ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ފާރިސް މައުމޫން ޖަލަށް ލައިގެން ސަރުކާރުން ގެންގުޅޭތާ އަހަރެއްހާ ދުވަސްވީއިރު، އެމަނިކުފާނުގެ މައްޗަށް ތުހުމަތުކުރެވޭ މައްސަލައަކީ ދޮގު ތުހުމަތުތަކެއްކަން ޕްރޮސިކިއުޓަރ ޖެނެރަލްއަށާއި ފުލުހުންނަށްވެސް އެނގޭނެކަމަށް ފާރިސްގެ ވަކީލް މައުމޫން ހަމީދު ވިދާޅުވެއްޖެއެވެ.
ފާރިސް ޖަލަށް ލެވުނުތާ 1 އަހަރުވުމާއި ގުޅިގެން އެމަނިކުފާނުގެ ޤާނޫނީ ވަކީލުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން މައުމޫން ހަމީދު ވިދާޅުވީ ފާރިސް އަކީ ބޮޑު ކުށްވެރިއެއްކަމަށް ބުނެ ސަރުކާރުން ވާހަކަތައް ދައްކަމުންދާއިރު، އެމަނިކުފާނުގެ ކުށެއް ނެތްކަން ޝަރީޢަތަށްވެސް މިހާރު ސާބިތުވެފައިވާކަމަށެވެ.
މިދިޔަ އަހަރުގެ ޖުލައި މަހު ފާރިސް ހައްޔަރުކުރީ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނަށް ރިޝްވަތު ދެއްވައިގެން ޤާނޫނީ ސަރުކާރުން ވައްޓާލަން އުޅުއްވިކަމުގެ ތުހުމަތުގައެވެ. އެމައްސަލައިގައި އެމަނިކުފާނު ބަންދުގައި ހުންނަވާތާ އަހަރު ދުވަސްވީއިރު، މައްސަލައިގައި ދައުލަތުން އެންމެ ވަރުގަދަ ހެއްކެއްގެ ގޮތުގައި ހުށަހެޅީ ފާރިސް ރިޝްވަތު ދެއްވިކަމަށް ބުނާ މެމްބަރެވެ. އެހެންނަމަވެސް މާތް ﷲ ގަންދީ ހުވައިކޮށް އެމެމްބަރު ކޯޓުގައި ހެކިބަސް ދެއްވަމުން ވިދާޅުވީ ފާރިސް ރިޝްވަތު ދެއްވާފައިނުވާކަމަށެވެ. އެހިސާބުން އެމައްސަލައިގެ އަޑު އެހުންތައް ހުއްޓާލި ގޮތަށް އެމައްސަލަ ކުރިއަކަށް ނުދެއެވެ.
އެމައްސަލަ ހިނގައިދިޔަ ގޮތަށް އަލިއަޅުއްވައިލައްވައި މައުމޫން ހަމީދު ވިދާޅުވީ އެމައްސަލަ ރަނގަޅަށް ތަހުޤީޤުކުރެއްވިނަމަ އެކަން ހިނގައިދިޔަ ގޮތް ފުލުހުންނަށް އެނގޭނެކަމަށެވެ.
"ފާރިސްގެ ބަސް މިއޮތީ ސާބިތުވެފައި. އެކަމަކު މޯލްޑިވްސް ޕޮލިސް ސަރވިސްއިން މިކަމަށް އެއްވެސް ޒިންމާއެއް ނުނަންގަވާ. ޕީޖީއިންވެސް އެއްވެސް ޒިންމާއެއް ނުނަންގަވާ. އެއީ ކީއްވެގެންތޯ ޒިންމާ ނުނަންގަވަންވީ؟ ޒިންމާ ނަންގަވަން ޖެހޭނެ އެބޭފުޅުން. ޤާނޫނީ ހަމަތަކުގެ މަތިންނޭ ތަކުރާރުކޮށް މުޅި ދުނިޔެއަށް އެބަ ހާމަކުރައްވާ ޕްރެސްކޮންފަރެންސް ބާއްވަވާފައި، އެބޭފުޅުން ނޫސް ބަޔާން ނެރުއްވާފައި، ފާރިސް އަކީ މިހާ ބޮޑު ކުށްވެރިއެކޭ ވިދާޅުވެފައި. އެހުރިހާ ވާހަކައެއް ދެއްކެވިއިރު މިއޮތީ އެނގެން. އަޅުގަނޑުމެންނަށް އެބަ ޤަބޫލުކުރެވޭ ފުލުހުންނަށްވެސް މިކަން އެނގިވަޑައިގަންނަވާކަން. ޕީޖީއަށްވެސް އެނގިވަޑައިގަންނަވަން ޖެހޭނެ އެކަށީގެންވާ ތަހުޤީޤެއް ހިންގިނަމަ،" މައުމޫން ވިދާޅުވިއެވެ.
މީގެ އިތުރުން މައުމޫން ވިދާޅުވީ ފާރިސް ރިޝްވަތުދެއްވިކަމަށް ބުނެ ފުލުހުންނަށް ދީފައިވާ މައުލޫމާތަކީ ދޮގު މައުލޫމާތެއްކަން މިހާރު ހާމަވެފައިވާކަމަށެވެ. އެހެންކަމުން އެއީ ފުލުހުންގެ ތަހުޤީގަށް އޮޅުވާލުންކަމަށް މައުމޫން ހަމީދު ފާހަގަކުރެއްވިއެވެ. މައުމޫން ވިދާޅުވީ ފާރިސްގެ ކުށެއް ނެތްކަން އެންމެންނަށް އެނގިތިބެ ވަކި ނުފޫޒެއްގެ ތެރެއިން އެމައްސަލަ ކުރިއަށް ގެންދެވީ ފާރިސްގެ މައްޗަށް ދޮގު ތުހުމަތުތަކެއް ސާބިތުވެދާނެކަމުގެ އުއްމީދެއްގައިކަމަށެވެ.
ފާރިސްގެ މައްޗަށް ޓެރަރިޒަމްއާއި ޝަޚްސު އޮޅުވާލުމާއި އަދިވެސް ގިނަ މައްސަލަތަކެއްގައި ދަނީ ދައުވާކުރަމުންނެވެ. ޝަހްސް އޮޅުވާލިކަމަށް ބުނެ އުފުލި ދައުވާ ށަބިތުވާކަމަށް ކަނޑައަޅައި، ފާރިސްގެ މައްޗަށް ވަނީ 4 މަހާއި 24 ދުވަހުގެ ޖަލު ހުކުމެއް އިއްވާފަ އެވެ. ފާރިސް އިސްލާހީ ހަރަކާތަށް ނިކުންނެވި ހިސާބަކީ މިސަރުކާރަކަށް ސިޔާސީ ޕްރެޝަރތައް އެންމެ ބޮޑަށް ކުރިމަތިވާން ފެށި ހިސާބެވެ.