ރައްޔިތުންގެ މަޖިލީހަށާއި، މިނިވަން އިންތިހާބަކަށް އޮތް އެންމެ ބޮޑު ހުރަހަކީ ޖުޑީޝަރީ ފިތުނަވުންކަމަށް ކުރީގެ ނައިބް ރައީސް އަދި ޖަސްޓިސް މިނިސްޓަރ ޑރ. މުހައްމަދު ޖަމީލް އަހުމަދު ވިދާޅުވެއްޖެ އެވެ.
ގޮނޑި ގެއްލިފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ނިންމާފައިވާ 12 މެމްބަރުންގެ މައްސަލާގައި އެކެއް ފެބްރުއަރީގައި ނިންމާފައިވާ ގޮތް ބާތިލްކޮށް ގޮނޑީގެ މައްސަލަ އަލުން ބަލަން ޖެހޭނެ ކަމަށް ސުޕްރީމް ކޯޓުން ނިންމުމާއި ގުޅިގެން ޑރ. ޖަމީލް ކުރެއްވިި ޓުވީޓެއްގައި ވިދާޅުވީ 12 މެމްބަރުންގެ ގޮނޑީގެ މައްސަލަ ގުޅިފައިވަނީ ވެރިކަމުގައި ހުދުމުތާރުކޮށް ހުންނެވި ބޭފުޅާޔާކަމަށެވެ. އަދި ޝަރުއީ ހަމަޔަކުން ފަރުވާއެއް އެ ކަމަށް ލިބޭނީ ޤާނޫނު އަސާސީގެ 141 ވަނަ މާއްދާގައިވާ ފަދަ މިނިވަން ޖުޑީޝަރީއަކުން ކަމަށް ޖަމީލް ވިދާޅުވި އެވެ.
ރައީސް މައުމޫންގެ ވެރިކަމުގައި ގިނަ ދުވަސްތަކެއް ވަންދެން ޖަސްޓިސް މިނިސްޓަރުކަންވެސް ކުރެއްވި ޑރ. ޖަމީލް ވިދާޅުވީ ރައްޔިތުންގެ މަޖިލީހަށާއި، ރިޔާސީ އިންތިހާބުގެ މިނިވަންކަމަށް އޮތް އެންމެ ބޮޑު ހުރަހަކީ ޖުޑީޝަރީ ފިތުނަވުންކަމަށެވެ.
12 membarun ge gondē ge massala gulhifai vanē Verikamugai khudhumukhtāru koh hunnevi beyfulhāyā. Sharuē hamayakun faruvā ey mikamah libeyē QA 141 gai vā fadha minivan Judiciary akun. Parliament ashāi Riyāsē inthkābuge minivan kamah oiy enme bodu hurahakē Judiciary fithuna vun. pic.twitter.com/HufDC55lq2
— Mohamed Jameel Ahmed (@MJameelAhmed) July 25, 2018
ޤާނޫނު އަސާސީގެ 141 ވަނަ މާއްދާއަކީ އަދުލު އިންސާފު ޤާއިމްކުރުމުގެ ބާރުތައް ބަޔާންކުރާ މައްދާ އެވެ. އެ މާއްދާގެ (ހ) އިން (ރ) އަށް ބަޔާންކޮށްފައިވަނީ ކޯޓްތަކަށް ލިބިގެންވާ ބާރުތަކާއި، ސުޕްރީމް ކޯޓަށް ލިބިގެންވާ ބާރުުތަކުގެ އިތުރުން ކޯޓުތަކުގެ މިނިވަންކަމާއި، ކޯޓުތަކަށް އެއްވެސް ފަރާތަކުން ނުފޫޒު ފޯރުވައިގެން ނުވާނެކަމަށެވެ.
12 މެމްބަރުންގެ ގޮނޑީގެ މައްސަލާގައި ސުޕްރީމް ކޯޓުން މިހާތަނަށްވެސް ސާފު ނިންމުމެއް ނިންމާފައިނުވާއިރު، އެ މެމްބަރުންގެ މައްސަލަތައް ސުޕްރީމް ކޯޓުގަައި އެކި ގޮތްގޮތަށް އެނބުރޭތާ އަހަރަކަށްވުރެ ގިނަ ދުވަސްވަނީވެފަ އެވެ. އަދި ސުޕްރީމް ކޯޓުން ފަނޑިޔާރުންނަށް މިހާތަނަށްވަނީ 60000 އަށްވުރެ ގިނަ ރައްޔިތުންގެ ހައްޤުތައް ހިމާޔަކޮށްދިނުމަށް ނުކުޅެދިފަ އެވެ.