ޖުމްހޫރީ ޕާޓީގެ ފައުންޑަރ ގާސިމް އިބްރާހީމަކީ ޝަރުއީ ކޯޓުތަކަށް ނުފޫޒު ފޯރުވާ ބޭފުޅެއް ކަމަށް ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ވިދާޅުވެއްޖެއެވެ.
ހއ އާއި ހދ އަތޮޅަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ހދ. ހަނިމާދޫގެ ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ ގާސިމް އިބްރާހީމަކީ ރާއްޖޭގެ ކޯޓުތަކަށް ވަރަށް ފަރިތަ ބޭފުޅެއް ކަމަށެވެ. އަދި ކޯޓުތަކުން ކަންކަން ނިންމަން ވެސް ޤާސިމް ވަރަށް ފަރިތަވާނެ ކަަމަށް ރައީސް ވިދާޅުވިއެވެ. އެގޮތުން އެކެއް ފެބްރުއަރީގައި ސުޕްރީމް ކޯޓުން ނެރުނު ހުކުމާއި އެހުކުމާއި ގުޅިގެން ގާސިމް ދެއްކެވި ވާހަކަ ރައީސް ޔާމީން ވަނީ މިސާލެއްގެ ގޮތުގައި ނަންގަވާފައެވެ.
ރައީސް ޔާމީން ވިދާޅުވީ ރިޔާސީ އިންތިހާބުގައި އިދިކޮޅު ފަރާތްތަކަށް ވާދަކުރުމުގެ ފުރުސަތު ހަނިވާގޮތަށް އެމަނިކުފާނު އެއްވެސް ކަމެއް ކުރައްވާފައި ނުވާނެ ކަމަށާއި މިހާރު ޖަލުގައި ތިއްބެވި އިދިކޮޅު ސިޔާސީ ލީޑަރުންނަކީ ޝަރުއީ ހުކުމްތަކެއް ތަންފީޒު ކުރައްވާ ފާރަތްތަކެއް ކަމަށެވެ.
މީގެ އިތުރުން ރައީސް ޔާމީން ވިދާޅުވީ 65 އަހަރުން މަތީގެ ފަރާތްތަކަށް ރިޔާސީ އިންތިހާބުގައި ވާދަ ނުކުރެވޭ ގޮތް ހެދުމަށް ގާނޫނު އަސާސީއަށް ގެނެވުނު އިސްލާހުގައި ގާސިމް ވެސް ބައިވެރިވެވަޑައިގެން ވޯޓު ދެއްވި ކަމަށެވެ.
ގާސިމްގެ މައްޗަށް އިއްވާފައިވާ ޖަލު ހުކުމަކީ ރަނގަޅު ހުކުމެއް ކަމަށް ގާސިމް ވެސް ގަބޫލު ކުރައްވާކަމަށް ރައީސް ޔާމީން ވަނީ ވިދާޅުވެފައެވެ. އެކަމުގެ ހެއްކެއްގެ ގޮތުގައި ރައީސް ޔާމީން ދެއްކެވީ އެހުކުމް އިސްތިއުނާފު ނުކޮށް، ރާއްޖެއިން ބޭރުގައި ގާސިމް ހުންނެވުމެވެ.
ރައީސް ޔާމީން މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އެކި ރަށްތަކަށް ވަޑައިގެން އިދިކޮޅު ސިޔާސީ ޕާޓީތަކަށާއި އިދިކޮޅު ސިޔާސީ ލީޑަރުންނަށް ގެންދަވަނީ ބަހުގެ ހަމަލާތައް ދެއްވަމުން ނެވެ.