ގޮނޑި ގެއްލިފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ނިންމާފައިވާ 12 މެމްބަރުންގެ މައްސަލާގައި އެކެއް ފެބްރުއަރީގައި ނިންނާފައިވާ ގޮތް ބާތިލްކޮށް ގޮނޑީގެ މައްސަލަ އަލުން ބަލަން ޖެހޭނެ ކަމަށް ސުޕްރީމް ކޯޓުން ނިންމައިފިއެވެ.
ސުޕްރީމް ކޯޓުން ކުރި ހުކުމްގައި ބުނެފައި ވަނީ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ ގޮތުގައި ތިބި އެންމެހައި މެމްބަރުން ހިމެނޭ ގޮތަށް ގާނޫނުއަސާސީ އާއި ގާނޫނުގައިވާ ގޮތުގެ މަތިން މި އަހަރުގެ ރައްޔިތުންގެ މަޖިލީހުގެ ފުރަތަމަ ދައުރުގެ ފުރަތަމަ ޖަލްސާ ގަވާއިދުން ކުރިއަށް ގެންދިއުމަށް އެކެއް ފެބްރުއަރީ އަމުރުގައި ބުނެފައިވާ ބައި ބާތިލު ކުރާ ކަމަށެވެ. އަދި އަދި ފްލޯކްރޮސް ކުރުމާ ބެހޭ ގޮތުން މިދިޔަ އަހަރުގެ ޖުލައި މަހުގެ 13 ވަނަ ދުވަހު ކުރި ހުކުމް ބާތިލުވެއްޖެ ކަމަށް ކަނޑައަޅައި، އެކެއް ފެބްރުއަރީގެ އަމުރުގައި ބުނެފައިވާ ބަޔަކީ ވެސް ބާތިލު ބައެއް ކަމަށް ސުޕްރީމް ކޯޓުގެ ފަސް ފަނޑިޔާރުންގެ އިއްތިފާގުން ކުރި ހުކުމްގައި ބުނެފައިވެއެވެ.
އެކެއް ފެބްރުއަރީގެ އަމުރަކީ ފަސް ނަމްބަރެއްގެ މައްޗަށް އެކުލެވޭ އަމުރެކެވެ. އަންގާރަ ދުވަހު ކުރި ހުކުމާ އެކު، އެ އަމުރުގެ ހަތަރު ބައި ބާތިލު ވެގެންދިޔައީއެވެ.
އެ އަމުރުގައި ބާތިލުނުކޮށް އޮތް ހަމައެކަނި ބަޔަކީ ފަނޑިޔާރުން އައްޔަން ކުރުމަށް ސުޕްރީމް ކޯޓުގެ ހުއްދަ ލިޔުމުން ހޯދަންޖެހޭނެ ކަމަށް ބުނާ ބައެވެ.
އެކެއް ފެބްރުއަރީގެ އަމުރު ބާތިލު ކޮށްދިނުމަށް ދުސްތޫރީ "އެކްސްޕާޓޭ" މައްސަލައެއްގެ ގޮތުގައި ބަންޑާރަ ނައިބުގެ އޮފީހުން ހުށަހެޅި މައްސަލާގައި ހުކުމް ކުރުމުގެ ކުރިން، ފަނޑިޔާރުން ފާހަގަ ކުރި ނުކުތާތަކުގެ ތެރޭގައި ބުނެފައި ވަނީ މެމްބަރެއްގެ ގޮނޑީގެ ހާއްސަކަމާމެދު ހިލާފެއް އުފެދިއްޖެނަމަ، އެކަމުގައި ނިޔާ ކަނޑައަޅާނީ ސުޕްރީމް ކޯޓުން ކަމަށެވެ.
އެކެއް ފެބްރުއަރީގައި އަމުރު ނެރުމުގެ ކުރިން، ހަތަރު މެމްބަރަކު ގޮނޑިއާ ގުޅޭ ގޮތުން ސުޕްރީމް ކޯޓަށް މައްސަލަ ހުށަހެޅި ކަމަށާއި ނަމަވެސް އެ މައްސަލަ ކޯޓުން ނިންމާފައި ވަނީ ދުސްތޫރީ އިޖުރާއަތުތަކާ ހިލާފަށް ކަމަށް އުއްތަމަފަނޑިޔާރު ޑރ. އަހުމަދު އަބްދުﷲ ދީދީ (ޑރ. ޑީޑީ) ވިދާޅުވިއެވެ.
