އިމްޕޯޓްކުރާ ބޭހުގައި ބެޗް ނަމްބަރު ނުހިމެނޭ ނަމަ، އަދި ބެޗް ނަމްބަރާއި އިންވޮއިސް އެއްގޮތް ނުވާ ނަމަ، އެ ބޭސް ހިފަހައްޓާނެ ކަމަށް ހެލްތް މިނިސްޓްރީން ބުނެފިއެވެ.
ހެލްތު މިނިސްޓްރީ ބުރާސްފަތި ދުވަހު ކޮށްފައިވާ އިއުލާނެއްގައި ވަނީ ބޭހާއި ބެހޭ ގަވާއިދުގައިވާ ގޮތުގެ މަތިން ވިޔަފާރީގެ ގޮތުގައި ބޭސް އިމްޕޯޓްކުރާ އިރު، ހުށަހަޅާ އިންވޮއިސްތަކާއި، އެތެރެކުރާ ބޭހުގެ ކޮންމެ ބެޗަކަށް ބެޗް ނަމްބަރު ވަކިން އެނގޭގޮތަށް ހުށަހަޅަމުން ނުގެންދާ ކަން ފާހަގަ ކުރެވިފައިވާ ކަމަށެވެ.
ހެލްތު މިނިސްޓްރީން ބުނީ ބޭހުގައި މައްސަލައެއް ދިމާވެއްޖެ ހާލަތެއްގައި އެ ބޭސް ޓްރޭސް ކުރުމަށް ބޭނުންކުރެވެނީ ބެޗް ނަމްބަރު ކަމަށްވާތީ، ބެޗް ނަމްބަރަކީ ކޮންމެހެން އިނގެންޖެހޭ ވަރަށް މުހިއްމު މައުލޫމާތެއް ކަމަށެވެ.
އެހެންކަމުން އިމްޕޯޓް ކުރާ ހުރިހާ ބޭހެއްގެ ބެޗް ނަމްބަރު، ކޮންމެ ބެޗެއް ވަކިން އެނގޭ ގޮތަށް ބޭހުގެ އިންވޮއިސް ހުށަހެޅުމަށް ހެލްތު މިނިސްޓްރީން ކޮށްފައިވާ އިއުލާނުގައި ވެއެވެ.