ބަންގްލަދޭޝް އެފްއޭގެ ދައުވަތަކަށް ޝޭހް ކަމާލް އިންޓަނޭޝަނަލް ކަޕަށް ޓީސީ ސްޕޯޓްސް ކްލަބް އެގައުމަށް ދާގޮތަށް ހަމަޖެހިއްޖެ އެވެ.
އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލު ވިދާޅުވީ ޝޭހް ކަމާލް ކަޕްގައި ބައިވެރިވާނެ ކްލަބެއްގެ ނަން ފޮނުވަން ބަންގްލަދޭޝް އެފްއޭއިން ފޮނުވާފައިވާ ކަމަށާއި، މުބާރާތަށް ރާއްޖޭގެ ކްލަބެއް ގޮތުގައި ދާނީ ޓީސީ ސްޕޯޓްސް ކްލަބް ކަމަށެވެ.
ބައްސާމް ވިދާޅުވީ މުބާރާތަށް ޓީސީ ފޮނުވަން އެފްއޭއެމް އިން ނިންމީ ފީފާ އަދި އޭއެފްސީ މިންގަނޑުތަކަށް ބެލުމަށް ފަހު ކަމަށެވެ.
ދިވެހި ޕްރިމިއާ ލީގުގެ ޗެމްޕިއަން މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން އަދި އެފްއޭކަޕްގެ ޗެމްޕިއަން ވެލެންސިއާ އޭއެފްސީ ކަޕްގައި ވާދަކުރާތީއާއެކު، ދެން މުބާރާތަށް ފޮނުވޭނެ ޓީމަކަށް ބެލީ އެފްއޭކަޕްގެ ދެވަނަ އަދި ލީގުގެ ދެވަނަ ކަމަށާއި، އެގޮތުން އެ ދެ މުބާރާތުން ވެސް ދެވަނަ ހޯދީ ޓީސީ ކަމަށް ވުމުން ޓީސީގެ ނަން ފޮނުވަން ނިންމީ ކަމަށް ވެސް ބައްސާމް ވަނީ ވިދާޅުވެފައެވެ.
ޝޭހް ކަމާލް ކަޕް އެންމެ ފަހުން ބާއްވާފައިވަނީ 2015 ވަނަ އަހަރެވެ. އެފަހަރު މުބާރާތުގެ ޗެމްޕިއަންކަން ހޯދާފައިވަނީ ބަންގްލަދޭޝްގެ ޗިޓަގޮން އެވެ. މި އެފަހަރު ސްރީލަންކާ، އިންޑިއާ އަދި ޕާކިސްތާނުގެ ޓީމްތައް ވަނީ ބައިވެރިވެފަ އެވެ.
މި މުބާރާތް ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ މަހުގެ 18 އިން މާޗު މަހުގެ އެއްވަނަ ދުވަހުގެ ނިޔަލަށެވެ. މި މުބާރާތަށް ޓީސީ ފުރުމަށް ހަމަޖެހިފައިވަނީ 17 ވަނަ ދުވަހު އެވެ.