ސަރުކާރުން ކޮންމެ އަހަރަކު ވެސް ދެމުން އަންނަ ޝަރަފުވެރިކަމުގެ އިނާމު މިއަހަރު 5 ފަރާތަކަށް ދިނުމަށް ޤައުމީ އިނާމާ ބެހޭ ކޮމިޓީން ކަނޑައަޅައިފިއެވެ.
މިއަހަރުގެ މިނިވަން ދުވަހުގެ މުނާސަބަތުގައި ބާއްވާ ޚާއްސަ ރަސްމިއްޔާތުގައި ޝަރަފުވެރިކަމުގެ ޤައުމީ އިނާމު ދިނުމަށް ނިންމާފައިވާ 5 ފަރާތުގެ ތެރެއިން 4 ފަރާތަކީ، މީގެކުރިން ހިތްވަރު ދިނުމުގެ ޤައުމީ އިނާމު ލިބިފައިވާ ފަރާތްތަކެއް ކަމަށް ޤައުމީ އިނާމާއި ބެހޭ ކޮމިޓީން މައުލޫމާތު ދެއެވެ.
ޝަރަފުވެރިކަމުގެ ޤައުމީ އިނާމު މިފަހަރު 5 ފަރާތްތަކަށް ލިބިގެން ދާއިރު ހިތްވަރު ދިނުމުގެ ޤައުމީ އިނާމު 15 ފަރާތަކަށް ދިނުމަށް ވެސް ޤައުމީ އިނާމާ ބެހޭ ކޮމިޓީން ވަނީ ނިންމާފައެވެ.
މީގެ އިތުރުން މަތީ ދަރަޖަ ހޯދާ ފަރާތްތަކަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ ޚާއްޞަ އިނާމު، މިއަހަރު 24 ފަރާތަކަށް ދެއްވުމަށް ވެސް ޚާއްޞަ އިނާމާ ބެހޭ ކޮމިޓީން ނިންމާފައިވެއެވެ.
އެގޮތުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ އެންމެމަތީ ލެވެލްގެ ސަނަދެއް ހާސިލު ކުރުމުގައި ފާހަގަކޮށްލެވޭ ކާމިޔާބީ އެއް ހާސިލު ކުރައްވާފައިވާ 2 ފަރާތަކާއި، މަތީ ތަޢުލީމާއި ތަމްރީނުގެ ކޯހަކުން އެންމެމަތީ ވަނަ ހޯދާފައިވާ 19 ފަރާތެއް ހިމެނެއެވެ.
ބައިނަލްއަޤްވާމީ މަޢުރަޒަކުން ނުވަތަ މުބާރާތަކުން ނުވަތަ މިނޫން ވެސް ބައިނަލްއަޤްވާމީ މިންކުރުމަކުން އެންމެ މަތީ ވަނަ ނުވަތަ ޝަރަފު ހޯއްދަވާފައިވާ 3 ފަރާތަކަށް ވެސް މަތީ ދަރަޖަ ހޯދާ ފަރާތްތަކަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ ޚާއްޞަ އިނާމު ދިނުމަށް ވަނީ ހަމަޖެހިފައެވެ.
މި ރަސްމިއްޔާތުގައި ސަރުކާރުން ދޭ ބައެއް ޚާއްޞަ މެޑެލް ވެސް ރައީސުލްޖުމްހޫރިއްޔާ ދެއްވާނެއެވެ. އެގޮތުން މެޑެލް ދެއްވާނީ، ކީރިތި ޤުރްއާން ހިތުދަސްކުރައްވައިގެން ޙާފިޡު ކަމުގެ ސަނަދު ހާސިލު ކުރެއްވި 7 ބޭފުޅަކަށާއި، 2017 ވަނަ އަހަރު ބޭއްވުނު ސާނަވީ އިމްތިޙާނާއި، 2017 އަދި 2018 ވަނަ އަހަރު ބޭއްވުނު މަތީ ސާނަވީ އިމްތިޙާނުން އެކި މާއްދާތަކުން މުޅި ދުނިޔެއިން 1 ވަނަ ހާސިލުކުރި ދަރިވަރުންނަށެވެ.