ރާއްޖޭގެ 53 ވަނަ މިނިވަންދުވަހުގެ މުނާސަބަތުގައި ރައީސް އަބްދުﷲ ޔާމީނާއި އަނބިކަނބަލުން ފާތިމަތު އިބްރާހީމް ދީދީ ބާއްވަވާ ރަސްމީ ބައްދަލުކުރެއްވުން ބުދަ ދުވަހުގެ ރޭ ދަރުބާރުގޭގައި ބާއްވަވައިފިއެވެ.
މި ހަފްލާއަށް ވަޑައިގެންނެވި ބޭފުޅުންނާ ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ބައްދަލުކުރައްވައި، މިނިވަންދުވަހުގެ ތަހުނިޔާ ވަނީ ވިދާޅުވެފައެވެ.
މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާގެ ނާއިބާއި، ރައްޔިތުންގެ މަޖިލީހުގެ ރައީސާއި، ވަޒީރުންނާއި، ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނާއި، ދައުލަތަށް ގިނަދުވަހު ޚިދްމަތް ކުރެއްވި އިއްޒަތްތެރިންނާއި، ސްޓޭޓް މިނިސްޓަރުން ބައިވެރިވެވަޑައިގެންނެވިއެވެ.
އޭގެ އިތުރުން މިނިވަން ދުވަހުގެ މުނާސަބަތުގައި ބާއްވާ ރަސްމީ ޖަލްސާ މާދަމާ ރޭ ނުވައެއް ޖަހާއިރު ޖުމްހޫރީ މައިދާނުގައި ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. އެ ރަސްމިއްޔާތުގައި މަތީ ދަރަޖަ ހޯދާ ފަރާތްތަކަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ ޚާއްސަ އިނާމު ދިނުމަށް ހަމަޖެހިފައިވާއިރު ޖުމްލަ 24 ފަރާތަކަށް ވަނީ އެ އިނާމު ދިނުމަށް ހަމަޖެހިފައެވެ.
ޖުލައި 26 އާ ގުޅިގެން މިއަހަރު ވެސް ގިނަ ހަރަކާތްތަކެއް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.