ރިޔާސީ އިންތިޚާބު މޮނީޓަރކޮށް އޮބްޒާވް ކުރުމަށް ވިމެން އެންޑް ޑިމޮކްރަސީއިން ޚާއްސަ ކޮމެޓީއެއް އެކުލަވާލައިފިއެވެ.
ވިމަން އެންޑް ޑިމޮކްރަސީގެ ފަރާތުން ބޭއްވި ޚާއްސަ ނޫސްވެރިން ބައްދަލުވުމެއްގައި މިޖަމިއްޔާގެ ރައީސް ޝަފާތު އަހުމަދު ވިދާޅުވީ ރިޔާސީ އިންތިޚާބު އޮބްޒާވް ކުރުމަކީ ވަރަށް މުހިންމު ކަމެއް ކަމަށާއި، ބޭނުންވަނީ ރައްޔިތުންނާއި ގާތުން މަސައްކަތް ކުރުމަށް ކަމަށެވެ.
އެގޮތުން ރިޔާސީ އިންތިޚާބު މޮނީޓަރ ކުރުމަށް ހަތަރު މެމްބަރުން ހިމެނޭ ޚާއްސަ ކޮމެޓީއެއް އެކުލަވާލާފައިވާ ކަމަށެވެ.
ޝަފާތު ވިދާޅުވީ މިކޮމެޓީގެ މައިގަނޑު މަގުސަދަކީ ރާއްޖޭގެ ކުރިއަށް އޮތް ރިޔާސީ އިންތިޚާބަކީ އިންސާފުވެރި އިންތިޚާބެއްކަން ކަށަވަރުކޮށްދިނުން ކަމަށާއި، އިންތިޚާބު ރޭވިފައި އޮތީ އިންސާފުވެރިކޮށްތޯ ބެލުން ކަމަށެވެ.
"އަޅުގަނޑުމެންނަށް ފެނިގެން އެބަދޭ އިލެކްޝަންސް ކޮމިޝަންގެ މެންބަރުންނަކީ ވަކި ސިޔާސީ ފަރާތަކަށް ބުރެވެފައިވާ ބޭފުޅުންގެ ގޮތުގައި. އެހެންވީމަ އިލެކްޝަންސް ކޮމިޝަންގެ މިނިވަންކަމާ ދޭތެރޭ މުސްތަގިއްލު މުއައްސަސާއެއްގައި އޮންނަންޖެހޭ މިނިވަންކަމާ ދޭތެރޭ ވަރަށް ބޮޑަށް ސުވާލު އުފެދޭ" ޝަފާތު ވިދާޅުވިއެވެ.
މިކޮމެޓީގައި މަޝްހޫރު ގާނޫނީ ވަކީލު މަރިޔަމް ޝުނާނާގެ އިތުރުން ކުރީގެ އިލެކްޝަން ކޮމިޝަންގެ ރައީސް ފުއާދު ތައުފީގު ހިމެނެއެވެ.
ވިމެން އެންޑް ޑިމޮކްރަސީގެ ޗީފް އޮޕަރޭޓިން އޮފިސަރ އައިޝަތު ޝީޒާ ވިދާޅުވީ ވަކި ޚާއްސަ ކޮމެޓީއެއް އެކުލަވާލައިގެން ރިޔާސީ އިންތިޚާބު އޮބްޒާވް ކުރުމަށް ނިންމީ މިހާރުގެ ސިޔާސީ މާހައުލު އޮތް ގޮތުން ކަމަށެވެ. ސިޔާސީ ދާއިރާއިން ފެންނަނީ ރައްޔިތުން ދެކެން ބޭނުންވާ މަންޒަރު ނޫން ކަމަށް ޝީޒާ ވިދާޅުވިއެވެ.
ވިމަން އެންޑް ޑިމޮކްރަސީގެ ޖަމިއްޔާއިން ހަމައެކަނި ކުރާ މަސައްކަތަކީ އަންހެނުން ބާރުވެރިކުރުވުން ނޫންކަން ފާހަގަކުރައްވައި ޝީޒާ ވިދާޅުވީ ގައުމުގެ މަސްލަހަތަށް ވެސް މަސައްކަތް ކުރާ ކަމަށެވެ.
އެގޮތުން ރާއްޖޭގައި ޑިމޮކްރަސީ ހަރުދަނާ ކުރެވި ގާނޫނު އަސާސީން ރައްޔިތުންނަށް ލިބިދީފައިވާ ހައްގުތައް ހޯދުމަށް މަސައްކަތް ކުރާނެ ކަމަށް އޭނާ ވިދާޅުވިއެވެ. ޝީޒާ ވިދާޅުވީ ރާއްޖެ އަންނަނީ ޑިމޮކްރަސީގައި އެއްދުވަހުން އަނެއް ދުވަހަށް ފަހަތަށް ފިޔަވަޅު އަޅަމުން ކަމަށެވެ.
"އަޅުގަނޑުމެންނަށް ގާނޫނު އަސާސީގައި ވަރަށް ބައިވަރު ހައްގުތައް ވަރަށް ރީތިކޮށް ލިޔެފައި ހުރި ތަން އެބަފެނޭ. އެކަމަކު ކޮންމެ ފަހަރަކު އެހައްގުތައް ހޯދަން އަޅުގަނޑުމެން ޖެހެނީ ބަނޑު މުސާރައަށް ބައްދަން. ނޫނީ ކަނޑި ހަނގުރާމަ ކުރަން. އެއީ އެއްނޫން އަޅުގަނޑުމެން ހައްގުތައް ހޯދަން ޖެހޭ ގޮތަކީ. އެއަށްވުރެ މާފުރިހަމައަށް ލިޔެފައި އޮތް އެއްޗެއް. އަޅުގަނޑުމެން ބޭނުންވަނީ އެހައްގުތައް އެންމެ އެކަށީގެންވާ ގޮތުގައި ކަށަވަރުވެފައިތިބި ރައްޔިތުންނަށް ފޯރުކޮށްދޭ މުޖުތަމައުއެއް" ޝީޒާ ވިދާޅުވިއެވެ.
ވިމެން އެންޑް ޑިމޮކްރަސީ ޖަމިއްޔާއަކީ ޑިމޮކްރަސީ ޕްރޮމޯޓް ކުރުމަށް ވަރަށް ބޮޑަށް ވަކާލާތު ކުރާ ޖަމިއްޔާއެކެވެ. އަދި ޑިމޮކްރަސީގައި އަންހެނުންގެ ރޯލު ވެސް އިތުރުކުރުމަށް ވަރަށް ބޮޑަށް މަސައްކަތް ކުރާ ޖަމިއްޔާއެކެވެ.