ކ. މާލެ
|
21 ޖުލައި 2018 | ހޮނިހިރު 13:49
ތުރުކީގެ ރައީސް ރަޖަބް ތައްޔިބް އޮރްދޮޣާން(ކ) ޚާރިޖީ ވަޒީރު މެވްލޮތު ކަވުސޮގްލޫ(ވ) ބްރަސަލްސްގައި ބޭއްވި ނޭޓޯ ސަމިޓްގައި
ތުރުކީގެ ރައީސް ރަޖަބް ތައްޔިބް އޮރްދޮޣާން(ކ) ޚާރިޖީ ވަޒީރު މެވްލޮތު ކަވުސޮގްލޫ(ވ) ބްރަސަލްސްގައި ބޭއްވި ނޭޓޯ ސަމިޓްގައި
ރޮއިޓަރސް
ތުރުކީ-ނެދަލޭންޑްސް
ތުރުކީއާއި ނެދަލޭންޑާއި ދެމެދު އޮތް ޑިޕްލޮމެޓިކް ގުޅުން ފުރިހަމައަށް އިއާދަކޮށްފި
ދެ ގައުމުގެ ގުޅުން ގޯސްވީ ނެދަލޭންޑުން ތުރުކީގެ ފެމިލީ މިނިސްޓަރަށް ހުރަސް އެޅުމުން
ނެދަލޭންޑްގައި ތުރުކީގެ 300،000 އެއްހާ ރައްޔިތުން އުޅޭ

ތުރުކީއާއި ނެދަލެންޑާއި ދެމެދު އޮތް ޑިޕްލޮމެޓިކް ގުޅުން މިދިޔަ އަހަރުގެ ތެރޭގައި ހީނަރުވުމަށް ފަހު ދެ ގައުމުން އަލުން ފުރިހަމައަށް ގުޅުން އިއާދަ ކުރުމަށް އެއްބަސްވެއްޖެއެވެ.

ހުކުރު ދުވަހު ދެ ގައުމުން ނެރުނު ބަޔާނެއްގައި ވަނީ ގުޅުން އާއްމު ހާލަތަކަށް ގެނައުމަށް ތައްޔާރު ކަމަށާއި ދެ ގައުމުގެ ޑިޕްލޮމެޓިކް ގުޅުން ފުރިހަމައަށް އިއާދަ ކުރާ ކަމަށެވެ.

ތުރުކީގެ ޚާރިޖީ ވަޒީރު މެވްލޮތު ކަވުސޮގްލޫއާއި  ނެދަލޭންޑްގެ ޚާރިޖީ ވަޒީރު ސްޓެފް ބްލޮކް ވަނީ މިދިޔަ ހަފްތާގައި ބްރަސަލްސްގައި ބޭއްވި ނޭޓޯ ސަމިޓްގެ ހަވާސާގައި ބައްދަލު ކުރައްވާފައެވެ.

ދެ ގައުމުން ނެރެފައިވާ ބަޔާނުގައި ބުނެފައިވާ ގޮތުން ދެ ގައުމުންވަނީ ކުރިން ތިބި މިންވަރަށް އަންކާރާއާއި ދަ ހޭގްގައި ސަފީރުން ބޭތިއްބުމަށް އެއްބަސްވެފައެވެ.

ނެދަލެންޑްގެ ފޮރިން މިނިސްޓަރވަނީ  ދެ ގައުމުން ވެސް ސަފީރުން ބައިތިއްބަން ނިންމާފައިވާ ކަމަށް ވިދާޅުވެ ގާނޫނުހަދާ މަޖިލީހަށް ސިޓީފުޅެއްވެސް ފޮނުއްވާފައެވެ.

މި އަހަރުގެ ތެރޭގައި އެ މަނިކުފާނު ތުރުކީއަށް ވަޑައިގަންނަވާނެ ކަމަށް ވެސްބެލެވެއެވެ.

ދެ ގައުމުގެ މެދުގައި މައްސަލަ އުފެދުނީ 2017 ވަނަ އަހަރުގެ މާޗް މަހުގެ ތެރޭގައި ތުރުކީގެ ފެމިލީ މިނިސްޓަރ ފާތްމާ ބެތުލް ސަޔަން ކަޔާރް އަށް ރޮޓަރޑަމްގައި ހުންނަ ތުރުކީގެ ކޮސުލޭޓަށް ވަދެވަޑައިގަތުމަށް މަނާކުރުމުންނެވެ. މީގެ އިތުރުން ނެދަލޭންޑްގެ ސަރުކާރުން ވަނީ ތުރުކީގެ ގާނޫނުއަސާސީއަށް ގެނެވުނު ބަދަލާއި މެދު 2017 ވަނަ އަހަރުގެ އޭޕްރީލް މަހު ތުރުކީގައި ނެގި ފެންނަ ނުފެންނަ ވޯޓްގެ ކުރިން ކެމްޕެއިން ކުރައްވަން ވަޑައިގަންނަވަނީ ކަމަށް ނިންމައި ކަވްސޮތުގުލޫ ދަތުރުކުރެއްވި ފްލައިޓް ޖެއްސުމުގެ ހުއްދަ ނުދީފައެވެ.

އޭގެ ބަދަލުގައި ތުރުކީއިން ވަނީ އަންކާރާގައި ހުންނެވި ނެދަލޭންޑްގެ ސަފީރު ފޮރިން މިނިސްޓްރީއަށް ހާޒިރުކޮށްފައެވެ. އަދި ތުރުކީގެ ރައީސް ރަޖަބް ތައްޔިބް އޮރޮދޮޣާން ވަނީ ޑިޕްލޮމެޓިކް ފްލައިޓެއް ޖައްސަން ހުއްދަ ނުދިން މައްސަލައިގައި ބަދަލު ހިފާނެ ކަމަށާއި އެ ނެދަލޭންޑްގެ އެ އަމަލަކީ ނާޒީން ހިންގާ ފަދަ އަމަލެއްގެ ގޮތުގައި ސިފަ ކުރައްވާފައެވެ.

ނެދަލޭންޑްގައި ތުރުކީގެ 300،000 އެއްހާ ރައްޔިތުން އުޅެއެވެ.

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް