މި އަހަރުގެ ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާ އިދިކޮޅު އިއްތިހާދުގެ ކެންޑިޑޭޓު އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) ގެ ރަނިންމޭޓްކަމުގެ ޓިކެޓް ފައިސަލް ނަސީމްއާ ޖުމްހޫރީ ޕާޓީން ރަސްމީކޮށް މިއަދު ހަވާލުކޮށްފިއެވެ.
ޖުމްހޫރީ ޕާޓީގެ މައި ޖަގަހަ، ކުނޫޒްގައި ބޭއްވި ރަސްމިޔާތުގައި ރަނިމޭޓްގެ ޓިކެޓް ފައިސަލްއާ ހަވާލު ކޮށްދެއްވީ ޖުމްހޫރީ ޕާޓީ ވަގުތީ ގޮތުން ހިންގުމާ ހަވާލުވެ ހުންނެވި، ޑެޕިއުޓީ ލީޑަރު ޑރ. ހުސެއިން ރަޝީދު ހަސަނެވެ. މި ރަސްމިޔާތުގައި ފައިސަލް ވިދާޅުވީ އޭނާ ހުންނަވާނީ ކޯލިޝަނުގެ މަގުސަދާ އެއްގޮތަށް ރައްޔިތުން އެދޭ ބަދަލު ގެނައުމަށް ވަރަށް ކެރިވަޑައިގެން ކަމަށެވެ. ދިވެހި ރައްޔިތުންގެ ހައްގުގައި ކޯލިޝަނުން މި އިންތިހާބު ކާމިޔާބު ކޮށްދޭން މަސައްކަތް ކުރުމަށް ހުރިހާ ފަރާތްތަކަށް ވަނީ ގޮވާލައްވާފައެވެ.
"އަޅުގަނޑުމެން ގަބޫލު ކުރަން ޖެހޭނެ. ފުރުސަތަކީ މާގިނައިން ލިބޭ އެއްޗެއް ނޫން. ފުރުސަތަކީ މަދުން ލިބޭ އެއްޗެއް. އެހެން ނަމަވެސް ވިސްނުންތެރި މީހުން އަބަދު ވެސް ބަލާނީ އެ ލިބޭ ފުރުސަތުގެ ބޭނުން ހިފާ، ރައްޔިތުން އެދޭ ހެޔޮ ބަދަލުތައް ގެނައުމަށް،" ފައިސަލް ވިދާޅުވިއެވެ.
ވޯޓުލުމަށް ލިބިފައިވާ ފުރުސަތުގައި އެންމެ މުހިންމު ކަމެއްގެ ގޮތުގައި އޮތީ ރީ ރަޖިސްޓްރޭޝަން ކަމަށް ވެސް ފައިސަލް ފާހަގަ ކުރެއްވިއެވެ. މި މަހުގެ 13 ވަނަ ދުވަހު ޖުމްހޫރީ ޕާޓީގެ ކައުންސިލްގައި ނެގި ވޯޓު ފައިސަލް ކާމިޔާބު ކުރީ އޭނައާ އެންމެ ގާތުން ވާދަ ކުރެއްވި ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ މެމްބަރު އަލީ ހުސެއިނަށް ވުރެ އެއް ވޯޓު އިތުރަށް ލިބިވަޑައިގެންނެވެ. ނަމަވެސް އެ އިންތިހާބު އަލުން ބޭއްވުމަށް އެ ޕާޓީގެ މެމްބަރު މޫސާ އަންވަރު ވަނީ ހުށައެޅުމަށް ފަހު އަނބުރާ ގެނެސްފަ އެވެ.
މި ރަސްމިޔާތުގައި ވާހަކަ ދައްކަވަމުން ގާސިމް ވަނީ މޫސާ އަންވަރަށް އެކަމާ ގުޅިގެން ވަރަށް ބޮޑަށް ފާޑު ވިދާޅުވެފައެވެ. ގާސިމް އިބްރާހިމް ވަނީ މޫސާ އަންވަރު މޮޔަވީ ތޯ ސުވާލު އުފައްދަވާފައެވެ. އަދި ވިދާޅުވީ އޭނާ ޖުމްހޫރީ ޕާޓީން ކުރާ ކޮންމެ ކަމަކާ ދިމާކުރާ ކަމަށާއި އޭނާ އުޅެނީ ޖުމްހޫރީ ޕާޓީއާ އަޅައިގަނެގެން ކަމަށެވެ.