އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހްގެ ރަނިންގ މޭޓް ކަނޑައެޅުމަށް ޖުމްހޫރީ ޕާޓީގެ ކައުންސިލްގައި ކުރިއަށް ގެންދިޔަ އިންތިހާބު، އަލުން ބާއްވައި ދިނުމަށް އެދި އެ ޕާޓީގެ ޒުވާނުންގެ ގޮފީގެ ކުރީގެ ރައީސް މޫސާ އަންވަރު ސިވިލް ކޯޓަށް ހުށައެޅި މައްސަލަ އަނބުރާ ނަގައިފިއެވެ.
މޫސާ އަންވަރު ކޮށްފައިވާ ޓްވީޓެއްގައި ބުނެފައި ވަނީ ކުރީގެ ނާއިބު ރައީސް އަހުމަދު އަދީބުގެ އެދިލެއްވުމާ އެއްގޮތަށް ގައުމީ މަސްލަހަތު އިސްކޮށް ރަނިންމޭޓުގެ އިންތިޚާބާ ގުޅޭ ގޮތުން ސިވިލްކޯޓަށް ހުށައަޅާފައިވާ މައްސަލަ އިތުރަށް ކުރިއަށް ނުގެންދަން ނިންމާފައިވާ ކަމަށެވެ.
ރަނިންގ މޭޓް ކަނޑައެޅުމަށް މި މަހުގެ 13 ވަނަ ދުވަހު ބޭއްވި އިންތިހާބު، ފައިސަލް ނަސީމް ކާމިޔާބުކުރެއްވީ އެންމެ ވޯޓެއްގެ ތަފާތުންނެވެ. ފައިސަލާއި އެންމެ ގާތުން ވާދަކުރެއްވި އަލީ ހުސެއިނަށް 14 ވޯޓު ލިބުނުއިރު ފައިސަލަށް ލިބިވަޑައިގަތީ 15 ވޯޓު އެވެ. އަދި އިންތިހާބުގައި ބާތިލް އެއް ވޯޓް ހިމެނޭ ކަމަށް ޖުމްހޫރީ ޕާޓީން ބުނެފައި ވެއެވެ. ބާތިލްވި ވޯޓުގައި އަލީ ހުސެއިންގެ ގޮޅި އާއި ދިމާލުގައި އެއްވެސް ފާހަގައެއް ޖަހާފައިނުވާއިރު، ދެން އިން ތިން ގޮޅިއާ ދިމާލުގައި ވަނީ ނުބައި ފާހަގަ ޖަހާފައެވެ. އެހެންކަމުން މޫސާ އަންވަރު އެދިފައި ވަނީ އެއީ ބަތިލް ވޯޓަކަށް ނުވާނެ ކަމަށެވެ. އަދި އެއީ އަލީ ހުސެއިންނަށް ލިބުނު ވޯޓެއް ކަމަށެވެ.
އެހެން ނަމަވެސް އިންތިޚާބު ނިމުމާ އެކު އަލީ ހުސައިން ވަނީ ފައިސަލް އަށް މަރުހަބާ ވިދާޅުވެ ކެމްޕެއިންގައި އެކުގައި މަސައްކަތް ކުރައްވަން ވެސް ފައްޓަވާފައެވެ. އަދި އެމްޑީޕީގެ ގައުމީ މަޖިލީހުން ވެސް ވަނީ، ގުޅިފައިވާ ޕާޓީތަކުން ނެރޭ ރިޔާސީ ކެނޑިޑޭޓް އިބްރާހީމް މުހައްމަދު ސާލިހުގެ ރަނިންގ މޭޓް ކަމަށް، ޖޭޕީން ކަނޑައެޅި ފައިސަލް ބަލައިގަތުމަށް ފާސްކޮށްފައެވެ.
އެމައްސަލަ އަނބުރާ ގެންދަން ނިންމާފައިވާ ކަމަށް ބުނެފައިވާއިރު އިބްރާހިމް މުހައްމަދު ސޯލިހު އާއި ފައިސަލް ނަސީމަށް ތާއީދު ކުރަން ނިންމާފައިވާ ކަމަށް މޫސާ އަންވަރުގެ ޓްވީޓުގައި ވަނީ ބުނެފައެވެ. ނަމަވެސް ރަނިން މޭޓްގެ ކެމްޕެއިން ތެރޭގައި ވެސް މޫސާ ވަނީ ފައިސަލް އަށް ވަރަށް ބޮޑަށް ފާޑު ކިޔައި ޕޯސްޓްތައް ކޮށްފައެވެ.