ޕްރިމިއާ ލީގުގައި ޓޮޓެންހަމް ހޮޓްސްޕާ އާއި މެންޗެސްޓާ ސިޓީ އެއްވަރުވިއިރު، މެންޗެސްޓާ ޔުނައިޓެޑް ސަލާމަތްވެއްޖެ އެވެ.
ހޮނިހިރު ދުވަހުގެ ރޭ ޓޮޓެންހަމް އާއި ސިޓީ ބައްދަލުކުރި މެޗު އެއްވަރުވީ 1-1 ގެ ނަތީޖާއަކުންނެވެ.
ސިޓީ ދަނޑުގައި ކުޅުނު މި މެޗު ފެށިގެން ދެ ޓީމުގެ ފަރާތުންވެސް ފެނިގެންދިޔައީ ވަރަށް ހަމަހަމަ ކުޅުމެކެވެ. އެހެން ނަމަވެސް ފުރަތަމަ ހާފްގައި ޓޮޓެންހަމްއާ ހިލާފަށް ސިޓީއަށް ވަނީ ލަނޑު ޖެހުމަށް ގިނަ ފުރުސަތުތަކެއް ލިބި ބޭކާރުވެފައެވެ.
ފުރަތަމަ ހާފް ނިމުނީ 0-0 ގެ ނަތީޖާއިން ދެޓީމު އެއްވަރުވެގެންނެވެ.
ދެވަނަ ހާފްގައި ސިޓީން ވަނީ އެޓީމުގެ އެޓޭކްތައް ވަރުގަދަކޮށްފައެވެ. އެގޮތުން 49 ވަނަ މިނެޓުގައި އެޓީމުން ވަނީ މެޗުގެ ލީޑު ނަގާފައެވެ. މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ލީރޯއި ސާނޭ އެވެ.
މި ލަނޑަށްފަހުވެސް ސިޓީން ދިޔައީ ލަނޑު ޖެހުމަށް ގިނަ ފުރުސަތުތައް ތަނަވަސްކުރަމުންނެވެ. އެގޮތުން ސިޓީ އަށް މެޗުގެ ލީޑު ފުޅާކޮށްދިނީ 54 ވަނަ މިނެޓުގައި ކެވިން ޑިބްރޭނާ އެވެ.
އެހެން ނަމަވެސް އޭގެ ހަތަރު މިނެޓް ފަހުން ޓޮޓެންހަމްގެ ޑެލެއަލީ ވަނީ އެޓީމަށް ލަނޑެއް ކާމިޔާބުކޮށް ނަތިޖާގެ ފަރަގު ކުޑަކޮށްފަ އެވެ. މި ލަނޑަށްފަހު ޓޮޓެންހަމް އިން ވަނީ މެޗުގެ ތެރެއަށް ވަދެ ކޮންޓްރޯލް ހޯދާފަ އެވެ.
ޓޮޓެންހަމް އަށް މެޗުގެ ނަތީޖާ ހަމަހަމަކޮށްދިނީ 77 ވަނަ މިނެޓުގައި ހުއެންގް މިން ސޮން އެވެ. މެޗުގެ ފަހު 10 މިނެޓު ތެރޭގައި ސިޓީ އަށް ވަނީ ލީޑު ނެގުމަށް ފުލުފުލުގައި ގިނަ ފުރުސަތުތަކެއް ލިބި ބޭކާރުވެފައެވެ.
މި ނަތީޖާއާއެކު ޓޮޓެންހަމް އޮތީ ކުޅުނު 22 މެޗުން ލިބުނު 46 ޕޮއިންޓާއެކު ޕޮއިންޓް ތާވަލުގެ ދެވަނައިގަ އެވެ. ސިޓީ އޮތީ ކުޅުނު 22 މެޗުން ލިބުނު 43 ޕޮއިންޓާއެކު ޕޮއިންޓް ތާވަލުގެ ފަސް ވަނައިގަ އެވެ.
ހޮނިހިރު ދުވަހުގެ ރޭ ކުޅުނު މެޗުން ޔުނައިޓެޑް ސަލާމަތްވީ ސްޓޯކް ސިޓީއާ ދެކޮޅަށް ކުޅުނު މެޗު ފަހު ވަގުތު 1-1 ގެ ނަތީޖާއިން އެއްވަރުކޮށްގެންނެވެ.
ސްޓޯކް ދަނޑުގައި ކުޅުނު މި މެޗުގައި ޔުނައިޓެޑްގެ ފަރާތުން ވަނީ މޮޅު ކުޅުމެއް ފެނިގެންގޮސްފައެވެ. އެގޮތުން އެޓީމުން ވަނީ ސްޓޯކްގެ ގޯލަށް ނުރައްކާކޮށް ގިނަ ހަމަލާތަކެއް ފޮނުވާލާފައެވެ.
ސްޓޯކް އިން މެޗުގެ ލީޑު ނެގީ 19 ވަނަ މިނެޓުގައެވެ. މި ލަނޑަކީ ޔުނައިޓެޑްގެ ހުއާން މަޓާ އަތުން ބައިކޮޅަށް ވަތް ލަނޑެކެވެ. މި ލަނޑާއެކު އެޓީމުން ވަނީ ބައި ކޮޅަށް ލަނޑެއް ވަނެ ނުދިނުމަށް ބުރަކޮށް މަސައްކަތްކޮށްފައެވެ.
ފުރަތަމަ ހާފް ނިމުނީ 0-1 ގެ ނަތީޖާއިން ޔުނައިޓެޑްގެ މައްޗަށް ސްޓޯކް އިން ކުރިހޯދައިގެންނެވެ.
ދެވަނަ ހާފް ފެށިގެން ޔުނައިޓެޑުން ވަނީ އިތުރު ހިތްވަރެއް ލާ ލަނޑު ޖެހުމަށް ބުރަ މަސައްކަތްތައް ކޮށްފައެވެ. އެހެންނަމަވެސް ސްޓޯކް އިން ވަނީ ބައިކޮޅަށް ލަނޑެއް ވަނެ ނުދިނުމަށް ބުރަ މަސައްކަތްކޮށް ވަރުގަދަ ޑިފެންސެއްކޮށްފައެވެ.
އެހެންނަމަވެސް މެޗުގެ އިތުރުވަގުތުގައި ޔުނައިޓެޑުން ވަނީ ލަނޑެއް ކާމިޔާބުކޮށް ސްޓޯކް އިން ކުރަމުންދިޔަ މަސައްކަތް ފެނަށް ދުއްވާލާފައެވެ. މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ކެޕްޓަން ވޭން ރޫނީ އެވެ.