އުއްތަމަ ފަނޑިޔާރު އިޝާރާތް ކުރެއްވި ހުކުމަކީ ވިލިނގިލި، ދިއްދޫ، މަޑުއްވަރީ އަދި ތުލުސްދޫ ދާއިރާގެ ގޮނޑީގެ މައްސަލާގައި ސުޕްރީމް ކޯޓުން މިދިޔަ އަހަރުގެ އޮގަސްޓު މަހު ނިންމި ނިންމުމެވެ. ގޮނޑި ގެއްލިއްޖެ ކަމަށް ސާފުކޮށް ނުބުނެ، ކުރި އެ ހުކުމް، އޭރު އިދިކޮޅު ފަރާތްތަކުންނާއި ސަރުކާރުން ދިޔައީ ދެގޮތަށް މާނަ ކުރަމުންނެވެ.
އުއްތަމަފަނޑިޔާރު ޑީޑީ ވިދާޅުވީ ސުޕްރީމް ކޯޓުން އެ މައްސަލާގައި ކުރި ހުކުމަކީ ފައިސަލާކުރަނިވި ހުކުމެއް ނޫން ކަމަށެވެ.
އެ ހަތަރު މެމްބަރުންގެ މައްސަލަ ފިޔަވައި، އިތުރު މެމްބަރުންގެ މައްސަލަތަކެއް އެކެއް ފެބްރުއަރީގެ އަމުރުގެ ކުރިން ސުޕްރީމް ކޯޓަށް ހުށަހަޅާފައި ނެތް ކަމަށް ފާހަގަކޮށް، އުއްތަމަފަނޑިޔާރު ވިދާޅުވީ އެކެއް ފެބްރުއަރީގެ އަމުރުގެ ފަހުން އިތުރު އަށް މެމްބަރަކު ގޮނޑިއާ ގުޅޭ ގޮތުން އުފެދިފައިވާ ހިލާފުތަކާ ގުޅިގެން ގޮތެއް ކަނޑައެޅުމަށް ހުށަހަޅާފައިވާ ކަމަށެވެ. އަދި އެ މައްސަލަތައް ސުޕްރީމް ކޯޓަށް ބަލައިގަތުމަށް ނިންމާފައިވާކަން އެ ކޯޓުގެ ލިޔެކިޔުންތަކުން އެނގޭ ކަމަށް އޭނާ ވިދާޅުވިއެވެ.
ރާއްޖެޓީވީއަށް އެނގިފައިވާ ގޮތުގައި 12 މެމްބަރުންގެ ތެރެއިން، ސުޕްރީމް ކޯޓަށް މައްސަލަ ހުށަނާޅާ ތިބި ބައެއް މެމްބަރުން އެ މައްސަލަތައް އެ ކޯޓަށް ހުށަހެޅީ ހޯމަ ދުވަހުއެވެ.
އެހެންކަމުން ސުޕްރީމް ކޯޓުން ދެން ކުރިއަށް ގެންދާނީ އެ މެމްބަރުންގެ ގޮނޑިއާމެދު އުފެދިފައިވާ ހިލާފަށް ގޮތެއް ނިންމުމަށް، ބާއްވާ އަޑުއެހުންތަކެވެ.
ބާރަ މެމްބަރުން ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތަކުގައި ބައިވެރިނުކޮށް، މަޖިލީހުގެ ޖަލްސާތައް ކުރިއަށް ގެންދާތާ މިއަދަށް އެއް އަހަރާއި 12 ދުވަސް ވަނީ ވެފައެވެ. ރާއްޖޭގެ ފަސްދޮޅަސް އެތައް ހާސް ރައްޔިތުން ތަމްސީލު ކުރާ 12 މެމްބަރުންނާ ނުލައި، ސަރުކާރުން ބޭނުންވާ ގޮތަށް ރައްޔިތުންގެ މަޖިލީހުން ގާނޫނުތަކަށް ބޮޑެތި ބަދަލުތައް ދަނީ ގެންނަމުންނެވެ.