ސެޕްޓެމްބަރު 23 ގައި ބޭއްވުމަށް ހަމަޖެހިފައިވާ ރިޔާސީ އިންތިޚާބުގެ ވޯޓު ނެގުމާއި، ގުނުމުގެ ކަންތައްތައް އޮބްޒާވުކުރުމަށް އެދި ފޯމް ހުށަހެޅުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ.
ހޯމަދުވަހު އިލެކްޝަންސް ކޮމިޝަނުން ނެރެފައިވާ އިއުލާނެއްގައި ވަނީ ސިޔާސީ ޕާޓީތަކާއި، ދިވެހިރާއްޖޭގައި ރަޖިސްޓަރީކޮށްފައިވާ ޖަމްޢިއްޔާ ޖަމާޢަތްތަކާއި، އަމިއްލަ ގޮތުން އޮބްޒާވްކުރުމަށް އެދޭ ފަރާތްތަކަށް 23 ޖުލައި 2018 ވާ ހޯމަ ދުވަހުގެ ހެނދުނު 08:00 ން ފެށިގެން 14 އޮގަސްޓް 2018 ވާ އަންގާރަ ދުވަހުގެ މެންދުރުފަހު 03:00 އާ ހަމަޔަށް އެ ފުރުޞަތު ހުޅުވާލާފައިވާ ކަމަށެވެ.
ރިޔާސީ އިންތިޚާބުގެ އޮބްޒާވަރަކަށް ވުމުގެ ޝަރުތުތަކުގެ ތެރޭގައި އުމުރުން 18 އަހަރު ފުރިފައިވާ ދިވެއްސަކަށް ވުމާއި، ޖިނާއީ ހުކުމެއް ތަންފީޒު ކުރަމުންދާ މީހެއް ކަމުގައި ނުވުން ހިމެނެ އެވެ. އަދި ސިޔާސީ ޕާޓީތަކުގެ އިތުރުން އޮބްޒާވަރުންނަށް ވުމަށް ހުށަހަޅާ މީހުންނަކީ ސިޔާސީ ޕާޓީއެއްގެ ރަޖިސްޓަރީއެއްގައި އެ މީހެއްގެ ނަން ހިމެނިފައިވާ މީހަކު ކަމުގައި ނުވުމާއި، ރިޔާސީ އިންތިޚާބާ ގުޅޭ މަސައްކަތެއް ކުރުމަށް އިލެކްޝަންސް ކޮމިޝަނުގެ ފަރާތުން ޙަވާލުވެގެން ހުރި މީހެއްކަމުގައި ނުވުން ހިމެނެއެވެ. ރިޔާސީ އިންތިޚާބަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލާފައި ވަނީ އަންނަ އޯގަސްޓް މަހުގެ ހަތަރުވަނަ ދުވަހުގެ ނިޔަލަށެވެ.