ގައުމު ހިންގަވަމުން ގެންދެވީ ރައީސް އަބްދުﷲ ޔާމީން ނޫން ކަމަށާއި އެމަނިކުފާނު އުޅުއްވީ އެމްއެމްޕީއާރުސީން ލިބުނު ޑޮލަރު މާރުކުރެއްވުމާއި ގުނުއްވުމުގައި ކަމަށް، ކުރީގެ ނާއިބު ރައީސް އަހްމަދު އަދީބު ވިދާޅުވިތާ 3 ދުވަސްވިއިރުވެސް ރައީސް ޔާމީން އެކަން ދޮގެއް ނުކުރެއްވިއެވެ.
އެމްއެމްޕީއާރުސީގެ ހިޔާނާތުގެ 1.22 ބިލިއަން ރުފިޔާއަށް އަރާއިރު އަދި އެއީ ދިވެހި ދައުލަތުގެ ތެރެއިން ހިންގި އެންމެ ބޮޑު ހިޔާނާތް ކަމަށް ރައީސް ޔާމީން އެއްބަސްވެވަޑައިގެންފައި ވާއިރު، މިދިޔަ އާދީއްތަ ދުވަހު ޝަރީއަތުގެ އަޑުއެހުމުގައި އަދީބު ވިދާޅުވީ އެމްއެމްޕީއާރުސީ އަށް ލިބުނު ޑޮލަރު ޗެކްތައް ދިވެހި ފައިސާއަށް މާރުކުރުމުގެ މަސައްކަތް ކުރައްވަމުން ގެންދެވީ ރައީސް ޔާމީން ކަމަށާއި އެ މަނިކުފާނު އެ ފައިސާ ގުނުއްވަމުން ގެންދެވީ ގ. ދޫވެހީގެ ކުޑަ ކޮޓަރިއެއްގެ ތެރޭގައި ބިދޭސީއަކާއެކުގައި ކަމަށެވެ.
އަދީބު ވިދާޅުވީ، ރައީސް ޔާމީން ނޫޓު ގުނުއްވުމުގައި ޝާމިލުވެ އުޅުއްވިއިރު، ގައުމު ހިންގެވީ އޭނާ ކަމަށެވެ. އަދި ބްރިޖަކީ ވެސް އޭނާގެ މަސައްކަތް ކަމަށާއި ޖަލުގައި އޮންނެވި ނަމަވެސް، ބުރިޖް ނިމުމުން އުފާ ކުރައްވާ ކަމަށް އަދީބު ވިދާޅުވި އެވެ.
ރައީސް ޔާމީންގެ މައްޗަށް ތުހްމަތުކުރެވޭ މި ވާހަކަތައް ނުދެއްކެވުމަށް އިންޒާރު ދެއްވި ކަމަށާއި އެފަދަ ވާހަކަތަކެއް ދައްކަވައިފި ނަމަ ޖަލުގައި މިހާރު ލިބިވަޑައިގަންނަވާ އިނާޔަތްތައް މެދުކަނޑާލާނެ ކަމަށް ވެސް އަންގާފައިވާ ކަމަށް އަދީބު ވިދާޅުވި އެވެ.
ވެރިކަމަށް ވަޑައިގެންނެވުމުގެ ކުރިން ވެސް ވައްކަމާއި ހިޔާނާތުގެ ތުހްމަތު ކުރެވިފައިވާ ރައީސް ޔާމީނުގެ މައްޗަށް ތުހްމަތު ކުރައްވައި ޝަރީއަތުގެ މަޖިލީހުގައި އަދީބު ދެއްކެވި ވާހަކައާ ގުޅޭ ގޮތުން ރައީސް އޮފީހުގެ ތަރުޖަމާނު އިބްރާހިމް މުއާޒު އަލީ ޖަވާބެއް ނުދެއްވި އެވެ.
"ޖަލުގައި ހުންނެވި ބޮޑު ކުށްވެރިއަކަށް ރައީސް [ޔާމީން] ދެއްވާނެ ޖަވާބެއް ނެތް،" އޭނާ ވިދާޅުވި އެވެ.
އަދީބު މިވަރުގެ ބޮޑު ތުހުމަތެއް ކުރައްވާފައިވާއިރު ރައީސް ޔާމީން ވަނީ އެކިއެކި ފޯރަމްތަކުގައި ވާހަކަ ދައްކަވާފައެވެ. ނަމަވެސް މިކަން ދޮގުކުރައްވާ އެމަނިކުފާނު އަދި މިހާތަނަށް ބަސްފުޅެއް ވިދާޅުވެފައެއް ނުވެއެވެ. އަދި އެކަން ދޮގުކުރައްވާ ބަޔާނެއްވެސް ނެރުއްވާފައެއް ނުވެއެވެ.