މިއަހަރު ބާއްވާ ރިޔާސީ އިންތިހާބުގައި ރަށްވެހިވެފައިވާ ރަށް ނޫން އެހެން ރަށެއްގައި ވޯޓުލާން ބޭނުންވާ ފަރާތްތަކުން ރީ ރަޖިސްޓްރީ ކުރުމަށް އިލެކްޝަންސް ކޮމިޝަނުން މޭޒު ބަހައްޓާނެ ކަމަށް ބުނި ތަންތަނުގައި ޕީޕީއެމް އިން މޭޒު ބަހައްޓައިގެން ރީ ރަޖިސްޓްރީ ކޮށްދޭން ފަށައިފިއެވެ
ވެލާނާގޭގެ ގޯތިތެރޭގައި އާއި "މީރުބަހުރު" ބަނދަރުގައި ރީ ރަޖިސްޓްރީ ފޯމް ފުރަދިނުމުގެ މަސައްކަތް ޕީޕީއެެމް އިން ބުރާސްފަތި ދުވަހު ކުރަމުންދާއިރު ވެލާނާގެ އާއި ޓަމިނަލްތަކާއި އެފަދަ އެހެން ވެސް ތަންތަނުގައި އިލެކްޝަނުން މޭޒު ބަހައްޓައިގެން ރީ ރަޖިސްޓްރީ ކޮށްދޭނެ ކަމަށް އިލެކްޝަނުން މީގެ ކުރިން ބުނެފައި ވެއެވެ.
އެހެން ނަމަވެސް ޕީޕީއެމްގެ އޮފީހުން އެކަން ކުރަމުންދާއިރު އެކަން ކުރަނީ އެ ޕާޓީންކަން އެނގޭނެ އެއްވެސް ގޮތެއް އެތަންތަނުގައި ފެންނާކަށް ނެތެވެ. ނަމަވެސް ރީ ރަޖިސްޓްރީ ފޯމް ފުރައިދޭން އިން މީހަކު ބުނީ އެއީ ޕީޕީއެމްގެ މޭޒެއް ކަމަށެވެ. އަދި ބުނީ އެ ގޮތަށް ކުރިއަށް ގެންދަނީ "އޭރުން ގިނަ މީހުން އަންނާނެތީ" ކަމަށެވެ.
ރީ ރަޖިސްޓްރީ ކޮށްދޭ ކަމަށް ޖަހާފައިވާ ލިޔުން ލިޔެފައި އޮތީ ވެސް އިލެކްޝަންސް ކޮމިޝަނުން ބޭނުންކުރާ ދިވެހި ފޮންޓުން އިލެކްޝަނުން ބޭނުންކުރާ ފެހި ކުލައިންނެވެ. މިކަމުގައި އިސްކޮން އުޅެނީ ކަސްޓަމްސްގައި މަސައްކަތްކުރާ ޑްރާމާތަކުން ކުރިން ފެނުނު މުހައްމަދު އިބްރާހިމް (އެމްއައި) އެވެ. ވެލާނާގޭގައި ބަހައްޓާފައިވާ މޭޒު ކައިރި އޭނާ ވެސް ހަރަކާތްތެރިވި ތަން ފެނިފައިވެއެވެ.
އިލެކްޝަންސް ކޮމިޝަނުން ބުނީ އެ ކޮމިޝަނުގެ އެއްވެސް މޭޒެއް އަދި އެއްވެސް ތަނެއްގައި ބަހައްޓާފައި ނުހުންނާނެ ކަމަށެވެ.