ހާއްސަ އޮޕަރޭޝަނެއްގެ ދަށުން މ. ސެސްނާ ގެއަށް ބުދަ ދުވަހުގެ ރޭ ފުލުހުން ވަދެފައި ވަނީ ކޯޓު އަމުރެއް ނެތިކަން ރާއްޖެއެމްވީއަށް އެނގިއްޖެއެވެ.
ސެސްނާއަށް ފުލުހުން ވަނީ ބުދަ ދުވަހުގެ ރޭ 12 ޖެހި ފަހުންނެވެ. ދޮރު ވައްޓާލުމަށް ފަހު، ފުލުހުން ވަނީ ސެސްނާ ގޭގެ ފަސް ވަނަ ފަންގިފިލާގައި ހުރި އެޕާޓްމެންޓަކަށެވެ. އެޕާޓްމެންޓްގައި ދިރިއުޅޭ ބައެއް މީހުން ނިދާފައި ތިއްބައި ބާރުގެ ބޭނުންކޮށްގެން ފުލުހުން އެތަނަށް ވަނުމަށް ފަހު، ކޯޓް އަމުރެއް ގެނެސް އެޕާޓްމެންޓްގެ ވެރިންނަށް އެ އަމުރު ދެއްކީ ބަލައި ފާސްކުރަން ފެށިތާ ތިން ގަޑިއިރު ފަހުންކަން ރާއްޖެ އެމްވީއަށް ވަނީ އެނގިފަ އެވެ.
އެސްއޯ ފުލުހުންނާ އެކު އަށް ގަޑިއިރަށް ކުރިއަށް ގެންދިޔަ އޮޕަރޭޝަންގައި ދެ މީހަކު ހައްޔަރުކުރި އެވެ. ސެސްނާ ގެއިން ހައްޔަރުކުރީ މ. ދިއްގަރު ޒުވާނެއް ކަމަށާއި އަދި ފުލުހުން ބަލައި ފާސްކުރި އެ ޕާޓްމެންޓްގައި ދިރިއުޅޭ ޒުވާން އަންހެން ކުއްޖާގެ ކުރީގެ ފިރިމީހާ ކަން ވެސް ރާއްޖެ އެމްވީއަށް ވަނީ އެނގިފަ އެވެ.

އެ އޮޕަރޭޝަންގައި ހައްޔަރު ކުރި ދެ މީހުން ބުރާސްފަތި ދުވަހުގެ ހެނދުނު ވަނީ ދޫކޮށްލާފައެވެ.
ބުދަ ދުވަހުގެ ރޭ މެންދަމުން ފެށިގެން، ބުރާސްފަތި ދުވަހުގެ ހެނދުނު 8:30 އާ ހަމައަށް ފުލުހުން ކުރިއަށް ގެންދިޔަ އޮޕަރޭޝަންގައި ސެސްނާގެ އިން ފުލުހުން ވަނީ ދަބަހެއް ނެރެގެން ގެންގޮސްފައެވެ. އަދި ފުލުހުން ހޯދާ ފޮރިންސިކް ހެކީގެ ގޮތުގައި ނަގާ ތަކެތި އެޅުމަށް ފުލުހުން ބޭނުންކުރާ ކަރުދާސް ކޮތަޅުތަކުގައި ވެސް ބައެއް ތަކެތި ގެންދިޔަ މަންޒަރު ނޫސްވެރިންނަށް ފެނުނެވެ.
އެ އޮޕަރޭޝަނާ ގުޅޭ ގޮތުން ފުލުހުން ރަސްމީ ގޮތުން އެއްވެސް ބަހެއް މިހާތަނަށް ހާމައެއް ނުކުރެ އެވެ.
ބާރުގެ ބޭނުން ކޮށް ސެސްނާގެ އަށް ފުލުހުން ވަނުމުގެ ކުރިން އެ ގޭގެ ދެ ވަނަ ބުރީގެ ސިޑިމަތީގައި ދެ މީހަކު މާރާމާރީއެއް ހިންގާފައިވާކަން ވެސް ރާއްޖެއެމްވީއަށް އެނގިފައިވެ އެވެ.

ސެސްނާއަކީ އެމްއެމްޕީއާރްސީ. ގެ ކޮރަޕްޝަންގައި ޝާމިލުވާ ކަމަށް ސަރުކާރުން ބުނާ، މުހައްމަދު އައްލާމް ލަތީފު (މޮހޯ) ގެ ގެ އެވެ. ފުލުހުން ހިންގި އޮޕަރޭޝަނަކީ އެމްއެމްޕީއާރްސީ. ގެ ކޮރަޕްޝަނާ ގުޅުންހުރި މައްސަލައެއް ނޫން ކަމަށްވެއެވެ. ހަމައެހެންމެ ފުލުހުން ރޭ ހިންގި އޮޕަރޭޝަނާއި މޮހޯއާ އެއްވެސް ގުޅުމެއް ނެތްކަން ވަނީ އެނގިފަ އެވެ.
ސެސްނާގައި ފުލުހުން ހިންގި އޮޕަރޭޝަނާ ގުޅޭ ގޮތުން، ފުލުހުން ރަސްމީކޮށް އެއްވެސް ބަހެއް ބުނެފައި ނެތް ނަމަވެސް، އެ އޮޕަރޭޝަން ކުރިއަށް ދިޔަ ވަގުތު ސެސްނާގައި ފުލުހުންގެ ސްޕޯކްސްޕާސަން، ސުޕްރިންޓެންޑެންޓް އަހުމަދު ޝިފާން ހަރަކާތްތެރިވިއެވެ. އަދި އެ އޮޕަރޭޝަނާ ގުޅޭ ގޮތުން ފަހުން ނޫސްވެރިންނަށް މައުލޫމާތު ދެއްވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.