ރާއްޖޭގެ 53 ވަނަ މިނިވަންދުވަހުގެ މުނާސަބަތުގައި ރައީސް އަބްދުﷲ ޔާމީނާއި އަނބިކަނބަލުން ފާތިމަތު އިބްރާހީމް ބާއްވަވާ ރަސްމީ ބައްދަލު ކުރެއްވުން ބުދަ ދުވަހުގެރޭ (މި ރޭ) ދަރުބާރުގޭގައި ބޭއްވުމަށް ހަމަޖައްސަވައިފިއެވެ.
އެ ބައްދަލުކުރެއްވުމަށް އެެހެން އަހަރުތަކޭ އެއްފަދަ އިން މިއަހަރު ވެސް ގިނަ އަދަދެއްގެ ބޭފުޅުންނަށް ވަނީ ދަޢުވަތު އަރުވާފަ ކަމަށް ރައީސްލްޖުމްހޫރިއްޔާގެ އޮފީހުން ވަނީ ބުނެފައެވެ.
އޭގެ އިތުރުން މިނިވަން ދުވަހުގެ މުނާސަބަތުގައި ބާއްވާ ރަސްމީ ޖަލްސާ މާދަމާ ރޭ ނުވައެއް ޖަހާއިރު ޖުމްހޫރީ މައިދާނުގައި ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. އެ ރަސްމިއްޔާތުގައި މަތީ ދަރަޖަ ހޯދާ ފަރާތްތަކަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ ޚާއްޞަ އިނާމު ދިނުމަށް ހަމަޖެހިފައިވާއިރު ޖުމްލަ 24 ފަރާތަކަށް ވަނީ އެ އިނާމު ދިނުމަށް ހަމަޖެހިފައެވެ.
ޖުލައި 26 އާ ގުޅިގެން މިއަހަރު ވެސް ގިނަ ހަރަކާތްތަކެއް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.