ޖުމްލަ 42 ރިސޯޓެއްގައި ވޯޓު ބެހެއްޓުމަށް އިލެކްޝަންސް ކޮމިޝަނުން ނިންމައިފިއެވެ.
އިލެކްޝަންސް ކޮމިޝަނުން ވަނީ ރިސޯޓުތަކާއި، ސިނާއީ މަސައްކަތްކުރާ ތަންތަނުގެ ތެރެއިން، އެތަންތާންގައި މަސައްކަތްކުރާ މުވައްޒަފުންގެ ތެރެއިން 100 ދިވެހި މުވައްޒަފުން ހަމަވާ ތަންތަނުގައި ވޯޓުފޮށި ބެހެއްޓުމަށް ބޭނުންވާ ކަމުގެ ލިޔުން ހުށަހެޅުމުގެ ފުރުސަތު މިދިޔަ އަންގާރަ ދުވަހު ހުޅުވާލައެވެ. އަދި ބުދަ ދުވަހުގެ މެންދުރު 02:00 އަށް އެފުރުސަތު ހުޅުވާލި އިރު އިތުރު ހަ ރިސޯޓަކުން ވޯޓު ފޮށި ބެހެއްޓުމަށް އެދިފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެއެވެ.
އިލެކްޝަންސް ކޮމިޝަނުން މީގެ ކުރިން ވަނީ 36 ރިސޯޓެއްގައި ވޯޓު ފޮށި ބެހެއްޓުމަށް އިއުލާނުކޮށްފައެވެ. އަދި 70 އަށް ވުރެ ގިނަ ރިސޯޓުން ވޯޓުފޮށި ބެހެއްޓުމަށް ބޭނުންނުވާ ކަމަށް އެކޮމިޝަނުގެ ރައީސް އަހުމަދު ޝަރީފު ވަނީ ހާމަކުރައްވާފައެވެ. އަދި ވޯޓުފޮށި ބޭނުންނުވާ ރިސޯޓުތަކުގެ މައުލޫމާތު ވެސް އެކޮމިޝަނުން ހާމަކުރާނެ ކަމަށް އޭނާ ވިދާޅުވިއެވެ. އެހެން ނަމަވެސް އަދި މިހާތަނަށް އިލެކްޝަންސް ކޮމިޝަނުން އެ ލިސްޓެއް ހާމަކޮށްފައެއް ނުވެއެވެ. އެންމެ ފުރަތަމަ އިލެކްޝަންސް ކޮމިޝަނުން ވޯޓުފޮށި ބެހެއްޓުމަށް ނިންމާފައި ވަނީ އެންމެ ހަތް ރިސޯޓުގައެވެ. އެހެންނަމަވެސް ރިސޯޓުތަކުންނާއި އާންމުންގެ ގިނަ ޝަކުވާތަކެއް އެކޮމިޝަނަށް ހުށަހެޅުމުން އެކޮމިޝަނުން ވަނީ އެ ނިންމުން ބަދަލުކޮށްފައެވެ.
އެގޮތުން މުވައްޒަފުންގެ އަދަދު 250 އަށް ވުރެ މަތިން ވޯޓުލުމަށް ރަޖިސްޓްރީ ކުރާ ރަށްރަށުގައި ވޯޓުފޮށި ބެހެއްޓުމަށް ކަނޑައެޅި ނަމަވެސް އެ އަދަދުވަނީ 100 އަށް ކުޑަކޮށްފައެވެ.
މިދިޔަ ރިޔާސީ އިންތިހާބުގައި 40 ރިސޯޓުގައި ވޯޓުފޮށި ވަނީ ބަހައްޓާފައެވެ. ރާއްޖޭގައި 132 ރިސޯޓް އޮޕަރޭޓްކުރެއެވެ.
ރާއްޖޭގެ އެކި ހިސާބުތަކުގައި މިފަހަރު 470 އަށް ވުރެ ގިނަ ވޯޓުފޮށި ބެހެއްޓުމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ ނިންމާފައެވެ.