މިނިވަން އިންސާފުވެރި އިންތިހާބެއް ބާއްވައި ރައްޔިތުން އެދޭ ބަދަލު ގައުމަށް ގެނެއުމުގެ ފުރުސަތު އިލެކްޝަން ކޮމިޝަނުން ދޭނެ ކަމަށް އުންމީދު ކުރައްވާ ކަމަށް ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ފަރާތުން އިންތިހާބުގައި ވާދަކުރައްވާ އެމްޑީޕީގެ ކެނޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހު ( އިބޫ) ވިދާޅުވެއްޖެއެވެ.
ބުރާސްފަތި ދުވަހު ކެންޑިޑެސީ ފޯމް އިލްކެޝަންސް ކޮމިޝަނަށް ހުށަހަޅުއްވުމަށް ފަހު، އިބޫ ވިދާޅުވީ މިނިވަން ކަމަށް 53 އަހަރު ފުރުނު ކަމަށް ގަބޫލުކުރާ ދުވަހު ގުޅިފައިވާ ޕާޓީތަކުން މިނިވަންކަމާއި ޙައްގުތަށް ކަށަވަރުކުރުމަށް ފަށާއިވާ މަސައްކަތުގައި ކުރިއަށް އެއް ފިޔަވަޅު އެޅިއްޖެ ކަމަށެވެ. ކެންޑިޑެސީ ފޯމު ހުށަހެޅުމަށް އިބޫ އާއި ރަނިންގ މޭޓް ފައިސަލް ނަސީމް އާއި އެމްޑީޕީގެ ގިނަ އަދަދެއްގެ ސަޕޯޓަރުން އެމްޑީޕީ ހަރުގެ ކައިރިން އިލެކްޝަންސް ކޮމިޝަންގެ އޮފީހަށް ދިއުމަށް ފުލުހުން ފުރުސަތު ދީފައި ވެއެވެ.
ގުޅިފައިވާ ސިޔާސީ ޕާޓީތަކުން ހުށައެޅި ކެންޑިޑެސީ ފޯމާ ގުޅިގެން ޖަވާބެއް ލިބޭނެ ކަމަށް އުންމީދުކުރައްވާ ކަމަށް އިބޫ ވިދާޅުވިއެވެ. ގާނޫނުގައި ބުނަނީ 48 ގަޑިއިރުގެ ތެރޭގައި ގޮތެއް ނިންމަންޖެހޭ ކަމަށެވެ.
"މިއަދަކީ އަޅުގަނޑުމެން މިނިވަން ކަމަށް ފަންސާސް ތިން އަހަރު ފުރުނު ކަމަށް ގަބޫލުކުރާ ދުވަސް، މިފަދަ ދުވަހެއްގައި އަޅުގަނޑުމެން މިކުރާ މަސައްކަތް މިނިވަންކަމާއި ޙައްގުތައް ހޯދުމަށް ފަށައިގެން މިއުޅޭ މަސައްކަތުގައި، މިއީ ހަމަ ކުޑަ ކުޑަ ކުރިއަށް އެޅުނު އެއް ފިޔަވަޅު" އިބޫ ވިދާޅުވިއެވެ.

ކުރިއަށް އޮތް ދުވަސްތަކުގައި ކުރަން ހުރީ އުނދަގޫ މަސައްކަތްތަކެއް ކަން ފާހަގަކުރައްވަމުން އިބޫ ވިދާޅުވީ ގޮންޖެހުންތަކާ އެކު ކުރިއަށް ގޮސް 23 ސެޕްޓެމްބަރުގައި ބާއްވާ އިންތިހާބު ކާމިޔާބުކުރައްވާނެ ކަމަށެވެ. އަދި އިލެކްޝަން ކޮމިޝަންގެ ރައީސް އަހްމަދު ޝަރީފާ ބައްދަލުކުރައްވައި، އިންތިހަބާ ގުޅިގެން މިހާތަނަން ހުރި ކަންބޮޑުވުންތައް ހިއްސާކުރެއްވި ކަމަށް އިބޫ ވިދާޅުވިއެވެ. އަދި މިހާރު އިއުލާނުކޮށްފައިވާ ތަންތަން ފިޔަވައި އެހެން ތަންތަނުގައި ފޮށި ނުބަހައްޓާނެ ކަމުގެ ޔަގީންކަން ޝަރީފް ދެއްވި ކަމަށް ވެސް އިބޫ ވިދާޅުވިއެވެ.
"ބައެއް އޮފީސްތަކުން މަޖުބޫރުކުރުވާ ކަހަލަ ގޮތަށް ރީރަޖިސްޓްރޭޝަންގެ ކަންކަން ކުރާ ވާހަކަ އާއި، ހުރިހާ ވާހަކައެއް ހުށައެޅިން. ޔަގީންކަމާ އެކު ވިދާޅުވި އެއިން އެއްވެސް ތަނެންގައި ފޮށި ނުބަހައްޓާނެ ކަމަށް، އެމްއެންޑޯއެފް، ޕޮލިސް، އަދި އެއްވެސް އޮފީހެއްގައި ވެސް ފޮށި އިތުރަށް ނުބަހައްޓާނެއޭ. މިހާރު ފޮށި ބަހައްޓަންވީ ތަންތަން އެ އޮތީ ކަނޑައަޅާ ނިންމާފައޭ،" އިބޫ ވިދާޅުވިއެވެ.

"ވަކި ޕާޓީއަކުން މަޖުބޫރުކޮށްގެން ރަޖިސްޓްރީ ކުރުވާކަމަށް ގަބޫލުކުރެވިއްޖެ ނަމަ، އަނބުރާ އަމިއްލައަށް އެބޭފުޅަކު ވަޑައިގެން ތިމަންނަމެންގެ ރަޖިސްޓްރޭޝަން ޑެސްކެއްގައި ރަޖިސްޓްރީ ކުރައްވާށޭ. އަޅުގަނޑުމެންގެ އުންމީދަކީ ކުރިއަށް އޮތް ރިޔާސީ އިންތިހާބު މިނިވަން އިންސާފުވެރި އިންތިހާބަކަށްވެ، ރައްޔިތުން މިއެދޭ ބަދަލު ގައުމަށް ގެނެއުމުގެ އިލެކްސަން ކޮމިޝަނުން ދެއްވާނެ ކަމަށް" އިބޫ ވިދާޅުވިއެވެ.