ބުދަ ދުވަހުގެ ރެއާ ހަމައަށް 8000 މީހުން ރީ-ރަޖިސްޓަރ ކުރުމަށް ފޯމު ހުށަހަޅާފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފިއެވެ.
ގުޅިފައިވާ ޕާޓީތަކުގެ ކެންޑިޑޭޓްގެ ގޮތުގައި ވާދަކުރައްވާ އިބްރާހީމް މުހައްމަދު ސޯލިހު (އިބޫ) އިންތިޚާބަށް ކުރިމަތި ލެއްވުމަށް ފޯމް ހުށަހެޅުއްވުމަށް ފަހު އިބޫއާ އެކު ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން އިލެކްޝަންސް ކޮމިޝަނުގެ ރައީސް އަހުމަދު ޝަރީފު ވިދާޅުވީ، ރީ-ރަޖިސްޓްރޭޝަނަށް މިމަހުގެ 17 ވަނަ ދުވަހު ހުޅުވާލާފައިވާ އިރު ފޯމު ހުށަހެޅުމުގެ ކަންކަން ވަރަށް ބޮޑަށް ބެލިގެން ކުރިއަށްދާ ކަމަށެވެ. ރީ-ރަޖިސްޓަރ ކުރުމުގައި އެއްވެސް ޝައްކެއް އުފެދޭ ކަމުގައިވާ ނަމަ، ދެ ވަނަ ފަހަރަށް ރަޖިސްޓްރީވުމުގެ ފުރުސަތު ހުޅުވާލެވިފައިވާ ކަމަށް އެކޮމިޝަނުން ބުނެއެވެ. އަދި ހުރިހާ ފަރާތްތަކުން ވެސް ރީ-ރަޖިސްޓަރ ކުރެވިފައިވޭތޯ ކަށަވަރު ކުރުމަށް އެދޭ ކަމަށް އެކޮމިޝަނުން ބުނެއެވެ.
ޝަރީފް ވިދާޅުވީ ރަނގަޅު ތަރުހީބެއް ރީ-ރެޖިސްޓްރޭޝަނަށް ލިބެމުން އަންނަ ކަމަށާއި މިއީ މި މުއްދަތާ އަޅާ ބަލާއިރު މީގެ ކުރީގެ އިންތިޚާބުތަކަށް ވުރެ އިތުރު އަދަދެއް ކަމަށެވެ.
އިލެކްޝަންސް ކޮމިޝަނުން މިހެން ހާމަކޮށްފައިވާ އިރު ސިޔާސީ ޕާޓީތަކުން ވެސް ދަނީ ރީ ރަޖިސްޓްރީ ކުރުމުގެ ހަރަކާތްތައް ކުރިއަށް ގެންދަމުންނެވެ. އިލެކްޝަންސް ކޮމިޝަނުން ވަނީ ޕާޓީތަކާއި ޖަމިއްޔާތަކުން ވެސް ރީ ރަޖިސްޓްރީ ކުރުމުގެ ހަރަކާތްތައް ކުރިއަށް ގެންދިއުމަށް ބާރު އަޅާ ކަމަށް ބުނެފައެވެ. ސަރުކާރުގެ އޮފީސްތަކުން ވެސް ގެންދަނީ އެ ތަންތަނުގެ މުވައްޒަފުން ރީ-ރެޖިސްޓްރީ ކުރުމަށް ފޯމު ފުރަމުންނެވެ. އަދި ބައެއް ތަންތަނުގައި އެކަން ވަނީ ވަރަށް ބޮޑު ވާދަވެރިކަމަކަށް ވެފައެވެ.
ރީރަޖިސްޓްރީ ކުރުމަށް ހުޅުވާލާފައި ވަނީ އޮގަސްޓް 11 ވަނަ ދުވަހުގެ ނިޔަލަށެވެ.
ޝަރީފް ވިދާޅުވީ ރީ-ރެޖިސްޓްރީކުރާ އިރު ފޯމްގައި އެ މީހެއްގެ ފޯނު ނަންބަރާއި ހެކިންގެ ނަންބަރު ޖެހުން ވަރަށް މުހިންމު ކަމަށެވެ. ބައެއް ހާލަތްތަކުގައި ގުޅަންޖެހިދާނެ ކަމަށާއި މިހާތަނަށް ނަންބަރު ނެތް ފޯމުތައް ރިޖެކްޓްކޮށްފައިވާ ކަމަށް ޝަރީފް ވިދާޅުވިއެވެ.
ބައެއް އޮފީސްތަކުން އެ ތަންތަނުގައި ފޮށި ބަހައްޓައިގެން ވޯޓުލުމަށް ރީ-ރެޖިސްޓްރީކުރުމަށް މަސައްކަތްކުރަމުންދާ ކަމަށް ދެކެވޭ ވާހަކަތަކާ ގުޅިގެން ޝަރީފް ވިދާޅުވީ ވޯޓު ފޮށި ބަހައްޓާ ތަންތަން މިހާރު އިއުލާނުކުރެވިފައިވާ ކަމަށާއި އެހެން ތަންތަނުގައި ވޯޓު ފޮށި ބެހެއްޓުމަށް ނިންމާފައި ނުވާ ކަމަށެވެ.