ކ. މާލެ
|
18 ޖުލައި 2018 | ބުދަ 10:50
ލިވަރޕޫލްގެ މުހައްމަދު ސަލާޙް (ވ)ގެ ހަމަލާއެއް މަތަކުރުމަށް އެލިސަން (ކ) މަސައްކަތްކުރަނީ
ލިވަރޕޫލްގެ މުހައްމަދު ސަލާޙް (ވ)ގެ ހަމަލާއެއް މަތަކުރުމަށް އެލިސަން (ކ) މަސައްކަތްކުރަނީ
ގެޓީ އިމޭޖަސް
ޓްރާންސްފަރ ބާޒާރު
ރޯމާގެ ބްރެޒިލް ކީޕަރު ހޯދުމަށް ލިވަރޕޫލް އިން މަސައްކަތްކުރަނީ
ލިވަރޕޫލްއިން ހުށަހަޅާ 62 މިލިއަން ޕައުންޑްގެ އަގަކީ ކީޕަރަކަށް ރެކޯޑް އަދަދެއް
އެލިސަން ވަނީ ވާރލްޑްކަޕްގައި ރަނގަޅު ކުޅުމެއް ދައްކާފައި

އިޓާލިއަން ސެރީ-އޭގެ އޭއެސް ރޯމާގެ ގޯލް ބަލަހައްޓާ ބްރެޒިލްގެ އެލިސަން ހޯދުމަށް އިނގިރޭސި ޕްރިމިއަރ ލީގުގެ ލިވަރޕޫލް އިން ރެކޯޑް އަދަދެއް ކަމަށްވާ 62 މިލިއަން ޕައުންޑް (70 މިލިއަން ޔޫރޯ) ހުށަހަޅައިފިއެވެ. 

މީގެ ކުރިން މިއަގުގައި ކީޕަރެއް ގަތުމަށް ޓީމަކުން ހުށަހަޅާފައި ނުވި ނަމަވެސް، ރޯމާ އިން ވަނީ އެޓީމުން އެލިސަން ވިއްކާލާނީ 66 މިލިއަން ޕައުންޑަށް ކަމަށް ބުނެފައެވެ. މީގެ ކުރިން ކީޕަރެއް ގަތުމަށް އެންމެ ބޮޑު ޚަރަދެއް ކުރީ ޔުވެންޓަސް އިންނެވެ. ޔުވެންޓަސް އިން 2001 ވަނަ އަހަރު ޕާރްމާގައި ހުރި ބުފޮން އެޓީމަށް ގެންދިޔައީ 53 މިލިއަން ޔޫރޯއަށެވެ. ޕްރިމިއަރ ލީގުގެ އެންމެ އަގު ބޮޑު ކީޕަރަކީ 2017 ވަނަ އަހަރު ޖޫން މަހު 40 މިލިއަން ޔޫރޯއަށް ޕޯޗުގަލްގެ ބެންފީކާ އިން މެންޗެސްޓަރ ސިޓީއަށް ގެންދިޔަ އެޑަރސަންއެވެ.

ބްރެޒިލްގެ އިންޓަނާސިއޯނެލް އިން ކެރިއަރ ފެށި 25 އަހަރުގެ ޒުވާން ކީޕަރު އެލިސަން ވަނީ ނިމިދިޔަ ސީޒަންގައި ސެރީ-އޭގެ 37 ގޭމްގައި ރޯމާގެ ގޯލް ބަލަހައްޓާފައެވެ. އޭގެ ތެރޭގައި އެގްރިގޭޓް 7-6 އިން ލިވަރޕޫލް އަތުން ރޯމާ ސެމީގައި ބަލިވިއިރު ކުޅުނު ދެ ލެގުގެ މެޗުތައް ވެސް ހިމެނެއެވެ. 

އައު ކީޕަރެއް ހޯދުމަށް ލިވަރޕޫލުން މަސައްކަތްކުރާ އިރު އެޓީމުގެ މިހާރުގެ ކީޕަރ ލޮރިސް ކެރިއަސް ވަނީ ސީޒަންގެ ކުރިން ޓްރަންމެއަރއާ ދެކޮޅަށް ކުޅުނު މެޗުގައި ވެސް އިދިކޮޅު ޓީމަށް ސްކޯރ ކުރަން ފަސޭހަ ފުރުސަތުތަކެއް ހުޅުވައިދީފައެވެ. މީގެ އިތުރުން ޗެމްޕިއަންސް ލީގް ފައިނަލްގައި ރެއާލް މެޑްރިޑް އަތުން 3-1 އިން ބަލިވި މެޗުގައި ވެސް ކެރިއަސްއަށް ގޯސްތަކެއް ހެދުނެވެ. 

ލިވަރޕޫލްއިން ގެންނަން މަސައްކަތްކުރާ ބްރެޒިލްގެ އެލިސަން ވަނީ ނިމިދިޔަ ވާރލްޑް ކަޕްގައި ބްރެޒިލް ކުޅުނު ފަސް މެޗުގައި ވެސް ރަނގަޅު ކުޅުމެއް ދައްކާފައެވެ. ބްރެޒިލް ވާރލްޑް ކަޕްއިން ކެޓީ ކުއާޓަރ ފައިނަލުންނެވެ.

- ކޮމެންޓް