.

އެމްޑީޕީ ސަރުކާރުގައި އައްޑޫގައި ބޭއްވި ސާކް ސަމިޓާ ދިމާކޮށް މޮނިއުމެންޓްތަކެއް ބެހެއްޓުމުން އެކަމާ ދެކޮޅަށް ދީނީ އިލްމުވެރިން ނުކުމެ އަޑު އުފުލާފައި ވެއެވެ. ސަރުކާރުން ފަހުން ވަނީ އެ ތަކެތި ނަގާފައެވެ. މި ސަރުކާރުގައި ރިސޯޓެއްގައި އެފަދަ ކަމެއް ހިނގުމުން އެ ދީނީ އިލްމުވެރިން މިއަދު ކޮބައިތޯ ގިނަ ބަޔަކު ދަނީ ސުވާލުކުރަމުންނެވެ. މި ސަރުކާރު އައިފަހުން މީގެ ކުރިން ވެސް ތަފާތު ހަފުލާތަކާ ދިމާކޮށް ރާއްޖޭގެ ރިސޯޓުތަކަށް ބުދު ފަދަ ތަކެތި އެތެރެކޮށް ބޭނުންކޮށްފައިވާ ފޮޓޯތަކާއި މަންޒަރުތައް ވަނީ އާންމުވެފައެވެ. އަދި ރައީސްގެ އަނބިކަނބަލުން އިސްނަންގަވައިގެން ދަރުބާރު ގޭގައި ބޭއްވި ފެއާރއެއްގައި ވެސް އަޅުކަންކުރުމަށް ބޭނުންކުރާ ބުދު ފަދަ ތަކެތި ދޭހަވާ ގޮތަށް ހަދާފައިވާ ތަކެތި ބެހެއްޓި މައްސަލައެއް ވެސް ފެންމަތިވެފައި ވެއެވެ. އަދި ބައެއް ހަފުލާތަކުގައި ރައީސް ޔާމީން ވެސް ވަނީ ދީނާ ފުށުއަރާ އަދި ޚިލާފް އުފެދޭ ފަދަ އިބާރާތްތަކުން ވާހަކަ ދައްކަވާފައެވެ.