ގއ. އަތޮޅުގެ ފަޅުރަށެއްގެ ކައިރީގައި އޮންނަ ފަރަކަށް ގޮތް ނޭނގޭ ބޯޓެއް އަރައިފިއެވެ.
އެމްއެންޑީއެފްގެ އިންފޮމޭޝަން އޮފިސަރު ކެޕްޓަން އިބްރާހިމް އާޒިމް ވިދާޅުވީ ގއ. ހަގެވިއްލާ ނަމަކަށް ކިޔާ ފަޅުރަށެއްގެ ކައިރީގައި އޮންނަ ފަރަކަށް ބޯޓެއް އެރުމުން އެމްއެންޑީއެފް އިން ހަރަކާތްތެރިވާން ފަށައިފިއެވެ.
އާޒިމް ވިދާޅުވީ އެ ބޯޓު ފަަރަށް އަރައިގެން އުޅޭ ކަމުގެ މައުލޫމާތު އެމްއެންޑީއެފް އަށް ލިބުނީ ބުދަ ދުވަހުގެ ރޭ 23:30 ހާއިރު ކަމަށެވެ.
އާޒިމް ވިދާޅުވީ ކޯސްޓްގާޑު ހާބަރކްރާފްޓް އެ ސަރަޙައްދަށް ގޮސް، ބެލިބެލުމުން އެ ބޯޓުގައި އެއްވެސް މީހަކު ނެތް ކަމަށެވެ. ބޯޓުގެ އަޑިން ތިން ފޫޓްވަރުގެ ތަންގަނޑެއް ނައްޓައިގެން ގޮސް އެ ބޯޓަށް ދަނީ ދިޔަވަމުން ކަމަށް ވެސް އާޒިމް ވިދާޅުވިއެވެ.
އާޒިމް ވިދާޅުވީ މިހާތަނަށް އެއީ ރާއްޖޭގެ ކުންފުންޏެއްގެ ބޯޓެއްތޯ ނުވަތަ ބޭރުގެ ބޯޓެއްތޯ ކަށަވަރުވެފައި ނުވާ ކަމަށާއި އެކަން ކަށަވަރު ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.